(ފަސްވަނަ ބައި)
ގޮތްނޭނގޭ އެ މީހާ އެންމެ ފަހުން ގޮތެއް ނިންމިއެވެ. އަލިފާނުގެ ތެރެއިން ދިޔުމަށެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ހިތައިގެންނެވެ. އެހެންވެ އަލިފާންގަނޑުގެ ތެރެއަށް ފުރަތަމަ އެޅި ފިޔަވަޅާއެކު ކަނާތުފައިން ނުކުތް ހުދު ނޫކުލައިގެ އަލިކަމެއް ފަދަ ގޭހަކުން އަލިފާން ގަނޑު ނިވެމުން ދިޔައެވެ. އެއާއެކު ދާންވީ މަގު ސާފުވެ ހާމަވިއެވެ. ރޯވެ އަނދަމުން ދިޔަ އަލިފާން ގަނޑުގެ މެދުންނެވެ. ވަށައިގެން ފަސްވަރަކަށް ފޫޓުން އަލިފާންގަނޑު ނިވެމުން ދިޔައެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ފައިން ދޮރުފަތުގައި ޖަހައި ދޮރުފަތް އެތެރެއަށް ވައްޓައިލިއެވެ.
ކޮޓަރިތެރޭގައި މުސްކުޅި އަންހެނަކު ގައިގައި ރަޖާގަނޑެއް އޮޅައިގެން ކޮޓަރީގެ ކަނަށްވަދެ އިނދެ ރޮމުން ދިޔައެވެ. އެ މުސްކުޅިޔާ ތުރުތުރުލަމުން ދިޔައެވެ. މީހާ ވަނީ ހާސްވެ ކަންބޮޑުވެފައެވެ. ކޮޓަރި ތެރެއަށް ވަދެގެން އައި ގޮތް ނޭނގޭ މީހާ ފެނުމުން މުސްކުޅިޔާގެ ބިރުވެރިކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ.
"ދައްތާ. އަވަހަށް އާދޭ! އަހަރެން މިއައީ ދައްތަ ސަލާމަތްކުރަން. ނުރޮއި ހުއްޓައިލާ." އޯގާތެރިކަމާއެކު މަޑުމަޑުން އެ މުސްކުޅިޔާ ހިއްލައިލަމުން ކޮޓަރިން ނުކުތުމަށް އޭނާ ހިނގައިގަތެވެ.
ގައިގައި އޮޅާލައިފައިވާ ރަޖާގަނޑުން ނިވާކޮށްލަމުންނެވެ.
އޭނާ އަވަސް ހިނގުމެއްގައި ކޮޓަރިން ނުކުތެވެ. ވަށައިގެންވަނީ އަލިފާނެވެ. ދާންވީ ދިމާއެއް ސާފުވާވަރެއް ނޫނެވެ. އެހެނަސް އެމީހާ ކުރިއަށް ދިޔަ ވަރަކަށް ދާންވީ ދިމާ އަލިވަމުން އަލިފާން ގަނޑު މައިތިރިވަމުން މަގު ފެންނަމުން ދިޔައެވެ. އޭނާގެ ފައިން ނުކުންނަމުން ދިޔަ ދިޔާ ގޭހެއްގެ ސަބަބުންނެވެ. ބޭރަށް ނިކުމެވުމާއެކު މަޑުމަޑުން ތިރިއަށް މިސްރާބު ޖެހިއެވެ. އެންބިއުލަންސާ ދިމާއަށެވެ. އެ މުސްކުޅި މީހާ ގެންގޮސް އެންބިއުލެންސްގެ ސްޓްރެޗަރގައި ބޭއްވުމަށް ފަހު މައްޗަށް އެރިއެވެ. އިމާރާތުން މައްޗަށެވެ. ވައިގެ ތެރެއަށެވެ. އެއްވެސް ހިފެހެއްޓުމަކާ ނުލައި ވައިގެތެރޭގައި މަޑުކޮށްލިއެވެ. ގެނައި ކުޑަކުޑަ ހަރަކާތަކުން އިމާރާތް ވަށައިގެން ފެން ފައިބަން ފެށިއެވެ. އެމީހާގެ ކަނާއަތު ފައިންނެވެ. ހީވަނީ ފެން ހޮޅިތަކަކުން އެއްފަހަރާ އެކި ދިމަދިމާއިން ފެން ޖަހަންފެށި ހެންނެވެ. ހިނދުކޮޅެއް ނުވަނީސް އިމާރާތުގައި އަނދަމުން ދިޔަ އަލިފާން ގަނޑު ނިވިގެން ދިޔައެވެ. އަލިފާންގަނޑު ނިވުމާއެކު ގޮތް ނޭނގޭ އެ މީހާ މިސްރާބު ޖެހީ ހުޅުލެ އާ ދިމާއަށެވެ.
