ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ތިމާވެށި ރައްކާތެރިނުވާނަމަ ކޮވިޑަށްވުރެ ނުރައްކާ ބަލިތައް ދިމާވާނެ

މި އަހަރަކީ ކޮންމެ މީހެއްގެ ހަޔާތުން ވެސް ފޮހެލަން އެންމެ ބޭނުންވާނެ އަހަރު ކަން ޔަގީނެވެ. ނަމަވެސް މި އަހަރު ފޮހެލިޔަސް އަދި ނިމޭކަށް ނެތެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ކޮވިޑަށް ވުރެ ފުރާނައަށް ނުރައްކާ ބަލިތައް ދުނިޔެއަށް ކުރިމަތިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ދެން ކުރިމަތިވާ ބަލިމަޑުކަން ކޮވިޑަށް ވުރެ ކޮންޓްރޯލް ކުރަން އުނދަގޫވެ، އަގުވެސް ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިކަން މިގޮތަށް ނުވެ ފަރުޖެއްސޭނީ ގައިން ގަޔަށް ފަސޭހައިން އަރާ އިންފެކްޝަސް ޑިޒިޒްތަކާ ކުރިމަތިލާނެ ރަނގަޅު ގޮތްތަކެއް ދުނިޔެއަށް ހޯދިގެންކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ތަޖުރިބާކާރުން މި އިންޒާރުދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ ދުނިޔޭގެ ނަން މަޝްހޫރު 22 ތަޖުރިބާކާރަކު އެކުވެގެން އެކުލަވާވި ބައޮޑައިވާސިޓީ އެންޑް ޕެންޑެމިކްސް ރިޕޯޓުގަ އެވެ. މިފަދަ ބޮޑެތި ބަލިމަޑުކަން ދުނިޔެއަށް ކުރިމަތވުމުގެ ފުރުސަތު އެންމެ ބޮޑުވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ފާހަގަ ކޮށްފައިވަނީ ތިމާވެށި ހަލާކުވަމުން ދިއުމުގެ ސަބަބުން ދުނިޔެއަށް ލިބެމުންދާ ގެއްލުމުގެ ސަބަބުންނެވެ.

ތަޖުރިބާކާރުން އިންޒާރުކުރި ގޮތުގައި ކޮވިޑް ޖެހެން މެދުވެރިވީ ސާސް-ކޯވީ-2 ވައިރަސް ކަހަލަ ނޭނގޭ 540،000 އާއި 850،000 އާ ދެމެދުގެ އަދަދެއްގެ ވައިރަސް ދުނިޔޭގައި ވާނެ ކަމަށާއި މީގެން ވައިރަހެއް އިންސާނެއްގެ ހަށިގަނޑަށް އަރައި ކޮވިޑް ކަހަލަ ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެންމެ ހައިރާންވާ ކަމަކީ މި ރިޕޯޓު ޝާއިއުކުރުމުގެ ތިން ދުވަސް ކުރިން މުޅިން އާ ބައްޔެއް ފްރެންޗް ގުއިއާނާ އިން ފެނި ބަލި ފެތުރެމުންދާކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯ އިން ވަނީ ދީފަ އެވެ. ޑެންގޫ ކަހަލަ އަލާމާތްތަކެއް ފެންނަ މި ބަލި ވެސް ޖެހެނީ މަދިރީގެ ޒަރިއްޔާ އިންނެވެ.

މިހާތަނަށް ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިތަކުގެ 70 ޕަސެންޓުގެ ތެރޭގައި ހިމެނޭ އެބޯލާ، ޒިކާ، ނިޕާ އެންސެފެލައިޓިސް އަދި އިންފްލުއެންޒާގެ ހުރިހާ ބަލިމަޑުކަމަކާއި އެޗްއައިވީ/އެއިޑްސް އަދި ކޮވިޑް-19 އަކީ ޒޫނޮޓީކް ބަލިތަކެވެ. މާނައަކީ ޖަނަވާރުގައިން އިންސާނުންގެ ގަޔަށް އަރާ މައިކްރޯބްސް އިން ފެތުރުނު ބަލިތަކެވެ.

ތަޖުރިބާކާރުން ބުނި ގޮތުގައި މި ބަލިތަކުން ސަލާމާތްވެވިދާނެ ގޮތްތައް އެބަހުއްޓެވެ. ނަމަވެސް އެއީ ދުރާލާ ބަލިތައް ފެތުރުމުން ރައްކާތެރިވާނެ ގޮތްތަކެއް ހޯދިގެން ކުރެވޭނެ ކަންތަކެވެ.

"ކޮވިޑް 19 އަކީ ދުނިޔެއަށް ކުރިމަތިވި ބޮޑެތި ބަލިމަޑުގެ ތެރެއިން ހަ ވަނަ ވަބާ. މީގެ ކުރިން މިފަދަ ބޮޑު ވަބާ އަކަށް ދުނިޔެއަށް ކުރިމަތިވީ 1918 ގައި ފެތުރުނު ގްރޭޓް އިންފްލުއެންޒާ ޕެންޑަމިކް. މި ހުރިހާ ބަލިމަޑުކަމެއް ވެސް ފެށުނީ ޖަނަވާރުންގެ ދަރިފަސްކޮޅުން. އެ ސޮރުމެންގެ ހަށިގަނޑުގައިވާ މައިކްރޯބްސް އިން. ނަމަވެސް ހުރިހާ ބައްޔެއް ވެސް އިންސާނުންގެ ގަޔަށް އަރައި ފެތުރެން މެދުވެރިވެފައިވަނީ އެމީހުންގެ އަމަލުތައް ބަހައްޓާ ގޮތަކުން،" ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ދޫނި ސޫފާސޫތްޕާއި ޖަނަވާރުގެ ހަށިގަނޑުގައި 1.7 މިލިއަން ވައްތަރުގެ ގޮތްނޭނގޭ ވައިރަސްތައް އުޅޭނެ ކަމަށް ސައިންސްވެރިން ގަބޫލުކުރާއިރު މީގެ ތެރެއިން 850،000 ވައިރަސް އަކީ އިންސާނުން އިންފެކްޓްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ވައިރަސްތައް ކަމަށް ވެއެވެ.

"ކޮވިޑް-19 ބަލި މަޑުކަމަކީ ހަގީގަތުގައި އަޖައިބުވާން ޖެހޭ ވަރުގެ ކަމެއް ނޫން. އިންސާނުންގެ އަމަލުތައް ހުންނަ ގޮތާއި މޫސުމަށް އަންނަ ބަދަލާއި ބައޯޑައިވާސިޓީ އަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ބޮޑެތި ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ އިތުރުވަނީ. ދުނިޔޭގެ ބިން އަހަރެމެން މި ބޭނުންކުރާ ގޮތަށް އަންނަ ބަދަލު؛ ދަނޑުވެރިކަން ފުޅާކުރުމަށް ގެންގުޅޭ އުސޫލުތައް، ވިޔަފާރީގެ ރޮނގުންކުރާ ކަންތައްތަކުން ޖަނަވާރާއި ގަސްތަކަށް ލިބޭ ގެއްލުން، ވައިލްޑްލައިފާއި އިންސާނުންގެ ގުޅުން އިތުރުވުން، މި ކަހަލަ ވަރަށް ގިނަ ކަންތައްތަކީ ޕެންޑެމިކް އަކަށް މަގުފަހިވާ ކަންކަން،" ރިޕޯޓުގައި ވެއެވެ.