ބޮލީވުޑްގެ ތަރިންގެ ދަރިންނަށް އެ އިންޑަސްޓްރީން ގިނަ ފުރުސަތުތަކެއް ފަހިވެފައި އޮންނަ ކަމަށް ބަހުސް ކުރާތާ ދުވަސް ތަކެއް ވެއްޖެ އެވެ. މިއީ މުޅިއަކުން ހަގީގަތެއް ނޫންކަމާއި އެމީހެއްގެ ހުނަރާއި ގާބިލްކަން ވެސް ކާމިޔާބު އެކްޓަރަކަށް ވުމުގައި މުހިއްމު ދައުރެއް އަދާކުރާކަން ބައެއް އެކްޓަރުން ވަނީ ސާބިތުކޮށްދީފަ އެވެ.
ކާރްތިކް އާރްޔަން އާއި ރާޖް ކުމާރު ރާއޯ އަދި ވިކްރާންތު މެސީ ކަހަލަ ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ އެކްޓަރުން ހޯދަމުންދާ ކާމިޔާބުން ވެސް އެކްޓަރެއްގެ ކާމިޔާބީގައި އެމީހެއްގެ ހުނަރު މުހިއްމު ދައުރެއް ކުޅޭކަން ޔަގީންވެ އެވެ.
ކާރްތިކްގެ އެންމެ ފަހުގެ ފިލްމު "ބޫލް ބުލައްޔާ 2" ބޮކްސް އޮފީހުގައި 266 ކްރޯޑުގެ ވިޔަފާރިއެއް ކޮށްފައިވެ އެވެ. އަދި މި ފިލްމަކީ 2022ގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމު ވެސް މެއެވެ.
ކާރްތިކް ދެކޭ ގޮތުގައި މި ވަގުތު އޭނާގެ ކެރިއަރު ބާރު ސްޕީޑުގައި ކުރިއަރަމުން ދިޔަ ނަމަވެސް އެންމެ ފިލްމެއް ފްލޮޕްވިޔަސް އޭނާގެ ދުވަސް ހިނގައިދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ސަބަބަކީ އޭނާއަކީ އިންޑަސްޓްރީގެ އެއްވެސް މީހަކާ ގުޅުން ނެތް އެކްޓަރަކަށް ވާތީ އެވެ.
ކާރްތިކް ގަބޫލުކުރާ އޭނާގެ އެންމެ ފިލްމަކަށް ނާކާމިޔާބީ ކުރިމަތިވިޔަސް އޭނާގެ ދުވަސް ދިޔައީ ކަމަށް ނޫސްތަކުން ލިޔަން ފަށާނެ އެވެ. އަދި އެހިސާބުން އޭނައަށް ފިލްމު ދޭން ޕްރޮޑިއުސަރުން ފަސް ޖެހޭނެ އެވެ.
ނަމަވެސް ކާރްތިކް އަކީ މި ވަގުތު އެންމެ ވިކޭ އެއް އެކްޓަރެވެ. އަދި ގިނަ ޕްރޮޑިއުސަރުން އެ އެކްޓަރެއް ލައްވާ މަސައްކަތް ކުރުވަން ބޭނުންވާ އެއް އެކްޓަރު ވެސް މެއެވެ.
ކާރްތިކްގެ ވަރަށް އުންމީދީ ޕްރޮޖެކްޓްތަކެއް ކުރިއަށް ވެސް އެބަހުއްޓެވެ. މީގެތެރޭގައި ކިއާރާ އަދުވާނީ އާއެކު ކުޅޭ "ސަތިޔަޕްރޭމް ކީ ކަތާ" އާއި ކްރީތީ ސެނޯން އާއެކު ކުޅޭ "ޝެހެޒާދޭ" ކިޔާ ފިލްމެއް ހިމެނެ އެވެ. އަދި "ފްރެޑީ" އާއި ކެޕްޓަން އިންޑިއާ" އަކީ ވެސް ކާރްތިކް ކުޅެން ހަމަޖެހިފައިވާ ފިލްމު ތަކެކެވެ.