ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހޭ މީހުންގެ ހަށިގަނޑަށް އެންޓިބޮޑީޒް ހަމަލާދެނީ

ކޮވިޑް-19 ޖެހި ރަނގަޅުވާ ބައެއް މީހުންގެ ފަރާތުން ވަރަށް ބޮޑުވާން ޖެހޭ ކަހަލަ ކަންތައްތަކެއް ސައިންސްވެރިންނަށް ފާހަގަ ކުރެވިއްޖެ އެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިފަދަ ބައެއް މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު އެމީހުންގެ ހަށިގަނޑާ ދެކޮޅަށް މަސައްކަތްކުރާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. ލޫޕަސް އާއި ރިއުމެޓޮއިޑް އާތުރައިޓިސް ފަދަ ބަލިތައް ޖެހޭ މީހުންގެ ހަށިގަނޑު ވެސް މަސައްކަތްކުރަނީ މިފަދަ ގޮތަކަށް ކަމަށް މުޅިން އާ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެފައި ވެއެވެ.

މިފަދަ މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮޅިގެން ހަށިގަނޑަށް ވަންނަ ވައިރަހުގެ ބަދަލުގައި ހަށިގަނޑަށް ނުވަތަ ހަށިގަނޑުގައި ހުންނަ ރަނގަޅު ސެލްތަކަށް ހަމަލާ ދެވޭ ތަން އަންނަ ކަމަށް މި ހޯދުމުގައި ބުނެފައި ވެއެވެ.
މިއީ ބަލިޖެހޭ މީހުންގެ ހަށިގަނޑުން "އޮޓޯއެންޓިބޮޑީޒް" ކިޔާ މޮލެކިއުލްސް އެއް އުފެދޭތީ ވާ ގޮތެކެވެ. ހަށިގަނޑަށް ވަންނަ ވައިރަހަށް ހަމަލާ ދިނުމުގެ ބަދަލުގައި މި އޮޓޯއެންޓިބޮޑީޒް ހަމަލަދެނީ އިންސާނާގެ ސެލްތަކުގައި ހުންނަ ޖެނެޓިކް މެޓީރިއަލްސް އަށެވެ.

ކޮވިޑް-19 ޖެހޭ ބައެއް މީހުންނަށް އެހާ ބޮޑުވަރުވަނީ މި ސަބަބާހުރެ އެވެ. އަދި ބައެއް މީހުންނަށް އެތައް މަހެއް ވަންދެން މި ބަލީގެ އުނދަގުލުން ސަލާމަތް ނުވެވިގެން އުޅެން ޖެހޭނީ ވެސް މި ސަބަބާ ހުރެ ކަމަށް ސައިންސްވެރިންގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މި ހޯދުމަކީ ކޮވިޑް ޖެހިގެން ގިނަ ދުވަހު ބަލިވެ އުޅޭ މީހުންނަށް ރަނގަޅު ފަރުވާއެއް ދިނުމަށް ވަރަށް ފައިދާހުރި ހޯދުމެކެވެ. ޓެސްޓްކޮށްގެން އޮޓޯއެންޓިބޮޑީޒް ހުރި މިންވަރު މިހާރު ބެލެ އެވެ. އަދި މިފަދަ މީހުންނަށް ލޫޕަސް އާއި ރިއުމެޓޮއިޑް އާތުރައިޓިސް އަށް ދޭ ފަރުވާ ދީގެން ރަނގަޅު ކުރެވިދާނެ ކަމަށް ވެއެވެ.

މި ދެ ބައްޔަކީ ވެސް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނެތް ދެ ބައްޔެވެ. ނަމަވެސް ބަލި އިތުރަށް ބޮޑުވިޔަ ނުދީ ކޮންޓްރޯލްކޮށްފައި ބެހެއްޓުމާއި ބަލީގެ އުނދަގޫތައް ދިމާވާލެއް މަދުކުރުމަށް ބޭހުން އެހީތެރިކަން ލިބެ އެވެ.
މި ރިޕޯޓު އަދި އެއްވެސް ސައިންޓިފިކް ޖާނަލް އެއްގައި ޝާއިއެއް ނުކުރެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ބައެއް ސައިންސްވެރިން މި ރިޕޯޓާ މެދު ދެކޭ ގޮތް ވަނީ ހާމަކޮށްފަ އެވެ. އެމީހުން ބުނެފައިވަނީ ކޮވިޑް ނޫނަސް ބައެއް އެހެން ވައިރަލް އިންފެކްޝަން ތަކުން ވެސް އޮޓޯއެންޓިބޮޑީޒް އުފެދޭ ކަމަށެވެ.

ޔޭލް ޔުނިވަސިޓީގެ އިމިއުނޮލޮޖިސްޓް ޑރ. އަކީކޯ އިވަސާކީ ވިދާޅުވީ މި ހޯދުމަކީ ހައިރާންވާ ވަރުގެ ހޯދުމަކަށް ނުވި ކަމަށެވެ. ނަމަވެސް މިކަން މިހެން ދިމާވާކަން އެނގުމަކީ އޭނާގެ ޝައުގުވެރިކަން ވެސް މިކަމަށް ދަމައިގަތް ކަމެއް ކަމަށެވެ.