އާއްމުންނާއި ސިފައިންނަށް ތިބެވުނީ ކުޅި ބަލާށެވެ. އެމީހާ ގޮސް ލޮލުކޮޅަށް އޮބަންދެން ޓީވީތަކުގެ ލައިވް ފީޑުތައް ފެންނަމުން ދިޔައީ އެ މަންޒަރުތަކެވެ. ކެމެރާތަކުގެ ޒޫމު ކުރެވޭ އެންމެ ބޮޑަކަށް ޒޫމުކޮށްގެންނެވެ. އެމީހާގެ ހަގީގަތް ހޯދަން ވެސް ބޭނުން ވެގެންނެވެ. އެހެނަސް އެއީ ކާކު ކަމެއް ވަކިވާވަރެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އެމީހަކު ވަނީ ނިވާވެފައެވެ. ގަޔަށް ބާރު ހެދުމަކުން ނެވެ. ބޮލުން ފެށިގެން ފަޔާ ހަމައަށެވެ. އެންމެންނަށް އެނގުނުހާ ވެސް ކަމަކީ އެމީހާގެ މޭމަތީގައި އިނގިރޭސި ބަހުން 'ކާޝް' ޖަހައިފައި ވާކަމެވެ. އެއާއެކު އަނެއްކާ ވެސް އައު ޚަބަރެއް މީޑިއާ ތަކުގައި ދައުރުވާން ފެށިއެވެ. މުޅި ރާއްޖެއަށް ސިހުން ގެނުވި އެންމެން ވަގުތުން ބެލި އެންމެން ލޯތަކަށް ހާމަވި ތާޒާ ޚަބަރެކެވެ. އާދަޔާ ހިލާފު ތަފާތު ޚަބަރެކެވެ. އައު ބަޠަލެއް އުފަންވި ކަމުގެ ޚަބަރެވެ. 'ކާޝް'ގެ ނަން ނޫސްތަކާއި މީސްމީޑިއާގެ އިތުރުން އިޖުތިމާއީ ގުޅުންތަކުގެ ވިއުގަ ތަކުގައި މަންޒަރާއި ފޮޓޯ އާއެކު މަޝްހޫރުވަމުން ދައުރުވަމުން ދިޔައީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ޖެހިގެން އައި ދުވަހެވެ. ރާއްޖޭގެ މީޑިއާ ތަކުގެ ފަލަ ސުރުހީތައް ފަޅުފިލުވަމުން ދިޔައީ ގދ. ތިނަދޫ މަސް ދޯންޏެއް ރާޅެއްގައި ޖެހި ދެ ބުރި ވުމުގެ ސަބަބުން ދޯނީގައި ތިބި މަސްވެރިންތައް ހާލުގައި ޖެހި ކޯސްޓް ގާޑުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ވާހަކަތަކެވެ. ދޯނިން ދަތުރު ކުރި މީހުންތައް ކޯސްޓް ގާޑުގެ އެހީގައި ތިނަދުއަށް ގެންދިޔަ އިރު އެކަކު މަދުކަން އެނގި ކޯސްޓްގާޑާއި މޯލްޑިވްސް މެރިންގ ޕޮލިހާއި ސިފައިންގެ ކަމާބެހޭ ފަރާތްތަކުން ކަނޑު ބަލަމުންދާ ކަމުގެ ޚަބަރު ތަކެވެ.
އެޚަބަރުގެ ތެރެއިން ކޮންމެ ޚަބަރެއް ނިންމާލަނީ އާދަޔާ ހިލާފު ބާރުތަކެއް ލިބިގެންވާ މީހަކު މާލޭގައި އަނދަމުން ދިޔަ އިމާރާތެއް ނިއްވާލި ވާހަކަ ހުލާސާ ކޮށްލަމުންނެވެ. އަދި ކަނޑުވެގެން ހޯދަމުންދާ އެމީހާ ސަލާމަތްތެރިކަމާއެކު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދިނުމަށް 'ކާޝް'ގެ ނަމުން މަޝްހޫރުވެފައިވާ އެ ޝަޙްޞަށް އިލްތިމާސް ކުރުވަމުންނެވެ. ހިނދުކޮޅެއްގެ ފަހެވެ. ދިވެހި މީޑިއާ ތަކަށް ތާޒާ ޚަބަރެއް ފެންމަތިވުމުން އެކަން ގެނެސް ދެމުން ދިޔައެވެ. ހުރިހާ މީޑިއާއަކުން ވެސް ޚަބަރުތައް ތާޒާކުރަމުން ސިފައިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއް ގެނެސް ދެމުން ދިޔައެވެ.
