(ހަތަރުވަނަ ބައި)
"އަދި ވާނެ. ޓްރައިކޮށްލާ." މިކާޝް ހެމުން ބުނެލިއެވެ.
"ކާޝް އަހަރެން ހައްދަނީދޯ." އައިޝަމް ތެދުވެ މޭމަތީގައި ފިރުމައިލިއެވެ.
"ދެން އަހަރެން ބުނާގޮތަށް ހަދައިބަލަ. ދަސްވީމަ ހުރިހާ ފައިދާއެއް ވާނީ ޝަމް އަށޭ." އައިޝަމްގެ ކަންފަތުގައި މިކާޝްގެ ޖުމުލަތައް ތަކުރާރުވިއެވެ.
އަނެއްކާ ވެސް އައިޝަމް ކުރިން ކުރި ހަރަކާތް ކޮށްލިއެވެ. ލަސްލަހުން ނޭވާ ބޭރުކޮށްލަމުން އޭނާ ހަމަޖެހިލިއެވެ. މަޑުމަޑުން އޭނާ ދެ ލޯ މަރައިލިއެވެ. އެއާއެކު އޭނާގެ އަތުގެ ބަނޑުފުށުން ޒާތެއްގެ ހުދު ނޫ އަލިކަމެއް ނުކުތެވެ. މީހާ މަޑުމަޑުން މައްޗަށް އަރަންފެށިއެވެ. މައްޗަށް އަރަމުން ދިޔަދިޔަހެން އަލިކަން ފަނޑުވަމުން ދިޔައެވެ. މީހާ ވަށައިގެން ޒާތެއްގެ ނޫއަލި ކަމަކުން ދިއްލެމުން ދިޔައެވެ. ހަށިގަނޑަށް ވައިގެ ތެތްކަމުގެ އަސަރު ކުރަމުން ދިޔުމުން އޭނާއަށް ލޯހުޅުވައިލެވުނީ ބޭއިހުތިޔާރުގައެވެ. މަޑުމަޑުން ތިރި ބަލައިލި އިރު މާލެ އޮތީ އޭނާގެ ފައިގެ ތިރިން ކުޑަކުޑަ ދަނޑެއް ވަރަށް ކުޑަވެފައެވެ. ރަތް ކުލަ ބޮކިތަކުން ދިއްލިފައެވެ. އައިޝަމް ބިރު ގަތީ އެއްވެސް އެއްޗަކާ ނުލައި އޭނާ މައްޗަށް އަރަމުންދާތީއެވެ. މީހާ ބިރުން ތުރުތުރުލާން ފެށިއެވެ.
"ބިރު ނުގަނޭ. އަމިއްލައަށް ސްޕީޑް ދަށްކުރޭ. ސްޕީޑް ދަށްކުރާން އަތުގެ އިނގިލިތަކުން މަސައްކަތްކުރޭ. އަތް ބޮޑަށް ހުޅުވި ވަރަކަށް ބާރަށް ދެވޭނެ. މަޑުކުރާން ބޭނުންނަމަ މަޑުމަޑުން މުށްކަވާ." މިކާޝް އޭނާގެ ކުރިމަތީ ވައިގެ ތެރޭގައި ހުރެ މައްޗަށް އަރަމުން އިރުޝާދު ދެމުން ދިޔައެވެ.
އައިޝަމް މަޑުމަޑުން މުށްކަވާލިއެވެ. އެއާއެކު އޭނާ ވައިގެ ތެރޭގައި ހިފެހެއްޓުނެވެ.
"ތިރިއަށް ދާން ބޭނުން ނަމަ ދެ އަތުގެ ކުޑަވައިއިނގިލި ހުޅުވައިލާ. އެކި ފަރާތް ފަރާތަށް ދަތުރުކޮށް މިސްރާބު ބަދަލު ކުރަން ބޭނުންނަމަ ދެ އަތުގެ ޝަހާދަތް އިނގިލިން ކޮންޓްރޯލްކުރޭ! ހުރިހާ ކަމެއް ދަސްވެ އަމިއްލަ ގޮތްތައް އެނގެންދެން މި ގޮތްތަށް ބޭނުންކުރޭ." މިކާޝް ހީވަނީ ކިޔަވައިދޭ އެދުރެއް ހެންނެވެ.
އެހައިވެސް ސާފުކޮށް ކަންކުރަންވީ ގޮތް ހަރަކާތާއެކު ދައްކައިދެމުން ދިޔައެވެ. ވައިގެ ތެރޭގައި ހުރެއެވެ. އައިޝަމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. މިކާޝްގެ އިރުޝާދަށް ތަބާވަމުން ހަރަކާތްތައް ބަދަލު ގެންނަމުން ދިޔައެވެ. އައިޝަމްގެ ފަހަތުން މިކާޝް ވެސް ދަތުރު ކުރަމުން ދިޔައެވެ. އިރުޝާދު ދެމުން ކަންކުރަންވީގޮތް ދައްކަމުންނެވެ. އައިޝަމް އާއި މިކާޝް ހީވަނީ މާލެ މަތީ އުދުހޭ މިނީ ޖެޓުތަކެއް ހެންނެވެ. އެކި ދިމަދިމާއަށް ދަތުރުކުރަމުން އަޑުއަޑު ލައްވަމުން ދިޔައެވެ. އައިޝަމް އަށް ލިބިފައިވަނީ އާދަޔާ ހިލާފު އުފަލެކެވެ. އިރުއިރުކޮޅާއި އުފަލުން ހަޅޭއްލަވައިލައެވެ. ބައިގަނޑިއެއްހާ އިރު އެކި ދިމަދިމާގައި އުދުހުމަށް ފަހު އައިޝަމް އާއި މިކާޝް ތިރިކޮށްލީ ސުނާމީ ބިނާގެ އެންމެ މަތީ ބޯޅަ އަށެވެ.
