ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗައިނާ

އޮސްޓްރޭލިއާ އާއެކު ގާތް ގުޅުމަކަށް އެދެން: ޗައިނާ

އޮސްޓްރޭލިއާގެ ވެރިކަން ބަދަލުވުމާ އެކު އޮސްޓްރޭލިއާ އާއި ޗައިނާއާ ދެމެދުގައި މިހާރު އޮތް ގުޅުން، އިހު އޮތް ގާތް ކަމަށް ރުޖޫއަކުރަން ޝައުގުވެރި ވާކަން ދެ ގައުމުން ވެސް ފާޅުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމާ އެންތަނީ އަލްބަނީޒް ހަވާލުވެ ވަޑައިގަތުމުން މަރުހަބާ ދަންނަވައި ޗައިނާއިން ވަނީ މެސެޖެއް ވެސް ފޮނުވާފަ އެވެ.

ޗައިނާއަށް ޝުކުރު އަދާކުރައްވައި އެންތަނީ އަލްބަނީޒް ފޮނުއްވި މެސެޖްގައި ދެ ގައުމުގެ ވިޔަފާރި ގުޅުމަށް އަލުން ފުރުސަތު ދެއްވުމަށް ވަނީ އެދިވަޑައި ގެންފަ އެވެ.

އޮސްޓްރޭލިއާގެ މުދާ ޗައިނާއިން ކުރިން ގަނެ އުޅުނު ގޮތަށް ބަދަލުކޮށް ދެއްވުމަށް ވެސް ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެދިވަޑައި ގެންނެވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާ އާއެކު ގުޅުން ބަދަހިކުރުމަކީ ޗައިނާއަށް ވެސް އެންމެ ރަނގަޅު ގޮތެވެ. އަދި އެކަމަށް އެދިވަޑައި ގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވާންގް ޔީ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާ އާއި ޗައިނާ ދެމެދުގައި އޮންނަ ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމެއް ކަމަށާއި އޮސްޓްރޭލިއާ ފުރަތަމަ ގަބޫލުކުރަން ޖެހެނީ އެ އަސާސް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ހުންނަ ތަފާތުތަކާއި އިހުސާސް ތަކަކީ ދެ ގައުމަށް ހާއްސަ އިހުތިޔާރަށް ވާން ޖެހޭ ކަމަށް ވެސް ވާންގް ޔީ ވިދާޅުވި އެވެ.

ދުނިޔޭގެ އޮއިވަރަށް އަންނަ ބަދަލެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ކަނޑައިގެން ހިނގައިދާނެ އެއްވެސް ކަމެއްގެ ތެރެއަށް ނުވަނުމަކީ ވެސް އޮސްޓްރޭލިއާ ދަސްކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމުގައި ސްކޮޓް މޮރިސަން ހުންނެވިއިރު ޗައިނާއާ އެކު އޮތް ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ދެ ގައުމުގެ ގުޅުން ކަނޑައިގެން ދިއުމަށް މެދުވެރިވި ކަންތައް ތަކުގެ ތެރޭގައި އެމެރިކާގެ ނުފޫޒުގައި އޮސްޓްރޭލިއާ ޖެހުން ހިމެނެ އެވެ.

އެމެރިކާ އާއި ބައިވެރިން ޗައިނާ އާއި ކޮވިޑާ ގުޅުވައި ދެއްކި ވާހަކަތަކުގައި، ކޮވިޑަކީ ޗައިނާގެ ވުހާނުން އުފެދި ދުނިޔެއަށް ފެތުރު ބައްޔެއް ކަމަށް ބުނެ ވަނީ ވާހަކަދައްކާފަ އެވެ. އޮސްޓްރޭލިއާ އިން ވެސް ވަނީ މި ވާހަކަތަކުގައި ހިފައިގެން ދަމައި ޗައިނާ ރުޅިއަރުވާފަ އެވެ.

މިކަމާ ގުޅިގެން އުފެދުނު ރާޅުބާނިތައް އޮސްޓްރޭލިއާ ބޮލަށް ބިންދި، ޗައިނާއަށް އެތެރެކުރާ އޮސްޓްރޭލިއާގެ އެތައް ބިލިއަން ޑޮލަރެއްގެ މުދާ -- ކާބޯތަކެތި ވެސް ހިމެނޭ ގޮތުން، ޗައިނާއަށް އެތެރެކުރުން ހުއްޓާލި އެވެ.

އޮސްޓްރޭލިއާއަށް ހޭއެރީ މި ހިސާބުންނެވެ. އެއިރު ގުޅުން އޮތީ އިރައިގެން ގޮސްފަ އެވެ. ސްކޮޓް މޮރިސަންގެ ވެރިކަމުގައި ކުރެއްވި އެއްވެސް ކަމަކުން ދެ ގައުމުގެ ގުޅުން އިއާދަކުރެވޭ ގޮތެއް ނުވި އެވެ.