"ގދ. ތިނަދޫ ހަވާއީ ދޯނި ހުވަދޫ ކަނޑުގެ ތެރެއަށް ގެނބި އެ ދޯނީގައިވާ ފަޅުވެރިންތައް ކޯސްޓް ގާޑާއި މޯލްޑިވްސް މެރިން ޕޮލިހުގެ ފަރާތުން ސަލާމަތް ކޮށްދިން އިރު، ދޯނީގެ ފަޅުވެރި އެއްކަމަށްވާ، ގދ. ތިނަދޫ ފެންކަފާގެ އުމުރުން 30 އަހަރުގެ އަހުމަދު ޖައިލަމް ސަލާމަތް ނުކުރެވޭ ކަން އެނގުމާއެކު، އަޅުގަނޑުމެންގެ ހާއްސަ ޓީމަކުން އޭނާ ސަލާމަތް ކުރުމަށް ދޯނި ކަނޑުވި ސަރަހައްދަށް ގޮސް ހޯދަމުން ދަނިކޮށް ތިނަދޫ ޕޮލިސް ސްޓޭޝަނުން އަޅުގަނޑުމެންނަށް އެންގީ އޭނާ ސަލާމަތުން އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްދީފައިވާ ކަމަށް. މިކަން މި ގޮތަށް ދިމާވި ސަބަބު ހޯދުމަށް އަޅުގަނޑުމެންގެ ތަހުގީގު ޓީމުން މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އެބަދޭ. މި އަދުގެ ނޫސްވެރިންގެ މި ބައްދަލުވުމަކީ އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް ނޫން. ނަމަވެސް، މި ބައްދަލު ވުމަކީ ވަރަށް ހައްސާސީ ކަމަކާ ގުޅޭގޮތުން މައުލޫމާތު ފޯރޮކޮށް ދިނުމަށް ބޭއްވޭ ބައްދަލު ވުމެއް." ސިފައިންގެ ސަދަން އޭރިއާގެ އިސް ކޮމާންޑަރ ނޫސް ވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުން ދިޔައެވެ.
"އެނގި ވަޑައިގަންނަވާނޭ ފަދައިން. އާދަޔާ ހިލާފު ބާރުތައް ލިބިފައިވާ އިންސާނުންނަކީ އަޅުގަނޑުމެންނަށް ފިލްމު ތަކާއި ފުލޯކް ވާހަކަތަކުން ފެންނަ ބައެއް. ނަމަވެސް ދިވެހި ރައްޔިތުންނަށް ރޭ އެންމެ ބޮޑު ސިހުމެއް ލިބިގެން ދިޔައީ މާލޭގެ ގެއެއްގައި ރޯވެ އަނދަމުން ދިޔަ ގެއިން އަލިފާންގަނޑުގެ ތެރެއިން ދެ މީހަކު ސަލާމަތްކޮށް އެ އަލިފާން ގަނޑު ނިއްވާލުމަށް ހަރަކާތްތެރިވި އާދަޔާ ޚިލާފު މީހާގެ ސަބަބުން. އާދެ، 'ކާޝް' ގެނަމުން ނަންދެވިފައިވާ މީހާގެ ސަބަބުން. ތިޔަ ބޭފުޅުން ހިތަށް އަރައިފާނެ، މި އަދުގެ ހާދިސާއާއި މިދެންނެވި 'ކާޝް' އާ ހުރީ ކޮން ގުޅުމެއްތޯ. އާދެ! މިއަދުގެ ހާދިސާގައި އަޅުގަނޑުމެން ގެއްލިގެން ހޯދަމުން ދިޔަ ގދ. ތިނަދޫ ފެންކަފާގެ އުމުރުން 30 އަހަރުގެ އަޙްމަދު ޖައިލަމް ސަލާމަތް ކޮށްދީ ތިނަދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ހަވާލުކޮށްދިނީ މި ދެންނެވި 'ކާޝް'! ޖައިލަމް ހަވާލުކުރުމަށް ފަހު ކާޝް މައްޗަށް އަރައިގެން ދިޔަ ކަމަށް ޖައިލަމް ބުނި! އަދި ޖައިލަމާ މި ބުނާ ކާޝް ދިވެހި ބަހުން ވާހަކަ ދެއްކި ކަމަށް އޭނާ ބުނޭ. އެހެންވެ މި ބައްދަލުވުމުގައި ތިޔަ ބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށާއި މިކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ދިނުމަށް މި ފުރުސަތު ދެނީ އަޙްމަދު ޖައިލަމަށް!" ކޮމާންޑަރުގެ ވާހަކަ ނުނިމެނީސް ޖައިލަމް އެ މާލަމަށް ފުލުހަކާއެކު ހާޒިރު ކުރެވުނެވެ. ފުލުސް މީހާގެ އިޝާރާތާއެއް ގޮތަށް ޖައިލަމް އަމަލު ކުރަމުން ގެންދިޔައެވެ. ޖައިލަމް އިށީނުމުން ވަރަށް އަދަބު ވެރިކަމާއެކު އޭނާއަށް މައިކު ހަވާލުކޮށްދިނުމަށް ފަހު ފުލުސް މީހާ ފަހަތަށް ޖެހިލިއެވެ.
"އައްސަލާމް އަލައިކުމް." ޖައިލަމްގެ އަޑު ކުރަކި ވެފައިވުމުން އޭނާ ދެފަހަރަކު ކަރު ކެހިލިއެވެ.