"ވަރަށް ޓަޔަރޑް. ތޭންކްސް ކާޝް. އައިމް ސޯ ލަކީ." އައިޝަމް މިކާޝްގެ ގައިގާ ބައްދާލަމުން މޫނަށް ބޮސްދިނެވެ.
"ނޯ ތޭންކްސް. ކޯޒް، މީ ލޯތްބަކީ، މިހާރު ގަބޫލުކުރަންތަ ތީ އެހެން މީހުންނާ ތަފާތު މީހެއްކަން؟ ދެން އަމިއްލައަށް ތިޔަ ހުނަރު ބޭނުންކުރޭ. ހަނދާންކުރާތި ބާރުވެރިކަމެއް ލިބުނީމަ އެކަން ކުރަންވާނީ ހެޔޮގޮތުގަ. ބޭކާރު ގޮތުގަ ބޭނުމެއް ނެތްކަންކަމުގަ ބާރުބޭނުން ނުކުރާތި. މީހުންގެ ތެރޭގައި ހާމަކަން ބޮޑުގޮތެއްގަ ބާރު ބޭނުން ކުރަން ފަށައިފި ނަމަ އެހައި ހިސާބުން އެ ނިމުނީ. ދެން ވިސްނައިގެން އުޅޭތި. ހިނގައިދަމާ މިހާރު މާދަންވެއްޖެ، ޝަމްގެ މަންމަ އެބައިން އިންތިޒާރުގަ." މިކާޝް ނަސޭހަތްދެމުން ކޮޅަށް ތެދުވެލިއެވެ.
"ތޭކްސް ބޭބީ! މަވެސް ވިސްނާނެތާ ތިކަމަށްދޯ. ހިނގާ. ދެން ހިނގާނެ ކަމެއް ނެތެއްނު." އައިޝަމްގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ހިލާފު އުފާވެރި ކަމެކެވެ.
އައިޝަމް މިކާޝްއަށް ތަބާވަމުން ދިޔައީ ބަސްއަހާ ތުއްތު ކުއްޖަކު މަންމައަށް ކިޔަމަންވާ އުސޫލުންނެވެ. އެހެންވެ، މިކާޝްގެ ޖުމުލަ ނުނިމެނީސް މަޑުމަޑުން ތެދުވެ އައިޝަމް އާއި މިކާޝް ބޯޅައިގެ މަތިން ފުންމާލިއެވެ. ވައިގެ ތެރޭގައި އުދުހެމުންދާ ދޫނިތަކެއް ފަދައިން ހޯރަ ދަމައިލައިގެންނެވެ.
*** ***
މެންދަމުގެ ހިތްގައިމު ވަގުތެވެ. އިންސާނީ އާލަމުގައި ފަތުރާލެވިފައިވާ އަނދިރިކަމުގެ ރަޖާގަނޑުގެ ދަށުވެ މީސްތަކުން ތިބީ ހުވަފެނީ އާލަމެއްގައި މަސްތުވެފައެވެ. އެހެނަސް އައިޝަމް އިނީ ލެޕްޓޮޕު ހުޅުވައިގެން އިންޓަނެޓްގެ އަވާގައި ޖެހިފައެވެ. އޭނާގެ ވިސްނުމާއި ފިކުރުގެ އަމާޒު ހުރީ އެހެންޏާ ނުކުރާ ކަމެއް ކުރުމަށެވެ. ދުވަހަކުވެސް ނުވަންނަ އެތަކެއް ސައިޓުތަކުން އެކިއެކި ޓެބްތައް ހުޅުވަމުން ފަހަރަކު ޓެބެއް ބަލަމުން ދިޔައެވެ. އެކިއެކި ފަރުމާކުރުން ތަކާއި ހެދުން ޑިޒައިން ކުރާ ފަރާތްތަކުގެ މަގުބޫލު ސައިޓްތަކެވެ. ހޮލީވުޑާއި ބޮލީވުޑްގެ މަގުބޫލު ފިލްމީތަރިންގެ ފޭސްބުކު އެކައުންޓްތަކެވެ. މަގުބޫލު ސްޕަރނެޗްރަލް ކެރެކްޓަރުންގެ ފޮޓޯތަކަށް ފަރުވާތެރިވަމުން އެ ފޮޓޯތަކަށް ފުންކޮށް ވިސްނަމުން ދިޔައެވެ. ސްޕައިޑަރމޭނާއި ބެޓްމޭނެވެ. އަޔަންމޭންނާއި ސުޕަމޭން ފަދަ ތަފާތު ކަރެކްޓަރުންގެ ހެދުންތަކާއި އެމީހުންގެ ފޮޓޯތަކަށެވެ. ކަމުދާ އެއްވެސް ހެދުމެއް ނުފެނުމުން އަމިއްލައަށް ޑިޒައިނެއް ތައްޔާރުކުރުމަށް ނިންމައި ކުރަހަންފެށިއެވެ. އަމިއްލަ ހިތްބުނަމުން ދިޔަ މަންޒަރުތައް ކުރަހަމުން ކުލަޖައްސަމުން ދިޔައެވެ. އެކަމަށް ބޭނުންވާ ސޮފްޓްވެއަރ އެއްގެ އެހީގައެވެ. ހެދުން ފަރުމާކޮށް ނިންމާލުމަށް ފަހު އަމިއްލަ ފޮޓޯއެއް ނަގައި ތައްޔާރުކުރި ހެދުމާއި ގުޅޭތޯ ބަލައިލުމަށް ފޮޓޯގައިވާ އޭނާގެ ތަސްވީރަށް ހެދުން ހެޔޮވަރުކޮށްލިއެވެ. މަޑުމަޑުން ބޯޖަހައިލުމަށްފަހު، ހެދުމުގެ ކުލަ ބަދަލުކޮށްލިއެވެ. ގެނެވުނު ބަދަލުން ހިތްހަމަޖެހޭކަން މޫނުމަތިން ހާމަވަމުން ދިޔައެވެ. ހިނިތުންވެލަމުން ބޯޖަހައިލެވުނީ އޭނާގެ ބޭއިހުތިޔާރުގައެވެ.