"ވަރަށް ކުޑަކޮށް ބަލި ޖެހުނަސް މިކަހަލަ އެންޓިބޮޑީ ރެސްޕޮންސެއް ހަމަ އަތުވެދާނެ،" އޭނާ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމާ ގުޅިގެން ވަރަށް ބޮޑެތި ގެއްލުންތައް ލިބޭކަން ސައިންސްވެރިން ކުރިން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. މި ގެއްލުން ދެނީ ހަމައެކަނި ވައިރަހަކުން ނޫނެވެ. ވައިރަސް މަރާލަން ދިފާއީ ނިޒާމުން ކުރާ މަސައްކަތުން ވެސް ބޮޑެތި ގެއްލުންތައް ހަށީގަނޑުގެ އެކި ބައިތަކަށް ލިބެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ފަރިއްކުޅުއްވި ބޭސް ކަމަށްވާ ޑެކްސަމެތަސޯން ކިޔާ ސްޓެރޮއިޑަކީ މިގޮތަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަށިގަނޑަށް ގެއްލުންދޭން ކުރާ މަސައްކަތް ހުއްޓުވޭނެ އެއްޗެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ.

ވައިރަލް އިންފެކްޝަންތައް ޖެހުމުން ވާ ގޮތަކީ އިންސާނާގެ ހަށިގަނޑުގައި ހުންނަ ބަލި ޖެހޭ ސެލްތައް މަރުވަނީ އެވެ. ބައެއް ފަހަރަށް މި ސެލްތައް މަރުވަނީ ވަރަށް "މައިތިރި" މަރަކުންނެވެ. އަނެއް ބައިފަހަރު ވަރަށް ވަރުގަދަޔަށް ހަށިގަނޑުގައި އިންފެކްޝަން އުފެދުމުން ވަރަށް އަޑުގަދަ މަރަކުން މި ސެލްތައް މަރުވެ އެވެ. ނަތީޖާއެއްގެ ގޮތުން ނިއުކުލިއަސްގެ ތެރެއަށް ޖަމާވެގެން އާންމުކޮށް ތިބޭ ޑީއެންއޭ ތައް ވެސް މިކަހަލަ ވަރުގަދަ އިންފެކްޝަންތަކާއެކު ހާމަވެ ހަށިގަނޑުގެ ތެރެއަށް ބުރައިގެން ދާގޮތް ވެއެވެ.

ވައިރަސް އެއް ވަދެގެން އެޔަށް ހަމަލަދޭން ތައްޔާރުވާން ފަށާއިރު ބީ އިމިއުން ސެލްސް ކިޔާ ސެލްތަކަކުން އެންޓިބޮޑީޒް އުފައްދަން ފަށާނެ އެވެ. އެއީ ވައިރަސްގައި ހުންނަ ވައިރަލް އާރްއެންއޭގެ ބައިތައް ދެނެގަނެވޭނެ ފަދަ އެންޓީބޮޑީޒް އެވެ. އެންޓިބޮޑީޒްތައް ގޮސް ސެލްތައް ތަޅުލައި އެ އެއްޗިއްސަށް ނުނިކުމެވޭ ގޮތް ހަދަ އެވެ.

ނަމަވެސް ލޫޕަސް ކަހަލަ ބައެއް ބަލިތަކުގައި ވާގޮތަކީ ބައެއް ބީ ސެލްސްތަކަށް ދުވަހަކުވެސް މިގޮތަށް މިކަން ކުރަން ދަސްނުވަނީ އެވެ. ނަތީޖާއެއްގެ ގޮތުން އޮޓޯއެންޓީބޮޑީޒް އުފައްދަން ފަށަނީ އެވެ. އަދި މި ތަކެތި ގޮސް މަރުވެފައިވާ ހިއުމަން ސެލްތަކުން ނުކުންނަ ޑީއެންއޭ އަށް ވެސް އޮޅިގެން ހަމަލާ ދޭން ފަށަ އެވެ. އެއީ ހަށިގަނޑަށް ވަދެގެން އުޅޭ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއްކަމަށް ހީކޮށްފަ އެވެ.

ކޮވިޑް-19 ޖެހޭ ބައެއް ބަލި މީހުންގެ ހަށީގަނޑަށް ވެސް ދިމާވަނީ ހަމަ މިފަދަ ގޮތެކެވެ.
ކޮވިޑް ޖެހޭ ބައެއް މީހުންގެ ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރު ނުވުމުގެ މައްސަލަތައް ދިމާވެ އެވެ. މިއީ ވެސް މިގޮތަށް އޮޓޯއެންޓިބޮޑީޒް އުފެދޭތީ ވާ ގޮތެކެވެ. މިއީ ލޫޕަސް ޖެހޭ ގިނަ މީހުންނަށް ވެސް ކުރިމަތިވާ މައްސަލައެއް ކަމަށާއި ކޮވިޑް ޖެހޭ ބައެއް މީހުން ނެގެޓިވް ރިސާލްޓް ލިބުމަށް ފަހުވެސް ބަލިކޮށް ގިނަ ދުވަސްތަކެއް އުޅެން ޖެހެނީ މި ސަބަބާ ހެދި ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

"ލޫޕަސް އަކީ ވެސް ރަނގަޅު ކުރެވޭ ބައްޔެއް ނޫން. ބޭސް ކައިގެން ބައެއް ދުވަސްވަރަކު ރަނގަޅަށް ހުންނާނެ. ނަމަވެސް ކުއްލިއަކަށް ބަލިގަނޑު ހިލިދާނެ. އަނެއްކާވެސް ރަނގަޅުވެފައި ދުވަސްކޮޅަކު ހުރެދާނެ. އަނެއްކާވެސް ބަލިގަނޑު ހިލިދާނެ. އެފަދަ ގޮތަކަށް އެމީހުން އުޅޭނީ. އެއީ އޮޓޯއެންޓިބޮޑީ މެމޮރީގެ ސަބަބުން ވާ ގޮތެއް. ކޮވިޑް ޖެހޭ މީހުން ވެސް މާ ގިނަ ދުވަހު ރަނގަޅުނުވެ ހުންނަނީ މިހެންވެ،" ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.