ބޮލީވުޑް

ޓީވީ ބަތަލާ މާލްވީއަށް ޕްރޮޑިއުސަރަކު ހަމަލާދީފި

އިންޑިޔާގެ ޗެނަލްތަކުން ދައްކާ ހިންދީ ޑްރާމާތައް ކުޅޭ ބަތަލާއެއް ކަމަށްވާ މާލްވީ މަލްހޯތުރާ އަށް ޕްރޮޑިއުސަރަކު ވަޅިން ހަމަލަދީ އޭނާ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ. މާލްވީގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުގެ އޮތޯރިޓީއާ ހަވާލާ ދީ އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

މި މަހުގެ 26 ވަނަ ދުވަހު މުމްބައިގައި ހިނގި މި ހާދިސާގައި މާލްވީ އަށް ޕްރޮޑިއުސަރު ހަމަލަ ދިނީ ކައިވެންޏަށް އެހުމުން ނޫނެކޭ ބުނީމަ އެވެ.

ޕްރޮޑިއުސަރު ޔޮގޭޝްކުމާރު މަހިޕާލް ސިންގް އާއި މާލްވީ ބައްދަލުވީ ފޭސްބުކުންނެވެ. ޕްރޮޑިއުސަރުގެ ފްރެންޑް ރިކުއެސްޓް މާލްވީ ގަބޫލު ކުރި ނަމަވެސް އޭނާ މާ ގިނައިން ލޯބީގެ ވާޙަކަތައް ދައްކަމުން ފެށުމުން މާލްވީ އޭނާ ބްލޮކްކޮށް ފްރެންޑް ލިސްޓުން ވެސް އުނިކުރީ އެވެ.

އޭގެ ފަހުން މާލްވީ ދާ ކޮންމެ ތަނަކުން އޭނާއާ ވާހަކަ ދައްކަމުން ޕްރޮޑިއުސަރު މަސައްކަތް ކުރަމުން ދިޔަ އެވެ.
މާލްވީ ފަހަތުން އަޅުވާލައިގެން ޕްރޮޑިއުސަރު އުޅެން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ހަމަލާ ދީފައިވަނީ ތަކަކާއެކު ކެފޭ އެއްގައި ސައިބޯން އިނދެފައި ގެއަށް ދިޔަ މަގުމަތީގަ އެވެ.

އެދުވަހު އޭނާ ތިން ފަހަރަށް މާލްވީ އަށް ހަމަލަދިނުމަށްފަހު ފިލީ އެވެ.
މާލްވީ އަށް ތާއީދުކޮށް އޭނާގެ ދިފާއުގައި ބަތަލާ ކަންގަނާ ރަނާވަތު ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަ ކުރަމުން އެބަދެ އެވެ. އަދި މާލްވީ އަށް އިންސާފު ހޯދައިދޭން މަސައްކަތްކުރުމަށް އިންޑިޔާގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކަށް ކަންގަނާ ދަނީ އިލްތިމާސް ކުރަމުންނެވެ. އެއީ ޚުދް މާލްވީ އެކަމަށް ކަންގަނާގެ ކިބައިން އެދުނީމަ އެވެ.

މާލްވީގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުމްބައިގައި މިފަދަ ކަމެއް ހިނގާފާނެ ކަމަކަށް އޭނާ ހުވަފެނަކުން ވެސް ދެކިފައެއް ނެތެވެ. އަދި އިންސާފުހޯދުމަށް އޭނާ ކުރާ މަސައްކަތުގައި އެހީތެރިވެދިނުމަށް ހުރިހާ އެންމެންގެ ކިބައިން އޭނާ އެދިފައި ވެއެވެ.

މާލްވީ ގިނަ ބަޔަކަށް ފާހަގަ ކުރެވިފައިވަނީ ޓީވީ ސިލްސިލާ "އުޅާން" އިންނެވެ. ބައެއް ފިލްމުތަކުގައި ވެސް މާލްވީ މަސައްކަތް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި "ހޮޓެލް މިލާން" އާއި ސައުތު އިންޑިއާ ފިލްމެއް ކަމަށްވާ "އުނަދަން" ހިމެނެ އެވެ.