ފޮޓޯއަށް ފަރުވާތެރިވެލިއެވެ. ގަދަ ނޫކުލައިން ފަރުމާކުރެވިފައިވާ ރީތި ބައްޓަމަށް ފެތޭ ހެޔޮވަރު ހެދުމެކެވެ. މޫނުންފެށިގެން މުޅި ހަށިގަނޑު ޑިޒައިން ކޮށްލެވިފައިވަނީ އެއް ހެދުމެއްގެ ގޮތުގައެވެ. ގަޔަށް ބާރުވުމުގެ ސަބަބުން އެރީތި ހަށިގަނޑުގެ ވަނާތައް ހަމާވީ ނަމަވެސް ބަލައިބެލުމަށް ޗާލުވެފައި ނަލަކަމަށް ދައްކައެވެ. މޫނުމަތި ވަނީ ކުރެހުންތަކަކުން ފަރުމާ ކޮށްލެވި ފައެވެ. އެއްވެސް ތަނަކުން މީހާގެ ހަމުގެ ކުލަ ފެންނާކަށް ނެތެވެ. ދެލޮލާއި ދިމާލުން ހުދުކުލައިގެ އެތެރެ ފެންނަ ޒާތުގެ ކަޅު ކަވަރެއް ލެވިފައިވެއެވެ. ފޮޓޯގައިވާ ތަސްވީރުން ކަމެއް އުނިވާކަމަށް އައިޝަމްގެ ހިތް ބުނަމުން ދިޔައެވެ. އޭނާ ބޭނުންވީ ހެދުމުގެ މޭމަތީ މަރުކާއަކުން ފަޅުފިލުވާލާށެވެ. އެހެދުން ލުމުން އެހެން ނަމަކުން އޭނާއަށް މީހުން މުހާތަބުކުރާނީ އޭރުންކަމަށް އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔުމުގެ ސަބަބުންނެވެ. އޭނާއަށް ދޭނެ މަރުކާއަކާމެދު ފިކުރުކުރުމަށް ހަމަހިމޭންވެލިއެވެ.
ތަފާތު އެކި ހިޔާލުތައް އޭނާގެ ވަށައިގެން އެނބުރެމުން ސެނބުރެމުން ދިޔައެވެ. އެކިއެކި ނަން ނަން ލިޔަމުން ނޯޓުކުރަމުން ދިޔައެވެ. "އައިމޭން"، "ޝަމޭން"، "އައިޝް" ފަދަ ތަފާތު ނަންތަކެވެ. އެއިން އެއްވެސް ނަމަކާ އޭނާ ގަޔާވާގޮތެއް ނުވިއެވެ. އޭނާއަށް ލިބުނު ހުނަރުތަކާއި އެކަމުގެ ހިއްސާ އޭނާ އެންމެބޮޑަށް ދޭން ބޭނުންވަނީ އޭނާގެ ލޯބިވެރިޔާ އަށެވެ. އެހެންވެ އެނާއަށް ވިސްނުނީ އޭނާގެ ލޭބަލް ނުވަތަ މަރުކާއެއްގެ ގޮތުގައި މިކާޝް އާއި ގުޅޭ ކޮންމެވެސް ނަމެއް އިހުތިޔާރު ކުރުމަށެވެ. އެންމެ ފަހުން، ގޮތެއް ނިންމިއެވެ. އެއީ އައިޝަމް ފަރުމާކުރި ހެދުމުގައި ޖަހާނެ ނަމެއްގެ ގޮތުގައި އައްޔަންކުރި އަކުރުތަކުން ލޯގޯއެއް ޑިޒައިންކޮށްލުމަށްފަހު ހެދުމާއި ގުޅޭތޯ ބަލައިލިއެވެ. ހެދުމުގެ ފަޅުކަން ފިލައިގޮސް އާދަޔާ ހިލާފު ރީތިކަމެއް ހެދުމަށް ލިބިގެން ދިޔަ ކަމަށް އައިޝަމަށް ގަބޫލު ކުރެވުނެވެ. އޭނާ ބޭނުންވަނީ އެ ހެދުން ވީ އެންމެ އަވަހަށް ފެހުމަށެވެ. އެހެންވެ ފަރުމާކުރެވުނު ހެދުމުގެ ޕްރިންޓެއް ނެގުމަށް ފަހު ކޮޓަރީގެ ނޯޓިސް ބޯޑުގައި ހަރުކޮށްލާ ދެތިން ފަހަރަކު އެއަށް ބަލައިލިއެވެ. އޮންލައިން ފިހާރަތަކަށް ހަވާލުކޮށްގެން ފެހުމަށް އޯޑަރ ކުރަން ޖެހިގެން އަންނަ ދުވަހަށް ފަސްކޮށްލުމަށް ފަހު ހިތްހަމަޖެހިލަމުން ތުންފަތަށް ހިނިތުންވުމެއް ގެނުވަމުން ފާޚާނާއަށް ވަނެވެ.
އައިޝަމަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކި ދޭ އަޑަށެވެ. ހުވަފެނެއް ކަމަށް ހިތައި ލޯ މަރައިލެވުނީ ބޭއިހުތިޔާރުގައެވެ. ދޮރުގައި ޓަކިދޭ އަޑު ބާރުވަމުން ދިޔައެވެ. ގައިމަތީ އަޅައިލެވިފައިވާ ރަޖާގަނޑު މަޑުމަޑުން އެއްފަރާތްކޮށްލަމުން ތެދުވެ ލޯ އުނގުޅައިލިއެވެ. ގައިން ހީބިހި ނަގައިގަތީ އޭސީ ބާރުކޮށްލެވިފައިވުމުންނެވެ. އެ ތަނަވަސް ފިރިހެންވަންތަ ހަށިގަނޑުގައި އެއްވެސް ހުރަހެއް ނެތި ކޮޓަރި ތެރޭގައި ހިފެހެއްޓިފައިވާ ފިނިކަން ތަތްވެގަތުމުންނެވެ. ކޮޅަށް ތެދުވެލަމުން އޭނާގެ ކުރު ސޯޓު ރަނގަޅުކޮށްލިއެވެ. މަޑުމަޑުން އޭސީގެ ފިނިދަށްކޮށްލާ ރިމޯޓް ކައިރީ ހުރި ކަފޭރާގެ މަތީގައި ބާއްވާލިއެވެ. އެއާއެކު މަޑުހިނގުމެއްގައި ނިދިމޯޅައިގައި ހުރެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭނާއަށް ބަލައި ލެވުނީ ބުރަމަސައްކަތްތަކުން ރޭ ފަރުމާ ކުރެވުނު ހެދުމުގެ ފަރުމާ ހަރުކުރެވުނު އޭނާގެ ނޯޓިސް ބޯޑަށެވެ. ކަމަކު ދާކަށް ނެތެވެ. ބޯޑުގައި އެ ފަރުމާ އެއް ނެތެވެ. ބޯޑުން ކޮންމެވެސް ގޮތަކުން ތަޅުމުގެ މައްޗަށް ވެއްޓުނީ ކަމަށް ހިތަށް އަރުވާމުން ދޮރާ ދިމާއަށް ދިޔައެވެ. މަޑުމަޑުން ދޮރު ހުޅުވައިލިއެވެ.
"ކޮންމެވެސް މީހަކު ދަރިފުޅަށް ގެނައި އެއްޗެއް!" ދޮރުހުޅުވާލުމާ އެކު ނަޖުމާ ދިއްކޮށްލީ މަޑުނޫކުލައިން ބަންދުކުރެވި ޖަރީކުރެވިފައިވާ ހެޔޮވަރުގެ ބޮޑު ޕާރުސަލެކެވެ.
"ކާކު! ކޮން ޕާރުސަލް..." އައިޝަމް މޫނުމަތިން ނިދިފިލައިގެން ދިޔަ ކަހަލައެވެ.
ލިބުނު ކުއްލި ސިހުމާ އެކު އޭނާ ހައިރާންވިއެވެ.
"ތިއެއް މަންމަ އަކަށް ނޭނގެ! ވެދާނެ ހިމޭޝް ފޮނުވި އެއްޗެއް ކަމަށް. ދަރިފުޅު އުފަންދުވަހުގެ ހަދިޔާ ކަމަށް ވެދާނެއްނު." ނަޖުމާ ހީނލިއެވެ.
"އެކަމު އަދި އުފަންދުވަސް އަންނާނީ ދެ ހަފުތާ ފަހުން..."
"ވެދާނެއްނު އެޑްވާންސްކޮށް ދިނީކަމަށް. ތިއޮތީނު ލިޔެފަ އެހެން..." ނަޖުމާ ހީލަމުން މައިގެ ތެރެއަށް މިސްރާބު ޖެހިއެވެ. އައިޝަމް ވެސް ކޮޓަރީގެ ދޮރު ލައްޕާލަމުން އެނދާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ވިސްނުން ހުރީ ޕާރުސަލަށްވުރެ ބޮޑަށް ބޯޑުގައި ހަރުކުރި ކުރެހުމަށެވެ. އެއަށް ވީނުވީ އެއް ހޯދުމަށެވެ. އެހެންވެ، ޕާރުސަލް އެނދުމަތީ ބެހެއްޓުމަށްފަހު ދިޔައީ ނޯޓިސް ބޯޑާ ދިމާއަށެވެ. ނޯޓިސް ބޯޑާއި ދިމާގައިހުރި ރީތިވާ ސާމާނު ބަހައްޓާ މޭޒު ރަނގަޅަށް ބަލައިލިއެވެ. އެއަށްފަހު ތަޅުމަށް ނަޒަރު ހުއްޓައިލިއެވެ. މަޑުމަޑުން ރީތިވާ މޭޒުގެ ތިރި ބަލައިލުމަށް ޓަކައި ތިރިވެލަމުން ތަޅުމުގައި ދެ ކަކޫ ޖަހައިލިއެވެ. ފެންނާކަށް ނެތެވެ. ކަރުދާހުގެ އެއްވެސް ހިލަމެއް ތަޅުމުން ފެންނަން ނެތުމުން އެކަން ހުއްޓާލަމުން އެނދާ ދިމާއަށް ހިނގައިގަތެވެ.