"އަޅުގަނޑު، އަޅުގަނޑު، ފައިބަރު ދޯނި ދެ ބުރިވެ ކަނޑުގެ ތެރެއަށް ގެނބެމުން ދިޔައިރު ހުރީ ދިރުނބާ ކޮޅުގަ. އަޅުގަނޑު ބަލަން ހުއްޓާ ކޮޅުފަސްކޮޅު ކަނޑުގެތެރެއަށް ގެނބިގެން ދިޔައީ. ދޯނި ބިންދައިގެން ދިޔައީ ޖެހި ބޮޑު ރާޅެއްގެ ސަބަބުންހެން ހީވަނީ. އަޅުގަނޑަށް އިވުނީ ބާރު އަޑުފައްގަނޑެއް. ކޮޅުފަސްކޮޅު އަޑިޔަށް ދިޔަތަން ފެނުމުން އަޅުގަނޑަށް ޔަގީންވި ދިރުނބާކޮޅު ވެސް އަޑިޔަށް ދާނެކަން. އޭރު އެންމެން އެމީހަކު އަތުޖެހުނު، މަތީ އޮންނަ ޒާތުގެ އެއްޗެއް ހިފައިގެން މޫދަށް ފުންމަމުން ދިޔަ. އަޅުގަނޑު އަތުގައި އެކަހަލަ އެއްޗެއް ނެތީމަ އަވަހަށް ފެން މަތީ އޮންނަ ކަހަލަ އެއްޗެއް އަތުޖެހޭތޯ ހޯދަން ފެށިން. ތައްޓުމަތީ އޮތް ފިލައިގަނޑެއް ފެނި އެނަގަން ގުދުވި ވަގުތު އަރިއަޅާލައިފައި އޮތްދިރުނބާ ކޮޅުން އިތުރަށް ގެނބެމުން ދިޔަ. އެޔާއެކު އަޅުގަނޑުގެ ފައި ކަހައިލައިގެން ދިރުނބާ ކޮޅާއެކު އެ ބާރުމިނުގައި އަޑިޔަށް ދިޔަ. ދެން ވީނުވީ އެއް ނޭނގެ. ހޭވެރިކަންވީ އިރު އޮތީ ކަނޑު މެދުގަ. އެއްވެސްތަނެއް ވެސް އެއްވެސް އެއްޗެއް ވެސް ރަށެއް ވެސް ފެންނާކަށް ނެތް. ކަނޑުގަ ރާޅު ހުރިވަރުން ކުރިއަށް ޖެހޭކަށް ވެސް ފަހަތަށް ޖެހޭވޭކަށް ވެސް ނެތް. އެހެންވެ އޮޔަށް ދާނެ ދިމާއަކަށް ދާން ދޫކޮށްލައިގެން އޮތީ. މަޑުމަޑުން ފައި ހަރަކާތްކޮށްލަ ކޮށްލާ. ލިބުނު ހާސްކަމާއި މޮޅިވެރިކަމާއެކު. ﷲއަށް ވަކީލުކުރުން ނޫން ކަމެއް ނެތް ކަމަށް ހިތަށް އަރުވައިގެން. ސަލާމަތް ވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. އެހެން އޮއްވާ އޮޔާދިޔަ ކުކިން އޮއިލް ހުސްކުރި ދޮން ކުލައިގެ ހަމެއް ފެނުނު. އޭރު ހަން އޮތީ އަޅުގަނޑާ ވިއްސަކަށް ފޫޓު ދުރުގަ. ހަން އަތު ޖެހިއްޖެ ނަމަ އެއްވެސް ހަރަކާތެއް ނުކުރިޔަސް އޮޔާ ދާނެދިމާއަކަށް ދާން ހެޔޮކަމަށް ދޫކޮށްލައިގެން އޮވެވޭނެ ކަމަށް ހިތަށް އަރުވައި އެ ހަން ހޯދުމަށް މަސައްކަތް ފެށިން. ކަނޑުގެ ރާޅުތަކުގެ ތެރެއިން ފަތަމުން ވަރު ބަލި ވުމުން ހުއްޓަމުން ކުރިއަށް ދިޔައިން." ޖައިލަމް ހިތްވަރު ކޮށްފައި ކަނޑުމަތީގައި އޭނާއަށް ދިމާވި ހާދިސާގެ ވާހަކަތައް ނޫސްވެރިންނާ ހިއްސާކުރަމުން ދިޔައެވެ.
ޖައިލަމްގެ ލޮލުން ކަރުނަ ހިލި މީހާގެ އަޑު ބެދެމުން ދިޔައެވެ. މަޑުމައިތިރި ކަމާއެކު އަސަރުން ފުރިގެންވާ ރާގެއްގައެވެ. ތަނަށް ވެރިވެފައިވަނީ ހިމޭން ކަމެވެ. އަނެއްކާ ވެސް ހިތްވަރުކޮށްފައި ޖައިލަމް ފެށިއެވެ.
