ލައިފްސްޓައިލް

ފިޓްނަސް އަށް ސަމާލުކަންދޭ 82 އަހަރުގެ މާމައެއް

އުމުރުން ދުވަސްވިޔަސް ކަސްރަތުކޮށް ފިޓްކޮށް ހުންނަން މަސައްކަތްކުރެވޭނެކަން 82 އަހަރުގެ މާމައެއް ވަނީ ސާބިތުކޮށްދީފަ އެވެ. މި މާމަ ކަސްރަތުކުރާ ވީޑީއޯއެއް ސޯޝަލްމީޑިއާގައި މިހާރު ވައިރަލްވެފައިވާއިރު ވީޑިއޯގައި ފެންނަނީ ގޭގައި ހުރެގެން މާމަ ބަރު އުފުލައި ކަސްރަތުތައް ކުރާ ތަނެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވަނީ އަންހެންމީހާގެ މާމަ ދަރިއެއް ކަމަށްވާ ޗިރާގް ޗޯޑިއާ އެވެ. ޗިރާގް ބުނެފައިވާ ގޮތުގައި އިންޑިޔާގެ ޗެންނައިގައި ދިރިއުޅޭ އޭނާގެ މާމައަކީ ފިޓްނަސް އަށް ވަރަށް ލޯބިކުރާ މީހެކެވެ.
މާމަގެ އިތުރު ވީޑީއޯތައް ވެސް ޗިރާގް މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އާދެ އެވެ. ނަމަވެސް އޭނާއަށް އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އެންމެ ފަހުން ޕޯސްޓް ކުރި ވީޑިއޯ އަށެވެ.

ޗިރާގު ބުނި ގޮތުގައި އެގެޔަށް ޒިޔާރަތްކުރާ މެހެމާނުން ވެސް މާމަ ފިޓްނަސް އަށްކުރާ މަސައްކަތް ފެނިފައި ހައިރާން ވެއެވެ. އަދި ހުރިހާ ވޯކްއައުޓްތަކެއް މާމަ ފުރިހަމަކޮށްލާލެއް މޮޅުކަމުން އެމީހުން ތިބޭނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
"ވަރަށް ގިނަ މީހުން ހީކުރަނީ އުމުރުން ދުވަސްވީމަ އެހާ ވަރުގަދަ ކަސްރަތު ތަކެއް ނުކުރެވޭނޭ. ބަރު އުފުލާ ކަސްރަތުތަކެއް ވެސް ނުކުރެވޭނޭ. ނަމަވެސް މި ޒަމާނުގައި ރަނގަޅަށް އިރުޝާދު ދޭނެ މީހެއް ހުރިނަމަވެސް މިއީ އުމުރުން ދުވަސް ވިޔަސް ކުރެވޭނެ ކަންތައްތައް،" ޗިރާގް ބުންޏެވެ.

ޗިރާގު ބުނި ގޮތުގައި މާމަ ކުރާ ކަސްރަތު ތަކަކީ ސީދާ މާމައަށް ޚާއްސަކޮށް ފަރުމާ ކޮށްފައިވާ ކަސްރަތު ތަކެކެވެ. އޭނާގެ ސިއްހީ މައްސަލަތަކަށް ބަލާފައި އޭނާ އަމިއްލައަށް މާމައަށް ތައްޔާރުކޮށްދީފައިވާ ކަސްރަތު ޕްރޮގްރާމެކެވެ.

"މާމަ ބޭނުންވީ ޖިމް އަށް ނުދިޔަސް ގޭގައި ކަސްރަތުކޮށް ފިޓް މީހަކަށް ވާން. އަދި އަމިއްލަ ހާލައިގެން އުޅެލެވޭ ވަރުގެ ގާބިލް ކަމެއް ހަށިގަނޑަށް ގެންނަން. އެހެންވެ ގޭގައި ހުރި ބައެއް އެއްޗެތި ބޭނުންކޮށްގެން މާމައަށް ރަނގަޅު ކަސްރަތު ޕްރޮގްރާމެއް ތައްޔާރުކުރީ،' ޗިރާގް ބުންޏެވެ،

މާމަ ކަސްރަތުކުރާއިރު މާމައާއެކު ޗިރާގް އާއި އިތުރު މާމަ ކުއްޖެއް ވެސް ބައިވެރިވެ އެވެ.