މަޑުމަޑުން އެނދުގައި އިށީނދެ ޕާރުސަލްއަށް ބަލައިލިއެވެ. މަތީގައި ރީތިކޮށް ޖަރީކޮށްލެވިފައިވާ އަކުރުތަކަކުން ލިޔެލާފައި އޮތެވެ. 'އުފާވެރި އުފަން ދުވަހަކަށް އެދެން! އަބަދުވެސް ލޯބިވާ...' އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށީ ޖުމުލަ ފުރިހަމަ ކޮށްފައި ނެތުމުންނެވެ. އަވަސް އަވަހަށް ޕާރުސަލް ކަނޑައިލަން ބޭނުންވީ ވެސް އެހެންވީމައެވެ. އެނދުގައި ދެފައިވަށްކޮށްލަމުން ހަމަޖެހިލައި ޕާރުސަލް ކަނޑައިލިއެވެ. ބަންދު ކުރެވިފައިވަނީ ރީތި ހަތަރެސްކަން ބުރިފުކޭހެއް ފަދަ ފޮށްޓެއްގައި ކަމުން ފޮށި ހުޅުވާލަމުން އެތެރެ ރަނގަޅަށް ބަލައިލިއެވެ. އެއާއެކު އޭނާ ސިހުނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ދެންމެ އޭނާ ހޯދަން މަސައްކަތްކުރި ގަނޑެވެ. ފޮށީގައި ހުރި ތަކެތީގެ މަތީގައި ބާއްވާލާފައި އޮތުމުންނެވެ. މަޑުމަޑުން އެ ކަރުދާސް ގަނޑު ނެގިއެވެ. އޭގެ ދަށުގައި އޮތީ ފޮތިގަނޑެއް ފަދަ އެއްޗެކެވެ. ފޮށީގައި ހުރި ހުރިހާ ސާމާނެއް އެނދުމަތީގައި އަތުރާލިއެވެ. އައިޝަމްއަށް ލިބެމުން ދިޔަ ސިހުން އިތުރުވެގެން ދިޔައެވެ. އޭނާ ރޭގައި ފަރުމާ ކުރި ހެދުން ފޮށީގައި އޮތުމުންނެވެ. އޭނާ ފަރުމާކުރި ހެދުން އެގޮތުގައި އޮތުމުން އުފާވިއެވެ. އޭނާ އަވަސްވެގަތީ ހެދުން ހެޔޮވަރުތޯ ބަލައިލުމަށެވެ. މަޑުމަޑުން އަޑިން ލުމަށް ތައްޔާރުކޮށްފައިވާ ތަކެތި ލުމަށްފަހު ހެދުން ލިއެވެ. އަދި ލޯގަނޑުން އޭނާގެ އަމިއްލަ ސޫރަ ބަލައިއެވެ.
ފެންނަމުން ދިޔައީ އާދަޔާ ހިލާފު ރީތި ފުރިހަމަ މޮޑަލެއްފަދަ ތަފާތު ސޫރަ އެކެވެ. އެ ހެދުން ލުމުން އޭނާ ސިފަވެގެންދަނީ ހޮލީވުޑް ފިލްމުތަކުން ފެންނަ ޒާތުގެ އާދަޔާ ހިލާފު ޝަޚްޞެއްގެ ގޮތުގައެވެ. އައިޝަމް އެކިއެކި ގޮތްގޮތަށް އެކި އަރިއަރިމަތިން ލޯގަނޑުން އޭނާގެ ސޫރަ ބަލަމުން އެކިއެކި ގޮތްގޮތް ހަދަމުން ދިޔައެވެ. އެއްފަހަރަކު އަރިމަތިން ބަލައިލަފާނެއެވެ. އަނެއް ފަހަރަކު ފަހަތަށް އެނބުރިލަމުން ބަލައިލަފާނެއެވެ. އޭނާ ބޭނުންވީ ފޮޓޯ އެއް ނަގާށެވެ. އެހެންވެ ކެމެރާ ހެޔޮވަރުކޮށްލާ އޮޓޯއަށް ލުމަށްފަހު ތަފާތު އެކިއެކި ގޮތްގޮތަށް ހުއްޓެމުން ފޮޓޯ ނަގަމުން ދިޔައެވެ. ނަފުސީ މޯޑުގައެވެ. އޮޓޯ މޯޑުގައެވެ. މަޑުމަޑުން ހެދުން ލާފައިވާ ފޮށްޓަށް ނަޒަރު ހުއްޓައިލީ އޭނާއަށް ކަމެއް ހަނދާންވުމުންނެވެ. ހެދުން ނެގި އިރު އިތުރު ކަރުދާސް ކޮޅެއް އޮތްހެން ހީވެގެންނެވެ. މަޑުމަޑުން ކަރުދާސްކޮޅު ނަގައި ކިޔަން ފެށިއެވެ.