"ދިހަ ވަރަކަށް މިނެޓުގެ މަސައްކަތުން އޮޔާ ދިޔަ އެ ހަން އަތުވި. ހަމާ ހަމައަށް ދެވުނު އިރު މީހާ އޮތީ ވަރުބަލިވެ ހާންތި ވާވަރު ވެފަ. އޭރު ބަނޑުހައިވެގެން ގައިގަ އެއްވެސް ހަކަތަ އެއް ނެތް. ހެނދުނު އެއްވެސް އެއްޗެއް ނުކައި ހުއްޓާ އެ ހާދިސާ ހިނގީ. ހަން އަތު ޖެހުނީމަ ބޭނުންވީ ވަރުބަލި ފިލަން ދެން މަޑުމަޑުން އޮންނަން. ހަމުގެ ބައްދައިގެން އެހެން އޮއްވާ ނިދުނީ. ހޭވެރިކަންވީ މީހަކު ވާހަކަ ދައްކާ އަޑަށް." ޖައިލަމް ނިތްކުރިމަތިން ދާ ތިކިތައް ފޮހެލަމުން ލޮލުން ހިލެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.
އޭނާގެ ނޭފަތުން ދަވަ ނުކުންނާތީ މަޑުކޮށްލިއެވެ. ކައިރީ އިން ކޮމާންޑަރު ޓިޝޫއެއް ދިއްކޮށްލުމުން މޫނު ޓިޝޫއިން ނޭފަތް ފޮހެލިއެވެ. އެއާއެކު އޭނާގެ ބުރަކަށީގައި ފިރުމައިލަމުން ފަހަތުގައި ހުރި ކޮމާންޑަރު ހިތްވަރު ދިނެވެ. މަޑުމަޑުން ބޯ ޖަހައިލަމުން ދެ ތުންފަތް ޖައްސާ ފިތައިލަމުން ކުރިއަށް ގެންދިޔުމަށް އެދެނެވެ. އެހެންވެ ހިތްވަރުކޮށްފައި ޖައިލަމް އަނެއްކާ ވެސް ފެށީއެވެ.
"މަޑުމަޑުން ދެ ލޯ ހުޅުވާ ބަލައިލިން. އެއާއެކު ފެނުނު މަންޒަރުން ގަބޫލުކުރަން ދަތިވި. ހީކުރީ ހުވަފެނެއްގައި އޮވެވޭކަމަށް. މޫދަށް ބޯކޮށްޕާލުމަށްފަހު ނަގައި އަނެއްކާ ވެސް ބަލައިލިން. އެފަދަ ގޮތަކަށް މީހަކު ފެނުމުން ގަބޫލު ކުރަން ދަތިވީ. މޫދުގެ ސަތަހައިގައި ނުޖެހި މީހަކު އަހަންނާ ދިމާއަށް ބަލަހައްޓައިގެން ތިރިވެފައި އޮތުމުން. ޒާތެއްގެ ހެދުމެއް ލައިފައި އޮތުމުން މީހާގެ ސިފަ ވަކިވާވަރެއް ނުވި. އަހަރެން ހީކުރީ ސްޕައިޑާމޭންގައި އުޅޭ މީހާކަމަށް. އެކަމަކު އެ ހެދުމާ ތަފާތު އޭނާ ލައިގެން ހުރި ހެދުން ވެސް. އެމީހާ ބުނީ އަވަހަށް ރަށަށް ދާން ތައްޔާރުވާށޭ. އޭނާ ބުނާ ގޮތް ހަދާށޭ. އެ މީހާ ވާހަކަ ދެއްކީ ސީދާ ދިވެހިބަހުން. ވަރަށް ފަރިތަ ދިވެހިބަހަށް. މި ބުނީ މާލޭ ބަހަށް. ޔަޤީން އެއީ ދިވެއްސެއްކަން." ޖައިލަމުން ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.
އަނެއްކާ ވެސް ޖައިލަމް ހިންދިރުވާލަމުން ނޫސްވެރިންނާ ދިމާއަށް ކަޅި ހިންގައިލިއެވެ. ފަހަރަކު މީހެއްގެ މޫނަށް އޭނާ ބަލައިލިއެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމާއެކު އޭނާ ހިއްސާކުރާ ވާހަކައަށް ގެއްލިފައި ތިބި ބައެއް ނޫސްވެރިން ކުރިއަށް ގެންދާށޭ ބުނެ ބޮލާއި ލޮލުން ހަރަކާތްކޮށްލިއެވެ.
