އާ އަހަރަކާއެކު ބޮލީވުޑުން މުޅިން އާ ލޯބީގެ ޖޯޑުތަކެއް ވަނީ ފެންނަން ފަށާފަ އެވެ. އިޝާން ޚައްތަރު އާއި އަނަންޔާ ޕާންޑޭ، ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ފަދަ ތަރިން އެމީހުންގެ ހަގީގީ ލޯބީގެ ގުޅުން އޮންނަ ކަން މިހާރު މުޅި ދުނިޔެއަށް ވަނީ ހާމަކޮށްފަ އެވެ.
ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ފަހުން އެމީހުންގެ ގުޅުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވަނީ ޖާންވީ ކަޕޫރާއި ކާރްތިކް އާރްޔަން އެވެ. މި ދެ ތަރިން ރައްޓެހި ވެގެން އުޅޭ ކަމެއް މީގެ ކުރިން މާ ގިނަ ބަޔަކަށް ނޭނގެ އެވެ. ނަމަވެސް މިހާރު ގޯއާގައި ޗުއްޓީ ހޭދަ ކުރަމުންދާ މި ދެ އެކްޓަރުން ވަނީ އެކުގައި ޗުއްޓީ ހޭދަ ކުރަމުން ދާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. މިއީ މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިފައިވާކަން ދުނިޔެއަށް ހާމަކުރުން ކަމަށް ވަނީ ބެލެވިފަ އެވެ.
"ދޯސްތާނާ 2"ގައި އެކުގައި މަސައްކަތްކުރާ ޖާންވީ އާއި ކާރްތިކްގެ ފޮޓޯތައް އެމީހުންގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓްތަކުން ޝެއާ ކުރަން ފެށުމުން ސޯޝަލް މިޑިއާގައި މި ފޮޓޯތައް ވައިރަލްވެ ގިނަ ބަޔަކަށް މިއީ ވަރަށް މަޖާ އުފާވެރި ކަމަކަށް ވެގެން އެބަ އުޅެ އެވެ. ޚާއްސަކޮށް ޖާންވީ އާއި ކާރްތިކް ގުޅެން ބޭނުންވާ އެ ދެ ތަރިންގެ ފޭނުންނަށް މިކަން ވީ ވަރުގަދަ އީދެއް އައުން ފަދަ ކަމަކަށެވެ.
އެންމެ މަޖާ ކަމަކީ ދެ މީހުން ހެދުން ވެސް އަޅާފައި ތިބީ ވަރަށް ގުޅުވައިގެން ކަމަށް ވާތީ އެވެ.
ޖާންވީ އާއި ކާރްތިކްގެ ލޯބީގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވީ ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާގެ ނިއު އިޔާ ޕާޓީއަށް މި ދެ ތަރިން އެކުގައި އަތުގުޅާލައިގެން ދިޔަ ހިސާބުންނެވެ. އެއަށް ފަހު އާދީއްތަ ދުވަހު ދެ މީހުން އެކުގައި ގޯއާއަށް ޗުއްޓީއަކަށް ފުރިތަން ފެނުމުން މި ވާހަކަތައް އިތުރަށް ދެކެވޭގޮތް ވިއެވެ.
"ނަފްސަށް ހަމަޖެހުން ލިބުނީމަ ފެންނާނީ މިގޮތަށް،" ކާރްތިކް އިންސްޓަގްރާމްގައި ޝެއާކުރި ސެލްފީއެއްގެ ކެޕްޝަންގައި ލިޔެފައި ވެއެވެ. މި ސެލްފީ ބަލާފައި ވެސް ވަރަށް ގިނަ ބަޔަކު ފާހަގަކުރީ މުޅިން ތަފާތު ކަމެކެވެ. ސެލްފީގައި ކާރްތިކް އިންނަނީ ކަޅު، ބޮޑު އައިނެއް އަޅައިގެންނެވެ. އެ އައިނުން އަންހެންކުއްޖެގެ އަތުގެ ހިޔަނި ފެނެ އެވެ. އެހެން ކަމުން އެއީ ޖާންވީގެ އަތް ކަމަށް އޭރުވެސް ވަރަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ޝެއާކުރީ އެ ފޮޓޯއަށް ތަފާތު ކޮމެންޓުތައް ކުރަން ފެށުމުންނެވެ.
ޖާންވީ ކުރިން ރައްޓެހިވެގެން އުޅުނީ އިޝާން ޚައްތަރު އާ ކަމަށް ވެއެވެ. ޖާންވީ އާއި ކާރްތިކް ގޯއާގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރު އިޝާން އާއި އަނަންޔާ ޕާންޑޭ ރާއްޖޭގައި ދިޔައީ ޗުއްޓީ ހޭދަކުރަމުންނެވެ. ކާރްތިކް ކުރިން ރައްޓެހިވީ އޭނާގެ "ލަވް އާޖް ކަލް" ގެ ބަތަލާ ސާރާ އަލީ ޚާން އާ ކަމަށް އަޑު ފެތުރިފައި ވެއެވެ.