ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ ދާދި ފަހުން ވަނީ އޭނާގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށްވާ "ސަތުޔަނާރަޔަން ކީ ކަތާ" އިއުލާން ކޮށްފަ އެވެ. ސާޖިދު ބުނެފައިވާ ގޮތުގައި މިއީ މިއުޒިކަލް ރޮމޭންސް ފިލްމެކެވެ. އަދި ފިލްމުގެ ބަތަލަކަށް ކާރްތިކް އާރްޔަން ހަމަޖެހިފައިވާ ކަމަށް ވެސް ސާޖިދު ވަނީ ބުނެފަ އެވެ. ކާރްތިކް އާއެކު މި ފިލްމުގައި ބަތަލާގެ ރޯލު ކުޅެނީ ކޮން އެކްޓަރެއް ކަމަށް ސާޖިދު އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ބަތަލާގެ ރޯލަށް ހަމަޖެހިފައިވަނީ ޝްރައްދާ ކަޕޫރެވެ.
ސާޖިދުގެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި "ބާޣީ" ގެ ދެ ފިލްމެއްގައި ޝްރައްދާ މަސައްކަތް ކޮށްފައި ވުމާއެކު ސާޖިދުގެ ހިތުގައި ޝްރައްދާ އަށް ޚާއްސަ އިހުތިރާމަކާއި ގަދަރެއް އޮވެ އެވެ. އެހެންވެ އެންމެ ފުރަތަމައިނުން ވެސް ސާޖިދު މި ފިލްމަށް ބޭނުންވީ ޝްރައްދާ އެވެ.
ޝްރައްދާ އަށް ފިލްމުގެ ސްކްރިޕްޓް މިހާރު ވަނީ ކިޔައިދީފަ އެވެ. އަދި އޭނާ ފިލްމު ކުޅެދޭން އަނގަ ބަހުން އެއްބަސް ވެފައިވާ ކަމަށް ވެއެވެ. ނަމަވެސް ފިލްމު އިއުލާން ކުރިއިރު ބަތަލާގެ ނަން އިއުލާން ނުކުރީ ޝްރައްދާ އަދި ފިލްމު ކުޅުމުގެ އެގްރިމެންޓުގައި ސޮއި ނުކުރާތީ އެވެ.
"ސަތުޔަނާރަޔަން ކީ ކަތާ" އަށް ސާޖިދު ބޭނުން ވަނީ މުޅިން އާ ޖޯޑެކެވެ. ޝްރައްދާ އާއި ކާރްތިކް މީގެ ކުރިން އެކުގައި މަސައްކަތެއް ނުކުރެ އެވެ. އަނެއްކާ ދެ އެކްޓަރުންނަކީ ވެސް ޒުވާން ރީތި ދެ އެކްޓަރުންނަށް ވާތީ އެމީހުންގެ ކެމިސްޓްރީ ވަރަށް ރަނގަޅުވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ސަމީރް ވިދްވަން ޑައިރެކްޓް ކުރާ މި ފިލްމުގެ މަސައްކަތް އަންނަ ނޮވެމްބަރު ހިސާބުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ޝްރައްދާ އާއި ކާރްތިކަށް މީގެ ކުރިން ވެސް ބައެއް ފިލްމުތައް އެކުގައި ކުޅެން ލިބުނެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެ ދެ އެކްޓަރުންނަށް އެކުގައި ފިލްމެއް ކުޅުމުގެ ފުރުސަތު އޮތީ ނުލިބިފަ އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ "ކިރިކް ޕާޓީ" ވެސް މި ދެ އެކްޓަރުން ކުޅެން ހަމަޖެހިފައިވާ ކަމުގެ ޚަބަރުތަކެއް ތަންކޮޅެއް ކުރިން އިވިފައި ވެއެވެ. ނަމަވެސް މި ފިލްމުގެ ޚަބަރެއް ވެސް ފަހަކުން ނުވެ އެވެ. އަދި ޝްރައްދާ އާއި ޝާހިދު ކަޕޫރު ކުޅުނު "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ ދެ ވަނަ ބަތަލުގެ ރޯލު ވެސް ކާރްތިކް އަށް ހުށަހެޅި އެވެ. ނަމަވެސް ލީޑް ރޯލު ނޫން ވީމަ އޭނާ އެ ފިލްމު ގަބޫލު ނުކުރީ އެވެ.