"އެމީހާ މަޑުމަޑުން އަހަރެން މޫދުން ނަގައިފަ ބުނީ އޭނާގެ ކަނާއަތުގައި ހިފައި އޭނާގެ ގައިގަ ހިފަހައްޓާށޭ. ދެން ލޯ މަރާށޭ. އަހަރެން މަޑުމަޑުން އޭނާގެ އިރުޝާދަށް ތަބާވަމުން ދިޔަ އިން. ދެ ލޯ މަރައިލަމުން އޭނާގެ އަތުގައި ހިފައި ގައިގަ އޮޅުލައިގަތިން. މަޑުމަޑުން ލޯ ހުޅުވާލަން ހިތަށް އެރުމުން ލޯ ހުޅުވައިލިން. އިވެމުން ދިޔައީ ވައި ކެފެމުން ދާ އަޑު ފަންކާ އެނބުރޭ އިރު އިވޭ ކަހަލަ އަޑުތަކެއް. އަހަންނަށް މަންޒަރުތައް ފެންނަމުން ދިޔައީ ވަރަށް ސާފުކޮށް. އެމީހާ އެއްވެސް ހަރަކާތެއް ނުކުރޭ. ހަމައެކަނި ވާއަތް ކުރިއަށް ދަމާލާފައި އޮތުން ފިޔަވާ. ދަތުރު ކުރަމުން ދިޔައީ ކަނޑުގެ ރާޅުތަކަށް ވުރެ ވިއްސަކަށް ފޫޓް މަތިން. ލިބުނު އަޖައިބާ އެކު އަހަންނަށް މަންޒަރު ބަލަން އޮވެވުނީ. ދަތުރުކުރާލެއް ބާރުކަމުން ލޮލަށް ވައި އެޅޭތީ އެންމެ ފަހުން ލޯ މަރައިލިން. ވައި ކެފޭ އަޑު މަޑުވުމުން އަހަންނަށް ލޯ ހުޅުވާލެވުނު. އޭރު އެމީހާ ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ތިރިކޮށްލަނީ. އޭރު ފުލުހުންގެ ޖިޕަށް އަރަން ދެ ފުލުހުން ތައްޔާރުވަނީ. އަހަރުމެން ތިރިއަށް ފޭބިތަން ފެނުމުން އެ ދެމީހުން އަނގަހުޅުވައިގެން ބަލަން ތިބީ. އެމީހާ ބުނިހާ ވެސް ވާހަކައަކީ ގެއްލިގެން ހޯދާ ޖައިލަމް މިހުރީއޭ. އެހެން ކިޔައިފަ އެންމެ ބަލަން ތިއްބާ އެމީހާ މައްޗަށް އަރައިގެން ދިޔައީ. އަހަންނަށް ވެސް ފުލުހުނަށް ވެސް ތިބެވުނީ މަންޒަރު ބަލަން." ޖައިލަމް ކަން ހިނގައިދިޔަ ގޮތުގެ މަންޒަރުތައް ސިފަކުރަމުން ދޭތެރެ ދޭތެރެއިން މަޑުޖެހިލަމުން ހުއްޓަމުން ހުއްޓަމުން ކުރިއަށް ގެންގޮސް ނިންމައިލިއެވެ.
"އަހަރެން ބޭނުން އަހަރެން ސަލާމަތް ކޮށްދިން އެ މީހާއަށް ޝުކުރު އަދާކުރަން. އެ ވަގުތު ޝުކުރު އަދާ ކުރަން ވެސް ހަނދާން ނެތުނީ އަޖައިބު ވީލެއް ބޮޑުކަމުން." ޖައިލަމް އޭނާގެ ވާހަކަ ނިންމާލަމުން ވާހަކައިގައި ސިއްކަ ޖަހައިލީ ގޮތް ނޭނގޭ އެމީހާގެ އިހުސާންތެރިކަން ހިތަށް ގެންނަމުން ޝުކުރު އަދާކުރަމުންނެވެ.
"ދެން އޮންނާނީ ނޫސް ވެރިންގެ ފަރާތުން ޖައިލަމަށް އެއްވެސް ސުވާލެއް އޮތްނަމަ އެކަން ކުރުން." ކޮމާންޑަރު ނޫސްވެރިންގެ ސުވާލުތަކަށް ތަޅުން ހުޅުވާލިއެވެ.
އެއާއެކު ކުއްލި ޚަބަރުގެ ގޮތުގައި ޓީވީ ތަކުން ގެނެސްދެމުން ދިޔަ ހާއްސަ ކަވަރޭޖް މެދުކަނޑައިލަމުން ސްޓޫޑިއޯތަކަށް އޮން އެއަރ ހަވާލުކޮށްލިއެވެ.
އައިޝަމް ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ނަޖުމާ އިނީ ޓީވީން ދައްކަމުންދާ ޚަބަރުތައް ބަލަން އެއިގެ ތެރެއަށް ގެއްލިފައެވެ.
"ދަރިފުޅާ، އާދެބަލަ މިއޮށް ދައްކާ ޚަބަރެއް ބަލަން!"