"ލޯބިވާ ދަރިފުޅަށް. މިއީ ދަރިފުޅަށް ބައްޕަގެ ފަރާތުންދޭ ހަދިޔާއެއް. ބައްޕައަށް އެނގޭ ދަރިފުޅު މިހާރު އެންމެ ބޭނުންވަނީ މި ހެދުން ތައްޔާރުކުރަންކަން. ރޭ ދަރިފުޅުގެ ކަންތައް ބަލައިލުމަށް ބައްޕަ ގެއަށް ދިޔަ އިރު ދަރިފުޅު އިނީ މި ހެނދުން ފަރުމާކުރަން. އެހެންވެ ބައްޕައަށް ވިސްނުނީ މީ ދަރިފުޅަށް ވަރަށް ބޭނުންތެރި ވަރަށް މުހިއްމު އެއްޗަކަށް ވާނެކަމަށް. ދަރިފުޅު ބޭނުންވާ ހުރިހާ ކަމެއް އެގޮތުގައި ފުރިހަމަ ކޮށްދިނުމަކީ ބައްޕަ އަބަދުވެސް ބޭނުންވާ ކަންތައް. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ބައްޕަ ދަރިފުޅާ ބައްދަލުވާނެ. އެހެނަސް އެކަން ކާމިޔާބުވާން އޮތީ ދަރިފުޅުގެ ހިތްވަރުން. މި ފެށޭ އުފަންދުވަސް އެއީ ދަރިފުޅު އެ މަސައްކަތަށް ތަސައްރަފު ފުދޭ ހިސާބަކީ. ދަރިފުޅަށް ލިބެންޖެހޭ ހުރިހާ ބާރުވެރިކަމެއް އެހައި ހިސާބުން ލިބެން ފަށާނެ. ބައްޕަ އަބަދުވެސް މި މަސައްކަތް ކުރަނީ ދަރިފުޅަށް ޓަކައި. ދަރިފުޅު ވާންވާނީ ހިތްވަރުގަދަ ކެރޭ މީހުންނަށް އަޅައިލާ އޯގާތެރި މީހަކަށް. ބައްޕަގެ ދުއާއަކީ ދަރިފުޅަށް ކާމިޔާބު ދެއްވުން. އަބަދުވެސް ލޯބިވާ ބައްޕަ." އައިޝަމް ހިނިތުންވެލަމުން އޭނާގެ ބައްޕަގެ މެސެޖު ލިޔެފައިވާ ކަރުދާސްކޮޅުގައި ބޮސްދިނެވެ.
ކަބަޑުގައިވާ ފައިލް ނަގައި އެ ކަރުދާސްކޮޅު ފައިލްކޮށްލިއެވެ. އެއީ އޭނާގެ އާދައެވެ. ބައްޕަގެ ފަރާތުން އޭނާއަށް އެފަދައިން ލިބޭ ކޮންމެ މެސެޖެއް އޭނާ އަންނަނީ ރައްކާކުރަމުންނެވެ. އެގޮތުގައި އޭނާއަށް މެސެޖު ލިބެންފެށީ އޭނާގެ ނަޖުމާ ވާހަކަތައް ހިއްސާކުރި ދުވަހުން ފެށިގެންނެވެ. އެއީ މީގެ ތިން އަހަރު ކުރިއެވެ.
މަޖީދީމަގާއި ޗާންދަނީމަގާއި ގުޅޭ ހިސާބުގައި ހަނިގޯޅިއެއްގެ ތެރޭގައި ފަސްބުރިއަށް ނަގައިފައިވާ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މުޅި ސަރަހައްދު އޮތީ ހަލަބޮލި ވެފައެވެ. ޖައްވުގެތެރެ ވަނީ އަޅިއާއި ކަޅުދުމުން ކިލަނބުކޮށްލާފައެވެ. މުޅި ސަރަހައްދުގައި ވަނީ އަލިފާނުގެ ރީނދޫ އަލި ކަމެވެ. މަގުވަނީ ދުއްވާ އެއްޗެހިން ތޮއްޖެހިފައެވެ. ހީވަނީ ބޮޑު ހިނިހޮރަކުން ތަރުތީބެއް ނެތި ހިނިތައް ނުކުމެ ވާނުވާ ނޭނގިފައި ވާހެންނެވެ. މެދު ނުކެނޑި އިވެމުން ދިޔައީ ކާރާއި ސައިކަލްފަދަ ދުއްވާ ތަކެތީގެ ބަރުގޮނު އަޑެވެ. މަންޒަރު ބަލަން އެއްވެ ތިބި މީހުންނާއި މަސައްކަތުގައި އަވަދި ނެތި އުޅޭމީހުން މަދެއް ނޫނެވެ. އަލިފާން ނިއްވުމުގައި އަވަށްޓެރިންނާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މީހުން ހޭލަމޭލައަށް އުޅެމުން ދިޔައެވެ. އެއްބަޔަކު ފަސްވަނަ ފަންގިފިލާގައި އުޅެމުންދިޔަ މީހުންތައް ސަލާމަތްކަމާއެކު ޖެހިގެން ހުރި އިމާރާތަށާއި އަލިފާން ރޯވެ އަނދަމުންދާ އިމާރާތުގެ ތިރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ފެން ލޮރީގެ ބޮޑު ހޮޅި އަޅައި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވޭތޯ އަލިފާން ނިވާ ސިފައިން ލައްކަ މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް، އަލިފާން ގަނޑު ހައްތަހާ ވަނީ ބޮޑެވެ. ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހިފާފައި ހުރި އަލިފާންގަނޑުގެ އެނދުން ގަދަވެގެން ދަނީ ފަސްވަނަ ފަންގިފިލާގައި ހުރި އަވަހަށް އަނދާ ޒާތުގެ ސާމާނުތަކުގައި ހުޅު ހިފުމުންނެވެ.
ސިފައިން އެންމެ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ދިޔައީ އިމާރާތުގައި އުޅުނު އެންމެން ސަލާމަތްތެރިކަމާއެކު އެހެން ތަނަކަށް ބަދަލު ކުރެވޭތޯއެވެ. އެއާއެކު އެ އިމާރާތުގެ ވަށައިގެން ހުރި ހުރިހާ ގެއެއްގެ އެންމެ މަގުމައްޗަށް ނެރެ ގެތައް ހުސްކުރަމުން ދިޔައީ އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަނދަމުންދާ ހިސާބުން އިތުރު ބައެއް ތިރިއަށް ވެއްޓި ހުޅު ހިފައިދާނެތީއެވެ. އެކަމަށް ޓަކައި ސިފައިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައެވެ.
