ހަބަރު

ގޫގަލް "ލޫން ޕްރޮޖެކްޓް"ގެ ބެލޫންއެއް ރާއްޖެ އަށް ވެއްޓިއްޖެ

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގައި ބޭނުން ކުރަމުން އައި ބެލޫންއެއް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ކަމުގެ މައުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް މިއަދު ހެނދުނު ރިޕޯޓު ކުރި ކަމަށެވެ.

މި ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ. ސިފައިން ވަނީ އެ ބެލޫން ހޯދާފައެވެ. އަދި، ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ވަނީ ހަވާލުކޮށްފައެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައެއް ނުވެ އެވެ.