"ކޮން ޚަބަރެއްތަ؟"
"ނޭނގެ! ކޮންމެ ވެސް ކާޝް އެކޯ. އެމީހެއްގެ ފޮޓޯ ވެސް އެބަ ދައްކާ. ރޭ އެއްކަލަ އަލިފާން ރޯވި ގަޑީ ނަގައިފަ ހުރި ވީޑިއޯއެއް. އެހާ ސާފުކޮށް ވަކި ކުރާކަށް ނޭނގެ. ތަންކޮޅެއް އަނދިރިވީމަ. އެބަ ކިޔާ އެއީ ދިވެއްސެކޯ ވެސް." ނަޖުމާ ތަފްސީލު ދިނެވެ.
"ދަރިފުޅުމެން ވަރު ކަންނޭނގެ އެ މީހާ ވަނީ. މަންމަ މި އިންނަނީ ޝައްކެއްގެ މަތީގަ މިހާރު." ނަޖުމާ ބައިލީ އައިޝަމް އަނގައި ނުބުނެ ސޯފާގައި ހަމަޖެހިލުމުން އޭނާއަށެވެ.
ހިތްގައިމު ހަވީރެއްގެ ނިމުން ގެނުވައިދިނީ ވާރޭ ކަނިކަނި ޖަހަން ފެށުމުންނެވެ. ރާޅުގަނޑު ސަރަހައްދަށް ޖަމާވެފައިވާ ކުދިބޮޑު އެންމެން އަވަސްވެ ގަތީ ކުއްލިއަކަށް އައި ވާރޭ ވިލާގަނޑުން ސަލާމަތް ވުމަށެވެ. އެއްބަޔަކު ކާރުތަކަށް ހަނައަޅައަޅާ ތިބިއިރު އަނެއް ބަޔަކު ޓެކްސީ ސެންޓަރުތަކަށް ޑައިލް ކުރުމުގައި އަވަދި ނެތި ހޭލަމޭލަ ވަމުން ދިޔައެވެ. އަނެއް ބަޔަކު އަވަސް ހިނގުމެއްގައި ރަށުތެރެއަށް މިސްރާބު ޖަހަނީއެވެ.
އައިޝަމް އާއި ފަރުހާނުގެ އިތުރުން އެމީހުންގެ ކުލާހުގެ ދެތިން ކުދިން ތިބީ ރާޅުގަނޑު ސަރަހައްދުގެ ކައިރީ ހުރި ރެސްޓޯރެންޓްގައި ތަނުގެ ހާލަތު ބަލަމުން ކޮފީއަކަށް އިންސާފުކުރާށެވެ.
"އޯހް ނޯ. މަ ވަރަށް ބޮޑު ޕްލޭނެއް ފެއިލްވީ." ހަނީފު މުއްކަވާލަމުން މޭޒުމަތީގައި ޖަހައިލަމުން މޫނު ކުނިކޮށްލިއެވެ.
"ކިހިނެއްވީ؟ ކަމެއް ކަޑަވީތަ؟" ޖެހިގެން އިން ފަރުހާނު އަހައިލިއެވެ.
"ޔާ! މިރޭ އެމަންޖެ ގޮވައިގެން ރައިޑަކަށް ހުޅުމާލެއަށް ދާން ރެޑީކޮށްގެން މި ހުންނަނީ." ހަނީފު ބޯކަހައިލަމުން ބޯއަރިކޮށްލިއެވެ.
"ދެން ކިހިނެއްވީ؟ ނުދެވޭނީތަ؟" ފަރުހާނު ހީލިއެވެ.
"ކަޑައެއްނު! ވާރޭ ވެހިގަތީމަ ކިހިނެއް ރައިޑަކަށް ދާނީ؟" ހަނީފު ބަލައިލީ އައިޝަމްގެ މޫނަށެވެ.
"ކައޭއަށް މާލެ ރައިޑް ޖަހަން ކުޑައީތަ؟ މީ ވަރެއްގެ ބޭކަލެއް ޝަހާދެއް. މިހާރު އެމަންޖެ ވެސް ދުއްވާލީދޯ؟ ކަލޭ ނުވާނެ ދުވަހަކު ރަނގަޅެއް." ފަރުހާނު ހަނިފާ ދިމާކޮށްލިއެވެ.
"ދެން ކަލޭ މަށާ ދިމާކުރޭ! ކަޑައޭ! ކިހިނެއް އެނގެނީ ކަލޭގެ ގޮތެއް. މަވެއްޖެއްޔާ ކަމެއް ޖައްސާފިއްޔާ ކައޭ މެންނަށް ކިޔައިދެން. ދެން މީނި އަނެއް ބޭފުޅާ. އޭނ ކޮން ޑްރީމެއްގެތަ؟ ކަމޯން ޝަމް. ލެޓްސް އެންޖޯއީ." ހަނީފު އައިޝަމްގެ ކޮނޑުގައި ޖަހައިލީ ހިޔާލެއްގެ ތެރޭގައި ގެއްލިފަ އިންހެން ހީވުމުންނެވެ.
"ކީކޭ؟ އަދި ވާރޭ ހުއްޓާނެ. ހިޔެއް ނުވޭ ވެހޭނެހެން. ދެވޭނެއްނު އަދި." އައިޝަމް އެމީހުން ދެއްކި ވާހަކައަށް މައުޟޫޢު ބަދަލުކޮށްލިއެވެ.
