ބޮލީވުޑް

"ނާގިން" ޓްރިލޮޖީ ޝްރައްދާ ކަޕޫރަށް

ނިކިލް ދިވޭދީގެ "ނާގިން" ޓްރިލޮޖީގެ ބަތަލާއަކަށް ޝްރައްދާ ކަޕޫރު ހަމަޖެހިއްޖެ އެވެ. ބުދަ ދުވަހު ޝްރައްދާ ވަނީ މިކަން ސޯޝަލް މީޑިއާގައި އޭނާގެ ފޭނުންނާ ހިއްސާ ކޮށްފަ އެވެ.

އިންޑިޔާގައި "ނާގިން" ނުވަތަ ހަރުފަ ފިލްމުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ. އެހެންކަމުން "ނާގިން" ކުޅެން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް ޝްރައްދާ ބުނެފައި ވެއެވެ.

ކުރިން މިފަދަ ހަރުފަ ރޯލުތައް އެންމެ ފުރިހަމައަށް ފިލްމެއްގައި ކުޅެލާފައިވަނީ "ނާގީނާ" އާއި "ނިގާހޭން" ގައި ޝްރީދޭވީ އެވެ.

ހަރުފައިގެ އެކި ވާހަކަ ތަކަކީ ވަރަށް ކުރީ ޒަމާނުއްސުރެ އިންޑިޔާގައި ކިޔާ އުޅޭ މަޝްހޫރު ފުލޯކު ވާހަކަތަކެކެވެ. ވީމާ ހަރުފައިގެ މިފަދަ ވާހަކަ ތަކަށް އިންޑިޔާ މީހުން ވަރަށް ޝައުގުވެރިކަން ހުރެ އެވެ. ޝްރައްދާ ބުނީ ތިން ފިލްމު އެކުލެވޭ މި ޓްރިލޮޖީ ކުޅެން އެއްބަސްވި ޝްރީދޭވީ އަކީ އޭނާ ވަރަށް ލޯބިވާ ބަތަލާ އަކަށް ވެފައި ހަރުފަ ފިލްމެއް ކުޅެލާހިތް އޮތީމަ ކަމަށެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ މިފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ 2021 ގައެވެ.
ޝްރީދޭވީ ނޫނަސް ވަރަށް ގިނަ ބަތަލާއިން ހަރުފަ ފިލްމުތަކުގައި އިންސާނުންގެ ސިފަޔަށް ބަދަލުވެވޭ ހަރުފައިގެ ރޯލުތައް ކުޅެފައި ވެއެވެ. އެގޮތުން ރޭކާ، ރީނާ ރޯއީ، މަނީޝާ ކޮއިރާލާ، މިނާކްޝީ ޝެޝާދްރީ އަދި ވިޖެންތިމާލާ ކުޅުނު ހަރުފަ ފިލްމުތަކުން އެ ބަތަލާއިންގެ ކެރިއަރަށް ވަރަށް ރަނގަޅު ކުރިއެރުމެއް ހޯދުނެވެ.
ޓައިމްސް އޮފް އިންޑިޔާއިން ބުނި ގޮތުގައި ޝްރައްދާ ކުޅޭ މި ފިލްމުގައި ވަރަށް ޝައުގުވެރިވާ ކަހަލަ ވިޝުއަލް އިފެކްޓްސް ބޭނުންކުރާނެ އެވެ.

ޝްރައްދާގެ މިދިޔަ އަހަރު ނުކުތް "ޗިޗޯރޭ" އާއި "ސާހޯ" ސުޕަހިޓް ވެފައި ވެއެވެ. އަދި "ސްޓްރީޓް ޑާންސާ" އާއި "ބާޣީ 3" އަށް ވެސް ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނެވެ.

މިހާރު ޝްރައްދާ ތައްޔާރުވަމުންދަނީ ރަންބީރު ކަޕޫރާއެކު އޭނާ ފުރަތަމަ ކުޅެން ހަމަޖެހިފައިވާ ފިލްމުގެ މަސައްކަތް ފެށުމަށެވެ. ލަވް ރަންޖަންގެ މި ފިލްމުގެ ޝޫޓިން ނޮވެމްބަރުގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.