ކުއްލިއަކަށް ސިފައިން ބޭނުންކުރަމުން ދިޔަ ފެން ލޮރީގެ ޕަންޕަށް މައްސަލައެއް ދިމާވުމުން ފެން ޖެހުން ހުއްޓައިލަން ޖެހުނެވެ. ފެން ލޮރީއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކަމުގެ މާހިރުންގެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ އަވިހިކަމާ އެކުގައެވެ. އެއާއެކު އެންމެން މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތައް ހާމަވަމުން ދިޔައެވެ. ކުއްލި އަކަށް އެންމެ ސިހިގެން ދިޔައީ އެހީއަކަށް އެދި މީހަކު ގޮވަން ފެށި އަޑަށެވެ. އެންމެން ސިހިފައި މަތިން ބަލަމުން ދިޔައެވެ. އަނދަމުން ދިޔަ އަލިފާންގަނޑާ ދިމާއިން އަނދަން ފަށައިފައިވާ ދިމާގައި ފަނަރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ތިރިއަށް އަތްހޫރަމުން ހުރެ ގޮވަމުން ދިޔައެވެ.
"ހެލްޕް ޕްލީޒް. އަލިފާން. ހެލްޕް ޕްލީޒް، މާމަ...، ޕްލީޒް!" ގިސްލަ ގިސްލާފައި ކުޑަދޮރާ ދިމާއިން ތިރިއަށް ބަލަން ހުރެ އަތް ހޫރުވަމުން އެ ކުއްޖާ ރޮއި އާދޭސް ކުރަމުން ދިޔައެވެ.
އެއާއެކު ސިފައިންގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ހާއްސަ ގުރޫޕުން އަވަސްވެގަތީ އެ ކުއްޖާ ސަލާމަތް ކުރެވޭތޯއެވެ. އަލިފާން ނުހިފާ ޒާތުގެ ހެދުން އަޅައިގެން ތިބި ހަތްވަރަކަށް ސިފައިންގެ ގުރޫޕެއް އިމާރާތުގެ ސިޑިން މައްޗަށް އެރޭތޯ ބަލަމުން ދިޔައިރު، ބޮޑު ހަރުގަނޑެއްގެ އެހީގައި އެ ހެދުމުގައި ތިބި އެހެން ގުރޫޕެއް މަސައްކަތްކުރާތަން ފެންނަމުން ދިޔައެވެ.
އައިޝަމް ވެސް ފޫހިވެގެން ކޮޓަރީ އޮވެ ޓީވީ ހުޅުވާލިއެވެ. އަވަސް ހަބަރުގެ ގޮތުގައި ހުރިހާ ދިވެހި ޓީވީ ޗެނަލަކުން ވަގުތުން ދައްކަމުން ދިޔައީ އަލިފާން ރޯވެ އަނދަމުން ދިޔަ އިމާރާތެވެ. އޭނާ އަވަސް އަވަހަށް ސަމާލު ވެލިއެވެ. ކިހައިހިސާބަކުން ވެގެން އުޅޭ ކަމެއްތޯ ސާފުކޮށްލުމަށެވެ. ކުއްލި އަކަށް ކެމެރާ އަމާޒުކޮށްލީ ސަލާމަތަށް އެދި ގޮވަމުން ދިޔަ ތުއްތުކުއްޖާ އާ ދިމާއަށެވެ. ކުއްޖާ ހުރި ދިމާގެ މަތިން އަނދަމުންދާ އިމާރާތުގެ ފަންގިފިލައިގެ ތިރިއަށް އަލިފާން ގުޅަގުޅައަށް ދިޔާ އަލިފާނުގެ ގޮތުގައި އެޅެމުން ބުރަމުން ދިޔައެވެ. ސިފައިން ހާއްސަ ގުރޫޕުން އެހައި ހިސާބަށް ދިގު ހަރުގަނޑުގެ އެހީގައި ދެވޭތޯ މަސައްކަތް ކުރަމުންދާ މަންޒަރާއި ހާއްސަ ކެރޭނެއްގެ އެހީގައި އެހައި ހިސާބަށް ދެވޭތޯ މަސައްކަތް ކުރަމުންދާ މަންޒަރު ޓީވީން ދުރަށް ދައްކަމުން ދިޔައީ ވަގުތުންނެވެ. އައިޝަމް ބެލްކަނިން ބޭރަށް ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު ކޮޓަރިތެރެއަށް ވަނެވެ.
މީޑިއާގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންނާއި ފޮޓޯ ގުރާފަރުންނާއި ކެމެރާމަނުންގެ ކެމެރާތައް އަމާޒު ކުރެވިފައިވަނީ އެހީއަކަށް އެދި އާދޭސް ކުރަމުން ދިޔަ ތުއްތު ކުއްޖާއަށެވެ. އެންމެގެ ސިއްސައިގެން ދިޔައީ ކުއްޖާ ހުރި ދިމާ މަތީ އަނދަމުން ދިޔަ ލަކުޑިގަނޑުން ބައެއް ނެއްޓި ކުއްޖާ ހުރި ދިމާއަށް ވިއްސައިގެން ދިޔުމުންނެވެ. އެއާއެކު އެންމެންގެ ލޯތަކަށް އެ ތުއްތު ކުއްޖާ ގެއްލިގެން ދިޔައީ އަލިފާންގަނޑުގެ ސަބަބުންނެވެ. އެންމެންގެ ލޯތަކުން ކަރުނަ ހިލިގެން ދިޔައީ އެކުއްޖާ ސަލާމަތަށް އެދި އާދޭސްކޮށްކޮށް ހުއްޓާ އެއްވެސް ކަމެއް ކޮށްނުދެވުނުކަން އިހުސާސްކުރެވި އެ މަންޒަރު ލޮލުން ފެނުނީމައެވެ. އެންމެންގެ ލޯތަކުން ކަރުނަ ހިލިގެން ދިޔައެވެ. ކަޅި ޖަހައި ނުލައި އެންމެން ބަލަހައްޓައިގެން ތިބީ ކުއްޖާގެ ހަރަކާތެއް، އަޑެއްބަޑެއް ނަމަވެސް އިވޭތޯ ބެލުމަށެވެ.