"އޭ! ހުޅުމާލެ މާ ކަޑައޭ މިހާރު. އެތާ އުޅޭ އެއްކަލަ ސްމިތްމެންގެ ގުރޫޕުގަނޑު މިހާރު ވަރަށް ވަރު ދައްކާލާ. ރޭވެސް ބިޓަކާ އެކު ރައިޑަކަށް ގޮސް ކަމެއްގަ ތިއްބާ އެ ގުރޫޕުގަނޑު ގޮސް ހޭދައްކާލި ކަމަށްވަނީ." ފަރުހާނު ހަނީފަށް ބިރު ދެއްކޭތޯ އުޅުނެވެ.
"އެހެންނުވާނީ. ދަނީ ރައިޑަކަށް ގޮސް ކުރަނީ އެހެންކަމެއް. އިރުއޮއްސުނީމަ ވެލާ އަރަންޏާ ވެލާ ފުށުން ޖަހާނެ މީހުންވާނެދޯ. ނުވިތާކަށް ބިސްކޮޅު ކޮނެލާނެ. ކައޭމެންގެ ކަމަކީ ފްރައިޑް ނޫޑްލިހަށް ވެސް އިރާކޮޅު ވެސް ކިރުއެޅުން ވިއްޔާ! އަނެއްކާ ނުލާހިކު ޕްރައިވެޓް ކެމެރާތައް ގިނަ ވަގުތުން އެފްބީ ވައިބަރ ނޫނީ ޓްވީޓާ ރާސްލާފަ އަޕްވާނެ..." އައިޝަމް ހީލިއެވެ.
"މިހާރު ތިހެން މީހަކަށް ލޮޓިއެއް ނުދެވޭނެ އިނގޭ. އެއަށްވުރެ މާ ގަދަ ގޮލަޔަކު ރާއްޖޭ އުޅޭ. ބަލާ މިއަދުވެސް އެއްކަލަ ގޮލާ ކަނޑުން ގެނެސްދިނީ. މަށަށް ހަމަ ކަމެއް ދިމާވާއިރަށް އެ ސޮރަށް ގޮވާނީ." ހަނީފު މަޖާވެލަމުން މައުޟޫޢު އަނބުރައިލިއެވެ.
"ކާޝް ތަ؟" ފަރުހާން ވެސް ހަނީފާ ބައިވެރި ވިއެވެ.
"އެ ކާކުތަ؟ ވަރަށް ގަދަ ގޮލަޔެކޯދޯ." އައިޝަމް އެމީހުންގެ ވާހަކަތަކުގައި ބައިވެރި ވެލީ ހިނިތުންވެލަމުންނެވެ.
"އާނ! ގަދަ ގޮލައެއް އިނގޭ. މިހާރު ކޮޕުން އެތިބީ ސައިޒުގަ، އެގޮލައިންނަށް ވަރަށް ބަވާ ސިޔާސީ މީހުން ޕްރޮގުރާމްތަކަށް އަރައި ތިބެ. އެހެންނުވާނީ އެމީހުންނަށް ރޭވެސް ކަމެއް ނުކުރެވި ތިއްބާ އެގޮލާ އަލިފާންގަނޑު ނިވާލީ. އަދިވެސް ލާރިލާރި ދޯ." ފަރުހާން ފޯނުގެ ސްކުރީނުގައި އިނގިލި ޖައްސާލަމުން ކުރިއަށް ގެންދިޔައެވެ.
"ބަލަ މިހުރީ އެގޮލައިގެ ފޮޓޯ. ވަރަށް ފޯރި އެބަހުރި މިކަމަކާ. ފޭސްބުކާ ޓްވިޓަރގަ ވެސް، ސްނެޕްގަ ވެސް އެންމެން އުޅެނީ މިހާރު ކާޝް ވެގެން. އައިޑީ ވެސް، ޕީޕީއާ ސްޓޯރީގަ ވެސް ކާޝް."
"އެހެންތަ؟ މަ އަދި ނުދެކެމޭ ތިބުނާ މީހެއް؟ ދައްކަބަ!" އައިޝަމް ބޭނުންވީ ފޮޓޯތައް ބަލައިލާށެވެ.
ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އައިޝަމް އާއި މިކާޝްގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން އެގުޅުމުގައި އާރުލަމުން ދިޔައީ ހީވެސް ނުކުރާހާ ބާރުދުވެލީގައެވެ. ފެށުމެއްވާ ކޮންމެ ކަމަކަށް ނިމުމެއް ގެނުވާނޭ ބުނާ ބީދައިން އެ ގުޅުމަށް ހުރަސްތަކެއް އައުން އެކަށީގެންވާ ކަމުގެ ޚަބަރު މިކާޝް ދިނީ ފެންކަޅިވެ އިނދެއެވެ. (ނުނިމޭ)