ދައްތަ، ޖާންވީ ކަޕޫރުގެ ފަހަތުން އޭނާގެ ކޮއްކޮ ޚުޝީ ކަޕޫރު ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ. މި ދެ ބެންގެ ބައްޕަ ބޯނީ ކަޕޫރު ވަނީ ޚުޝީ ފިލްމު ކުޅެން ފަށަން އުޅޭކަން ޔަގީން ކޮށްދީފަ އެވެ.
ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި ބޯނީ ބުނީ ފިލްމު ކުޅުމުގެ ޝައުގުވެރިކަން ޚުޝީގެ ވެސް އެބަހުއްޓެވެ. ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ބޯނީ ބުންޏެވެ.
ނަމަވެސް 20 އަހަރުގެ ޚުޝީ ބޮލިވުޑަށް ލޯންޗު ކުރުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ބޯނީ ބުންޏެވެ.
"އަހަރެންގެ އަތުގައި ވަސީލަތްތައް އެބަހުރި. ނަމަވެސް އަހަރެން ބޭނުންވީ އެހެން މީހަކު ޚުޝީ ބޮލީވުޑަށް ތައާރަފު ކުރުމުގެ ޒިންމާ ނަގަން. ސަބަބަކީ އަހަރެންނަކީ އޭނާގެ ބައްޕަ ވީމަ އަހަރެންނަށް އިންސާފުވެރިކަމާއެކު އެކަން ނުކުރެވިދާނެތީ،" ބޯނީ ބުންޏެވެ.
ބޯނީ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ޚުޝީގެ އަމިއްލަ މަސައްކަތުން ހިންދީ ސިނަމާގައި ނުކުތުމެވެ. ޚުޝީ ލޯންޗު ކުރުމުގެ ޒިންމާ ނަގަނީ އޭނާ އެމީހަކަށް ވަރަށް އިހުތިރާމްކުރާ އަދި އެމީހާގެ އަތްމަތީގައި އޭނާގެ ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރެވޭ މީހެއް ކަމަށް ބޯނީ ބުންޏެވެ.
ޚުޝީ އާއި ޖާންވީ އަކީ ވަރަށް ފަހުން މަރުވި ކުޅަދާނަ ބަތަލާ ޝްރީ ދޭވީ އާއި ބޯނީ ކަޕޫރަށް ލިބުނު ދެ ދަރިންނެވެ. ފިލްމު އެކްޓަރު އަރްޖުން ކަޕޫރަކީ ބޯނީގެ ފުރަތަމަ އަނބިމީހާ މޯނާގެ ދަރިއެކެވެ. މޯނާ އާއި ބޯނީގެ ވެސް ދެ ދަރިން ތިބެ އެވެ. އަރްޖުން އާއި އަންޝުލާ އެވެ. އަންޝުލާގެ ފިލްމު ކުޅުމުގެ ޝައުގުވެރިކަމެއް ނެތެވެ.
ޖާންވީ ބޮލީވުޑަށް ނުކުތީ 2018 ގައި ރިލީޒްކުރި "ދަޅަކް" އިންނެވެ. ޖާންވީ މި ފިލްމުގެ ޝޫޓިން ފެށިއިރު ޝްރީދޭވީ ދުނިޔޭގައި ހުއްޓެވެ. ނަމަވެސް ފިލްމު ރިލީޒް ކުރިއިރު ދުނިޔެއަކު ނެތެވެ.
ޖާންވީ ބޮލީވުޑަށް ލޯންޗުކުރީ ކަރަން ޖޯހަރް އެވެ. އާލިއާ ބަޓް، ވަރުން ދަވަން އަދި އަނަންޔާ ޕާންޑޭ ފަދަ ވަރަށް ގިނަ ފިލްމީ ތަރިންގެ ދަރިން ކަރަން މިހާތަނަށް ލޯންޗު ކޮށްދީފައި ވެއެވެ.
ޚުޝީ ނޫނަސް ފިލްމީ ތަރިންގެ ބައެއް ދަރިން ބޮލީވުޑަށް ތައާރަފްވުމުގެ ކަންތައް މިހާރު ކުރިޔަށް އެބަދެ އެވެ. އެގޮތުން ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން އާއި ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ފިލްމުކުޅެން ޝައުގުވެރިވާކަން ވަނީ ފާޅުކޮށްފަ އެވެ. އަދި ފިލްމީ ރޮނގުން މި ކުދިން ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.