ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑުން ރަނގަޅުވިޔަސް ދިފާއީ ބާރު ގިނަ ދުވަހު ނުހުރޭ

ވަރަށް ފަރުވާތެރިކަމާއެކު އުޅެނިކޮށް ވެސް ބައެއް މީހުންނަށް ކޮވިޑް ޖެހެ އެވެ. މިގޮތަށް ޖެހޭ ގިނަ މީހުން ބަލިން ފަސޭހަވުމުން ހިތްހަމަޖެހުމެއް ނޭވާއެއް ލައެވެ. އޭނާއަށް މިކަމުން ސަލާމަތް ވެވުނީ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް ސައިންސްވެރިން މިހާރު ބުނަނީ ކޮވިޑް ޖެހޭ މީހުންނަށް ހިތްހަމަޖައްސާލެވެން ނެތް ކަމަށެވެ. ސަބަބަކީ ބަލި ޖެހުމުން ހަށިގަނޑުގައި އުފެދޭ އެ ބަލީގެ ދިފާއީ ބާރު މާ ގިނަ ދުވަހު ނުހުންނާތީ އެވެ. މަޑުމަޑުން ނެތެމުން ގޮސް ދުވަސްކޮޅެއް ތެރޭގައި ވަރަށް ބޮޑަށް ދަށްވާތީ އެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އެންޓިބޮޑީޒް އެވެ. ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވައިރަސް ވަނުން ހުއްޓުވަނީ އެންޓިބޮޑީޒް އެވެ.

ދަ އިމްޕީރިއަލް ކޮލެޖު އޮފް ލަންޑަންގެ ސައިންސްވެރިންގެ ޓީމަކުން ހޯދި ހޯދަމުން ދެއްކި ގޮތުގައި އެންޓިބޮޑީޒް ހުރިތޯ ބަލަން ޖޫން މަހުން ފެށިގެން ސެޕްޓެމްބަރާ ހަމަޔަށް ޓެސްޓްކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުރި މިންވަރު މިހާރު ހުރީ 26 ޕަސެންޓް ދަށްވެފައި ވެއެވެ. މީގެ މާނައަކީ ކޮވިޑް އެއްފަހަރު ޖެހުނަސް އަދި ސަލާމަތެއް ނެތެވެ. ދެ ފަހަރު ތިން ފަހަރު އަދި ހަތަރު ފަހަރު ވެސް މި ބަލި ޖެހުމުގެ ފުރުސަތު އެބައޮތޭ އެވެ.

އިންގްލެންޑްގައި ކުރިޔަށްގެންދިޔަ ރިއެކްޓް-2 ސްޓަޑީއަށް 350،000 މީހެއްގެ އެންޓިބޮޑީ ޓެސްޓް ހެދި އެވެ. އެގޮތުން ފުރަތަމަ ބުރުގެ ޓެސްޓްތައް ކުރީ ޖޫން ނިމުނު ހިސާބާއި ޖުލައި ފެށުނު ހިސާބުގަ އެވެ. އެ ފަހަރުގެ ޓެސްޓްތަކުގެ ނަތީޖާ ދެއްކި ގޮތުގައި ޓެސްޓްކުރި މީހުންގެ ތެރެއިން ކޮންމެ 1000 މީހަކުން 60 މީހެއްގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުއްޓެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ހަމަ މި މީހުން އަލުން ޓެސްޓްކުރި މީގެ ތެރެއިން އެންޓިބޮޑީޒް ހުރީ ކޮންމެ 1000 މީހަކުން 44 މީހެއްގެ ހަށިގަނޑުގަ އެވެ.

މީގެ މާނައަކީ ކުރިން އެންޓިބޮޑީޒް ހުރި ވަރަށް ގިނަ ބައެއް ހަށިގަނޑުން ވެސް އެންޓިބޮޑީޒް ނެތިފައިވާ ކަމެވެ.
އަދި އެންޓިބޮޑީޒް ހުރި މީހުންގެ ހަށީގަނޑުން އެ ނެތިގެން ދަނީ ވަރަށް ހަލުވިކަމާއެކު ކަން ވެސް ސައިންސްވެރިން ފާހަގަ ކުރި އެވެ. އެގޮތުން އެންމެ ތިން މަސް ދުވަހުގެ ތެރޭގައި 26 ޕަސެންޓް މީހުންގެ ހަށިގަނޑުން އެންޓިބޮޑީޒް ނެތިގެން ގޮސްފައި ވެއެވެ. އަދި މިގޮތަށް އެންޓިބޮޑީޒް ހުރި މިންވަރު ދަށްވާލެއް އެންމެ އަވަހީ އުމުރުން ހަގު މީހުންނަށް ވުރެ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި ބަލީ ގަދަޔަށް ޖެހޭ މީހުންނަށް ވުރެ ބަލީގެ ވައިރަސް ހުރި ކަމަށް ދެއްކި ނަމަވެސް އަލާމާތްތައް ކުޑަކޮށް ނުވަތަ އެއްގޮތަކަށް ވެސް ނުފެންނަ މީޙުންގެ ހަށިގަނޑުން މާ އަވަހަށް އެންޓިބޮޑީޒް ނެތިގެން ދާކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ސިއްހީ ޚިދުމަތްތެރިންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުންނަ މިންވަރު ފާހަގަކޮށްލެވޭ ވަރަށް މަތިކަމަށް މި ރިޕޯޓުގައި ވެއެވެ. ސަބަބެއް ކަމަށް ވަނީ އެމީހުންގެ ހަށިގަނޑު އެ ވައިރަހަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހުށަހެޅެމުންދާތީ ކަމަށް ވެއެވެ.

އެންޓިބޮޑީޒްތައް ހަރުލާފައި ހަށިގަނޑުގެ ތެރޭގައި ރަނގަޅަށް ތަތްވެފައި ތިބެ އެވެ. އަދި ހަށިގަނޑުގެ ސެލްތަކަށް ވަންނަން މަސައްކަތްކުރާ ވައިރަސްތައް ވަނަ ނުދީ ދިފާއުކޮށްދެ އެވެ. ނަމަވެސް އެންޓިބޮޑީ މަދުވުމުން ހަށިގަނޑު އެ ބަލިން ދިފާއުކޮށްދޭ މިންވަރެއް އަދި ސައިންސްވެރިންނަށް މާ ރަނގަޅަކަށް ބުނާކަށް ނޭނގެ އެވެ.

ސަބަބަކީ މި ނޫނަސް ހަށިގަނޑުގެ ދިފާއީ ނިޒާމެ އެހެން ބައިތަކެއް ވެސް މަސައްކަތް ކުރާތީ އެވެ. ޚާއްސަކޮށް ޓީ-ސެލްސް އަކީ ވެސް ހަށިގަނޑުގެ ދިފާއުގައި ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރާ އެއްޗަކަށް ވާތީ އެވެ. ވައިރަސް ވަދެ ތިބޭ ސެލްތަކަށް ހަމަލަދީ ސީދާ އެ އެއްޗެތި މަރާލުމާއި އެހެން ސެލްތަކުގެ އެހީތެރިކަމަށް އެދުމުގައި ޓީ-ސެލްސްގެ ދައުރު ވަރަށް ބޮޑެވެ.

ނަމަވެސް ސައިންސްވެރިން ބުނަނީ ހަށިގަނޑަށް ވައިރަސް ވަނަ ނުދިނުމުގައި އެންމެ ރަނގަޅު ދިފާއީ މަސައްކަތެއް ކުރަނީ ހަމަ އެންޓިބޮޑީޒް ކަމަށެވެ.