ހިނދުކޮޅެއް ފަހެވެ، އެންމެންގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ވާނުވާ ނޭނގި ހައިރާންވެވި ކުޅި ބަލަން ތިބެވުނީއެވެ. އަނގަ ހުޅުވި ދެލޯ ބޮޑުވެފައެވެ. އިހުސާސް ކުރެވެމުން ދިޔައީ ފިލްމީ މަންޒަރެއް ފެންނަކަމެވެ. ސަލާމަތަށް އެދި ރޮއި އާދޭސް ކުރަމުން ދިޔަ ތުއްތު ކުއްޖާ އަތްދަނޑި މައްޗަށް ލައިގެން ކާކުކަން ނޭނގޭ މީހަކު އެއްވެސް ހަރަކާތަކާއި އެއްވެސް އެހެން އެއްޗެއްގެ އެހީ އެއް ނެތި ހުރި ގޮތަށް ތިރިއަށް އަންނަތަން ފެނުމުންނެވެ. އެމީހާ ހުރި ގޮތަށް ތިރިވީ ތައްޔާރީ ހާލަތުގައި އޮތް އެންބިއުލަންސާ ދިމާއަށެވެ. އެއާއެކު އެންމެން ޖާގަ ހަދައިލަމުން އެމީހާ ވަށައިލިއެވެ. ތުއްތު ކުއްޖާގެ ބޮލުގައި ފިރުމާލަމުން ކައިރީ ހުރި ނަރުސް ކުއްޖާއާ ހަވާލުކޮށްލިއެވެ. އެއާއެކު ކުއްޖާ ރޮއިގަތެވެ.
"މާމަ. މާމަ! އަލިފާން. ފާޚާނާ! މާމަ! ފާޚާނާ!" ކުއްޖާއަށް ބުނެވުނީ އެހައި ހިސާބަށެވެ.
ނަރުސް ކުއްޖާގެ އަތްދަނޑިމައްޗަށް އެ ކުއްޖާ ދެމުނެވެ. ހޭނެތިގެންނެވެ. ކުއްޖާގެ ބައެއް ތަންތަން ވަނީ އަލިފާނުގެ ހޫނުން ރަތްވެ ފިހިފައެވެ. މޫނުމަތީގައިވަނީ ދުމާއި އަލިފާނުގެ ހޫނުން ތަޣައްޔަރުވެ ކުލަ އަނދިރިވެފައެވެ. ބޮލުގެ އިސްތަށިގަނޑިވަނީ ކިސުލިވެ ހޭވިފައެވެ. ނަރުހުންނާއި ޑޮކްޓަރުން އަވަސްވެގަތީ ކުއްޖާއަށް އަވަސް ފަރުވާ ދެމުން ހޮސްޕިޓަލަށް ގެންދިޔުމަށެވެ. އަވަސް އަވަހަށް އެންބިއުލަންސް އައިޖީއެމް އެޗާ ވީކޮޅަށް މިސްރާބު ޖެހިއެވެ.
ކުއްޖާ ހަވާލުކޮށްލުމަށްފަހު އެ ގޮތް ނޭނގޭ މީހާ އެ ހުރި ގޮތަށް މައްޗަށް އެރިއެވެ. އަތަށް ގެނައި ކުޑަ ހަރަކާތަކާއެކު ގައެވެ. ކުއްޖާ ނެރުނު ދިމާއަށެވެ. ހިނދުކޮޅެއްގެ ތެރޭގައި އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއަށް އެރިއެވެ. އަވަސް އަވަހަށް އެތެރެއަށް ދެވޭތޯ އުޅުނެވެ. އެހެނަސް އޭރު އެތެރޭގައި ވަނީ ހުޅު ހިފައިފައެވެ. އަވަސް ބާރުމިނެއްގައި އެތެރެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ދެވޭނެ އެއްވެސް ދިމާއެއް ނެތެވެ. ގޮތް ނޭނގޭ އެ މީހާ ހުއްޓުން އެރީ މީހެއްގެ ރުއިމުގެ އަޑު އިވިގެންނެވެ. އަޑުއައީ ދޮރުލައްޕާލެވިފައިވާ ކޮޓަރިއާ ދިމާއިންނެވެ. މަޑުމަޑުންނެވެ. ގިސްލުމާ އެކުއެވެ. އާދޭހުގެ އަޑެވެ. ސަލާމަތަށް އެދިއެވެ. ކޮޓަރީގެ ދޮރާ ދިމާގައިވަނީ އަލިފާން ރޯވެފައެވެ. ކުޑަދޮރާއި ދިމާ އެއްކޮށް ނިވާވެފައިވަނީ އަލިފާނުގެ ފާރުތަކުންނެވެ. (ނުނިމޭ)