އަނޫ އަގަރްވާލް އާއި ރާހޫލް ރޯއީ ފިލްމީ ދުނިޔެއަށް ތައާރަފްވީ 1990 ގައި މަހޭޝް ބަޓް ޑައިރެކްޓްކުރި "އާޝިގީ" އިންނެވެ. އެ ފިލްމު ވެގެން ދިޔައީ މުޅި އެ އަހަރު ވެސް ރިލީޒްކުރި އެންމެ ރީތި އަދި އެންމެ ކާމިޔާބު ފިލްމަށެވެ. އަދި މިއަދާ ހަމައަށް ވެސް ފިލްމުގެ ލަވަތަކާއި ވާހަކައިގެ މަތިން ގިނަ ބަޔަކު ހަނދާން ނުނެތެ އެވެ. ނަމަވެސް "އާޝިގީ" އުފެއްދި ޕްރޮޑިއުސަރުން 2013 ގައި އުފެއްދި ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއި ކަޕޫރު ލީޑް ރޯލު ކުޅެފައިވާ "އާޝިގީ 2" އާ މެދު އަނޫ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. އަނޫ ބުނި ގޮތުގައި އެ ފިލްމުން އޭނާއަށް ލިބުނީ ވަރަށް ބޮޑު މާޔޫސް ކަމެކެވެ.
އަނޫގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާ ބުނީ "އާޝިގީ 2" ކަމު ނުދިޔައީ ކޮންމެހެން އެ ފިލްމުގައި މައްސަލައެއް އޮވެގެނެއް ނޫނެވެ. އޭނާ އުންމީދު ކުރި ކަހަލަ ފިލްމަކަށް އެ ފިލްމު ނުވީމަ އެވެ.
އަނޫ ބުނި ގޮތުގައި އޭނާ އުންމީދު ކޮށްގެން ހުރީ "އާޝިގީ" ގެ ސީކުއަލް އަކަށް "އާޝިގީ 2" ވާނެ ކަމަށެވެ. މާނައަކީ "އާޝިގީ" ނިމުނު ހިސާބުން އެ ފިލްމުގެ ސްޓޯރީ ލައިން "އާޝިގީ 2" ގައި ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. ނަމަވެސް "އާޝިގީ 2" އަކީ މުޅިން ތަފާތު ވާހަކައަކަށް އުފެއްދި ފިލްމެކެވެ. އަނޫ މާޔޫސްވީ މި ސަބަބާ ހުރެ އެވެ.
އަނޫ ބުނި ގޮތުގައި "އާޝިގީ 2" ރިލީޒްކުރީ އޭނާ ހިންދީ ފިލްމު ބެލުން މުޅިން ހުއްޓާލައިން ހުރި ދުވަސްވަރެއްގައި ކަމުން އެ ފިލްމު އޭނާއަށް ނުބަލަ އެވެ. ނަމަވެސް ފިލްމު ރިލީޒް ކުރުމާއެކު މީހުން އެ ފިލްމާ ބެހޭ ގޮތުން ލިޔެފައިވާ ރިވިއުތަކުން އެއީ "އާޝިގީ"ގެ ސީކުއަލް ނޫންކަން ޔަގީން ކުރެވުނީ އެވެ.
"އާޝިގީ 2" އަކީ "އަ ސްޓާ އިޒް ބޯން" ގެ ހިންދީ ރިމޭކެކެވެ. ފިލްމުގައި އާރޯހީ (ޝްރައްދާ) އަކީ ރީތިކޮށް ލަވަކިޔާ އަންހެންކުއްޖެކެވެ. ރާހޫލް (އަދިތުޔާ) އަކީ މިއުޒީޝަނެކެވެ.
ރީތިކޮށް ލަވަ ކިޔޭކަމަށް އަމިއްލަ ނަފްސަށް ގަބޫލު ނުކުރާ އާރޯހީ ލަވަކިޔުމުގެ ދުނިޔެއަށް ނެރެ ބޮޑު މަޝްހޫރުކަމެއް ހޯދައި ދެނީ ރާހޫލް އެވެ. ރާހޫލް އަކީ މޮޅު އަދި މަޝްހޫރު ލަވަކިޔުންތެރިއެއް ނަމަވެސް ބަނގުރަލުގެ މަސްތުގައި ޖެހި އޭނާ އަމިއްލައަށް ކެރިއަރު ބަރުބާދުކޮށްލާފައި ހުރި މީހެކެވެ. އޭނާގެ މަސައްކަތުން އާރޯހީއަށް ލިބޭ ކާމިޔާބާމެދު ރާހޫލް ހަސަދަވެރިވެ އެވެ. އަދި މި ހަސަދަ އެ ދެ ލޯބިވެރިންގެ ލޯތްބަށް ދިމާވާ ބޮޑު ގޮންޖެހުމަކަށް ވެއެވެ.
"އާޝިގީ 2" އާ ހިތްހަމަނުޖެހުނީ އަނޫ އެކަންޏެއް ނޫނެވެ. ރާހޫލް ރޯއީ ވެސް މި ފިލްމާ ހިތްހަމަނުޖެހޭ ކަމަށް ބުނެފައި ވެއެވެ. ފިލްމު ރިލީޒްކުރި ދުވަސްވަރު ރާހޫލް ބުނެފައިވަނީ "އާޝިގީ" ގެ ޖާދޫ އަލުން އެހެން ފިލްމަކުން ދެއްކި ދާނެ ކަމަށް ގަބޫލު ނުކުރާށެވެ. ކުރިން ކާމިޔާބުވި ރީތި ފިލްމުތަކުގެ ސީކުއަލް ހަދައިގެން މާ ރަނގަޅު ކާމިޔާބެއް ނުލިބޭކަން ވެސް ރާހޫލް ފާހަގަ ކުރި އެވެ.
ރާހޫލް ބުނި ގޮތުގައި "އާޝިގީ 2" ގައި ވާނީ ކިހިނެއްކަން އެކަކަށް ވެސް ނޭނގެ އެވެ. ކުރީގެ ފިލްމުގެ ޖާދޫ މި ފަހަރު ވެސް ދައްކާލެވޭނެ ކަމާ މެދު ވެސް ޝައްކެވެ.
ޔަގީންވީ ކަމަކީ ރާހޫލް ވާހަކަ ދެއްކީ "އާޝިގީ 2" ނުބަލާ ކަމެވެ. އޭނާގެ ވާހަކައިން އެކަން ހާމަ ވެއެވެ.
އަނޫ އާއި ރާހޫލް ނުރުހުނަސް "އާޝިގީ 2" ވެގެން ދިޔައީ "އާޝިގީ" އަށް ދޫނުކުރާ ވަރުގެ ރީތި އަދި ބޮކްސް އޮފީހުގައި ވެސް އެހާ ރަނގަޅަށް ހިނގި ފިލްމަކަށެވެ. "އާޝިގީ"ގެ ލަވަތައް ފަދައިން "އާޝިގީ 2"ގެ ލަވަތައް ވެސް މިއަދާ ހަމައަށް ވެސް ގިނަ ބަޔަކަށް ވަރަށް މަގްބޫލު ލަވަތަކަކަށް ވެފައި ވެއެވެ.