ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޮސްޓްރޭލިއާގައި ސަރުކާރު އޮފީސްތަކުން ޗައިނާ ކެމެރާތައް ނަގަނީ

އޮސްޓްރޭލިއާގައި ސަރުކާރުގެ އޮފީސްތަކުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ޗައިނާގެ ކުންފުނިތަކުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާތައް ނަގަނީ އެވެ. އެ ގައުމުގެ ދިފާއީ ވަޒީރު ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި ކެމެރާތަކުގެ ގާބިލުކަމާއި ފެންވަރު ބެލުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ.

ޗައިނާގެ އިލެކްޓްރޯނިކް އުފެއްދުންތަކުން ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތާ ގުޅިގެން އޮސްޓްރޭލިއާ އިން މީގެ ކުރިން ވެސް ވަނީ ޗައިނާގެ ބައެއް ކުންފުނިތަކަށް ފިޔަވަޅު އަޅާފަ އެވެ. މިގޮތުން ވާވޭ ޓެކްނޮލޮޖީޒްގެ ނެޓްވޯކިން އާލާތްތައް އޮސްޓްރޭލިއާގައި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

މިއީ އެމެރިކާ އެދުމުގެ މަތިން އޮސްޓްރޭލިއާގެ ކުރީގެ ސަރުކާރުން ޗައިނާއާ ދެކޮޅަށް އެޅި ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ޗައިނާއާ އާއި އޮސްޓްރޭލިއާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި އިދާރާތަކުގައި ހަރުކޮށްފައި ހުރި ކެމެރާތަކަށް ޖާސޫސްކުރުން ފަދަ ކަމެއް ލިއްބައިދީފައި ހުރިތޯ ދެނެގަންނާނެ އެވެ. އެއަށް ފަހުގައި ނޫނީ ހުރިހާ ކެމެރާއެއް ނެގުމާ މެދު ގޮތެއް ނުނިންމާނެ އެވެ.

ވަޒީރު އަދި ވިދާޅުވީ ވަރަށް ބޮޑަށް ސެކިއުރިޓީ ދަމަހައްޓަން ޖެހޭ އޮފީސްތަކުން ޗައިނާ ކެމެރާ ނަގާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ ނަގާނެ ކެމެރާތައް އަންދާޒާކުރުމުގެ ފިޔަވަހި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިދާރާތަކުން ޗައިނާ ކެމެރާތައް ނަގަން ނިންމުމުން ޗައިނާ ބުނެފާނެ ބުނުމަކަށް ޖެހިލުން ނުވާ ކަމަށް ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވި ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ. މިކަމުގައި އޮތީ އޮސްޓްރޭލިއާއަށް ރައްކާތެރިކަން ބޮޑު ގޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގައި ޗައިނާގެ ދެ ކުންފުންޏަކުން ގާތްގަނޑަކަށް 1000 ކެމެރާ ސަރުކާރުގެ އޮފީސްތަކުގައި ހަރުކޮށްފައި ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ހިކްވިޝަން ޑިޖިޓަލް ޓެކްނޮލޮޖީ އަދި ދަހުއާ ޓެކްނޮލޮޖީ އެވެ.

ހިކްވިޝަންގެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވި ގޮތުގައި ކަސްޓަމަރުންގެ ކެމެރާތައް ހުންނަނީ އެ ކުންފުންޏަށް ވަދެވޭ ގޮތަކަށް ނޫނެވެ. އަދި އެ ކެމެރާތަކުން ވީޑިއޯކުރާ އެއްވެސް މަންޒަރެއް ލިބޭ ގޮތަކަށް ވެސް ނޫނެވެ.

ކެމެރާތައް ހަރުކުރުމަށްފަހު މޮނީޓަ ކުރުމުގެ އެއްވެސް ބާރެއް ހިކްވިޝަންއަށް ލިބިފައި ނޯންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ މި އަމަލަކީ ޗައިނާއާ އެކު އޮތް ގުޅުމަށް ހީނަރުކަމެއް އަތުވެދޭނެ ކަމެއް ކަމަށް ބުނެވެ އެވެ. ދެ ގައުމުގެ ދެމެދުގައި ގޯސްވެފައި އޮތް ގުޅުން ރަނގަޅުކުރަން މަސައްކަތް ފަށާފައި އޮތްއިރު -- ރަނގަޅަށް މުއާމަލާތްކުރުން ވަރަށް ބޭނުންތެރި ކަމަށް ސިޔާސީ ލީޑަރުން ބުނެ އެވެ.

ދުނިޔެއަށް ކޮވިޑް ފެތުރިގަތީ ޗައިނާއިން ކަމަށް އެމެރިކާއިން ކުރި ދައުވާގައި އޮސްޓްރޭލިއާ ބައިވެެރިވުމަކީވެސް ޗައިނާ އާއި އޮސްޓްރޭލިއާގެ ގުޅުން ވަރަށް ގޯސްވި ކަމަކަށް އޮތީ ވެފަ އެވެ.