އާމިރު ޚާން

ކެރިއަރުގެ ދިޔައީ ކަމަށް ހިތާ އާމިރު ހާން ރުއި

އާމިރު ޚާނަކީ މިހާރު ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެ ހުނަރުވެރި އެންމެ ކާމިޔާބު އެއް އެކްޓަރެވެ. ނަމަވެސް ފިލްމީ ކެރިއަރު ނަގާ ކޮޅަށް ނުޖެހިގެން އޭނާއަށް މާޔޫސްވާން ޖެހުނު ދުވަސްތަކެއް އާމިރު ވެސް ތަޖުރިބާ ކޮށްފައި ވެއެވެ. ފިލްމަކަށް ފަހު ފިލްމެއް ބޮކްސް އޮފީހުގައި ބޮމެއްހެން ގޮވަން ފެށުމުން އޭނާ އަކީ "ވަން ފިލްމް ވޮންޑާ" އެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރި އެވެ.

އާމިރު ތައާރަފްވީ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" އަކީ ބްލޮކްބަސްޓާ އެކެވެ. ނަމަވެސް ދެން އައީ އޭނާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު އަޑިގަނޑެވެ.

ޔުނިވަސިޓިއެއްގެ ދަރިވަރުން ތަކަކާ ވާޙަކަ ދައްކަމުން ދާދިފަހުން އާމިރު ވަނީ ފިލްމު ކުޅެން ފަށައިގަތް ދުވަސްވަރުގެ ވަރަށް ގިނަ ތަޖުރިބާތައް ހިއްސާ ކޮށްފަ އެވެ. އާމިރު ބުނި ގޮތުގައި "ގަޔާމަތު ސޭ ގަޔާމަތު ތަކް" އަށް ފަހު އޭނާ އަށެއް ނުވަތަ ނުވަ ވަރަކަށް ފިލްމު ކުޅެން ސޮއި ކުރި އެވެ. އެ ފިލްމުތައް އޭނާ ޚިޔާރުކުރީ އޭނާއަށް ކިޔައިދިން ވާހަކަތަކުގެ މައްޗަށް ބަލާފަ އެވެ. ސަބަބަކީ އެ ދުވަސްވަރު އޭނާ މަސައްކަތްކުރީ މުޅިން އާ ޑައިރެކްޓަރުންނާ އެކުގައި ކަމަށްވާތީ އެމީހުންގެ ގޮތް އެއްގޮތަކަށް ވެސް ނޭނގޭތީ އެވެ.

"ފަހަރަކު ފިލްމެއް ފްލޮޕްވަމުން ދާން ފެށުމުން މީހުންގެ މަލާމާތާ އަހަންނަށް ކުރިމަތިވި. އެންމެ ފިލްމަކުން އަޖައިބު ދައްކާލެވުނު އެކްޓަރެއްގެ ގޮތުގައި މީހުން އަހަރެން ސިފަ ކުރަން ފެށި. އަހަރެންގެ ކެރިއަރު ގެނބެން ފެށި. އަހަރެންގެ އުފާވެރިކަން ގެއްލި އަބަދު މާޔޫސްކަމާއި ހިތްދަތިކަމުގައި އުޅެން ޖެހުނު. ކޮންމެ ދުވަހަކު ގެއަށް އައިސް އަހަރެން ރޮން،" ދަރިވަރުން ކައިރީ އާމިރު ބުނެފައި ވެއެވެ.

އާމިރު އިތުރަށް ބުނި ގޮތުގައި އަސްލު އޭނާ މަސައްކަތްކުރަން ބޭނުންވީ އެއްވެސް ޑައިރެކްޓަރަކު އޭނާއާއެކު މަސައްކަތްކުރަން އެ ދުވަސްވަރު ބޭނުމެއް ނުވި އެވެ. އޭނައަށް ޚިޔާރުކުރެވިފައިވާ ފިލްމުތައް ރަނގަޅު ނޫންކަން އާމިރަށް އިހްސާސްވީ އެހިސާބުންނެވެ.

އޭނާ ބުނި ގޮތުގައި "ގަޔާމަތު ސޭ ގަޔާމަތު ތަކް" ރިލީޒްވެގެން ފާއިތުވީ ދެ އަހަރަކީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ބަލިކަށި ދުވަސްތަކެވެ.

"އަހަރެން ހިތަށް އެރި މަގޭ ދުވަސް ދެން މި ދިޔައީއޭ. ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެތޭ. އަހަންނަށް އެނގޭ އަހަރެންގެ ރިލިޒްވީ ފިލްމުތައް ފްލޮޕްވެފައިވާއިރު ދެން ހުރި ފިލްމުތައް ވެސް ހަމަ އެހާ ފީކަޅާކަން،" އާމިރު ބުންޏެވެ.
އާމިރު ބުނި ގޮތުގައި ކެރިއަރަށް ނިމުން އަންނަނީކަން ޔަގީންވެ އޭނާ އެކަމަށް ތައްޔާރުވާން ފެށީ އެހިސާބުންނެވެ. ނަމަވެސް އޭނާ އޭރު އެއް ކަމެއް އަޒުމު ކަނޑައެޅި އެވެ. ހިތްހަމަޖެހޭ ކަހަލަ ރަނގަޅު ޑައިރެކްޓަރަކާއި ރަނގަޅު ޕްރޮޑިއުސަރެއް އަދި ރަނގަޅު ސްކްރިޕްޓެއް ނުލިބޭނަމަ އެއްވެސް ފިލްމެއް ކުޅެން ސޮއި ނުކުރުމަށެވެ.

މި އަޒުމުގައި އޭނާ ހުއްޓާ މަޑުމަޑުން އޭނާއަށް ރަނގަޅު ޑައިރެކްޓަރުންގެ ހުށަހެޅުންތައް ލިބެން ފަށައި ކެރިއަރު އަލުން ނަގާ ކޮޅަށް ޖެހޭނެ ގޮތް މެދުވެރިވީ އެވެ. އޭރު އޭނާ ހުރީ ފިލްމު އުފެއްދުމުގެ ރޮނގުން ވަރަށް ގިނަ ތަޖުރިބާތައް ހޯދައިގެންނެވެ. ބެލުންތެރިންނަށް ކަމުދަނީ ކޮން ކަހަލަ ފިލްމުތަކެއް ކޮން ގޮތަކަށް ހުރެގެންތޯ އޭނާ އާމިރު އަށް ދަސްވެއްޖެ އެވެ.

އާމިރުގެ ކުރިޔަށް ރިލިޒްވާން އޮތީ "ލާލް ސިންގް ޗައްޑާ" އެވެ. ލޮކްޑައުންގެ ސަބަބުން ފިލްމުގެ މަސައްކަތް ލަސްވެފައި އޮތުމަށްފަހު މިހާރު ފަށައިގެން ކުރިޔަށް އެބަދެ އެވެ. ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރިމޭކް އެކެވެ.
ފިލްމު ރިލީޒްކުރާނެ ތާރީޚު އަދި ރަސްމީކޮށް އިއުލާން ކުރި ނަމަވެސް މިއަހަރު ނިމޭ ހިސާބުގައި ރިލީޒްކުރަން އުޅޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. މިފިލްމުގައި އާމިރު އާއެކު ބަތަލާގެ ބައިން ފެންނާނީ ކަރީނާ ކަޕޫރެވެ.