ދިވެހިރާއްޖެއަކީ ޝްރައްދާ ކަޕޫރުގެ ފޭވަރިޓް ހޮލިޑޭ ޑެސްޓިނޭޝަނެއް ވެފައިވާކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. ފާއިތުވީ ދެ މަހެއް ތެރޭ ތިން ފަހަރެއްގެ މަތިން ޝްރައްދާ ވަނީ ރާއްޖެ އައިސްފަ އެވެ. މާޗް މަހު ދެ ފަހަރު އައިސްފައި ވެއެވެ. އަދި މިހާރު ވެސް އޭނާ ދަނީ ބަރޮސްގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.
ޝްރައްދާ މިއަހަރު ފުރަތަމަ ފަހަރަށް ރާއްޖެ އައީ ދެބެންގެ ދެދަރި ކޮއްކޮ ޕްރިޔަންކް ޝަރުމާގެ ކައިވެނީގެ ރަސްމިއްޔާތުތަކެއްގައި ބައިވެރި ވުމަށެވެ. އެ ފަހަރު އޭނާއާއެކު ލޯބިވެރިޔާ ރޯހަން ޝްރެސްތާ ބައިވެރިވި އެވެ. އޭގެ ފަހުން މައިންބަފައިން ގޮވައިގެން ވެސް އޭނާ ވަނީ ރާއްޖެ އައިސްފަ އެވެ.
ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ޝްރައްދާ އިންސްޓަގްރާމްގައި ޝެއާ ކުރުމުން މިލިއަނަކަށް ވުރެ ގިނަ ލައިކްސް އެ ފޮޓޯތަކަށް ލިބެމުންދެ އެވެ. ޔަގީންވާ ކަމަކީ ޝްރައްދާގެ ހިތުގައި ރާއްޖެއަށް އާދަޔާޚިލާފު ލޯތްބެއް އުފެދިއްޖެ ކަމެވެ. ޝްރައްދާ މިފަހަރު ރާއްޖެ އައިސް ބަރޮސްގެ ޖެޓީ މަތީގައި ނަގާފައިވާ ފޮޓޯއެއް ޝެއާ ކޮށްލުމާއެކު އޭނާގެ ބޭބެ ސިދާންތު ކަޕޫރަކަށް ޝްރައްދާ އާ ބެހި ނުލައި މަޑަކުން ނުހުރެވުނެވެ.
ޝްރައްދާގެ ފޮޓޯއަށް އޭނާގެ ބޭބެ ކޮށްފައިވާ ކޮމެންޓެއްގައި ވަރަށް ބުއްދިވެރި ޚިޔާލެއް ދީފައި ވެއެވެ.
"މިހާރު ހިނގާ ދޯ ދެން އެތަނުގައި [ރާއްޖޭގައި] ދިރިއުޅެމާ،" ސިދާންތުގެ ކޮމެންޓުގައި ލިޔެފައި ވެއެވެ.
ސިދާންތު ބުންޏަސް އެއީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. މުމްބާއި އާއި ރާއްޖެއާ ދެމެދު އިރުކޮޅަކާ ދަތުރު ކުރުމަށްވުރެ ރާއްޖޭގައި ހުރިއްޔާ މާ ރަނގަޅުވާނެ އެވެ.
ޝްރައްދާ މިހާ ގިނައިން ރާއްޖެ އަންނަނީ އޭނާއަށް މިދުވަސްކޮޅު ވަރަށް ބޮޑަށް ޗުއްޓީ ލިބޭތީ އެވެ. އެއީ އޭނާ މިވަގުތު މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ފިލްމުގެ މަސައްކަތް އެ ފިލްމުގެ ބަތަލު ރަންބީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވް ވެގެން ވަނީ މެދުކެނޑިފަ އެވެ. ބެލެވޭ ގޮތުގައި ރާއްޖޭގައި ދުވަސްތައް ހޭދަކުރަން ޝްރައްދާ ބޭނުން ވަނީ ފިލްމުގެ ޝޫޓިންގް ނެތުމުން ޗުއްޓީގައި ގޭގއި މަޑު ނުކުރަން ވެގެނެވެ.