ޖާންވީ ކަޕޫރު

މަންމައާ ހަމައަށް ދެވެންދެން ފިލްމު ކުޅޭނަން: ޖާންވީ

ބަތަލާ ޖާންވީ ކަޕޫރަށް މިއީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ މަހެކެވެ. އޭނާގެ މިހާރު ރިލީޒް ވާން ތައްޔާރު ވެފައިވާ "ރޫހީ" ގެ ޓްރެއިލާ ދާދި ފަހުން ލޯންޗު ކޮށްފައިވާއިރު ފިލްމު ރިލީޒް ވަންދެން އޭނާއަށް އުޅެން ޖެހޭނީ އެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގަ އެވެ. އަދި މި މަސައްކަތާ އެކުއެކުގައި އޭނާ މިހާރު ޝޫޓް ކުރަމުންދާ "ގުޑް ލަކް ޖެރީ" ގެ މަސައްކަތް ވެސް ޖާންވީ ކުރަން ޖެހެ އެވެ.

ދާދި ފަހުން 24 ވަނަ އުފަން ދުވަސް ފާހަގަކުރި ޖާންވީ ފިލްމްފެއާއަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އުފަން ދުވަހު ވެސް އުޅޭނީ ފިލްމު ސެޓުގައި ކަމަށެވެ.

އެހާ ބިޒީކޮށް އުޅޭއިރު ވަރުބަލި ނުވޭތޯ ނޫސްވެރިޔަކު ޖާންވީ އާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ އެމީހަކު ހިތްހަމަޖެހޭ ކުރަން ލޯބިކުރާ ކަމެއް ކުރާއިރު ވަރުބަލިކަން އިހްސާސް ނުވާނެ ކަމަށެވެ.

"ސެޓުގައި އުޅޭ ވަގުތު އަހަންނަށް ހީވަނީ މި އުޅެވެނީ ޗުއްޓީގައޭ. ތެދު ތެދަށް ބުނާނަމަ ބުނެވޭނީ މިއީ އަހަރެން ވަރަށް ގަޔާވެގެން ކުރާހިތުން ކުރާ ކަމެކޭ،" ޖާންވީ ބުންޏެވެ.

ޖާންވީ ބުނި ގޮތުގައި އޭނާގެ މަންމަ ފިލްމު ކުޅުނުއިރު ދުވާލަކު ތިން ޝެޑިއުލް ނުވަތަ ހަތަރު ޝެޑިއުލްގައި ވެސް މަސައްކަތް ކުރި ކަމަށް މީހުން ބުނާތީ އަޑު އިވިފައި ވެއެވެ.

"މަންމަ މަސައްކަތް ކުރި ފެންވަރަށް އެ ލެވެލް އަށް ދެވެންދެން އަހަރެން ފިލްމު ކުޅުން ހުއްޓާނުލާ ކުރިޔަށް ގެންދާނަން. އަހަރެންނެއް ނުބުނާނަން ވަރުބަލި ވެއްޖޭ ނިދަން ވެއްޖޭ ދާން ވެއްޖެއެކޭ،" ޖާންވީ ބުންޏެވެ.

ރާޖްކުމާރު ރާއޯ އާއެކު ޖާންވީ ކުޅެފައިވާ "ރޫހީ" މާޗް 11 ވަނަ ދުވަހު އިންޑިއާގެ ސިނަމާތަކުގައި ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި ޖާންވީ ވަރަށް މޮޅަށް ނަށާފައިވާ ލަވައެއް މިހާރު ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލު ކަމެއް ވަނީ ހޯދާފަ އެވެ.