ބޮލީވުޑް

"ދިލްވާލޭ" ރިލީޒްކުރާ ދުވަސް ބަދަލުކުރަން ޝާހްރުކް ކައިރީ ނުބުނަން: ދިޕިކާ

Oct 18, 2015

ދެހާސް ހަތް ވަނަ އަހަރު ސުޕަސްޓާ ޝާހްރުކް ޚާނާއެކު "އޯމް ޝާންތީ އޯމް" އިން ދިޕިކާ ޕަދުކޯން ބޮލީވުޑަށް ތައާރަފުވި ހިސާބުން ޝާހްރުކް އާއި ދިޕިކާ އަކީ ގާތް ރަހުމަތްތެރިންނެވެ.

މިހާތަނަށް ފަސް ފިލްމެއްގައި މި ދެތަރިން އެކުގައި މަސައްކަތް ކޮށްފައިވާއިރު، ދިޕިކާ އާއެކު ޝާހްރުކް ކުޅުނު ހުރިހާ ފިލްމަކަށް ވެސް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

މިއަހަރު ދިޕިކާ "ޕީކޫ" ރިލީޒްވެ ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގައި ރިލީޒްކުރާ "ތަމާޝާ" އާއި ޑިސެމްބަރު މަހުގައި ރިލީޒްކުރާ "ބާޖީރާއޯ މަސްތާނީ" ސިނަމާތަކުގައި ދައްކަން ފަށާނެ ދުވަހަކަށެވެ.

ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބޮޑު ބަޖެޓަކުން އުފައްދާ "ބާޖީރާއޯ މަސްތާނީ" ޝާހްރުކް އާއި ކާޖޮލްގެ "ދިލްވާލޭ" އާއެކު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާކަން އިއުލާންކުރުމުން މިއީ މިއަހަރުގައި ބޮކްސް އޮފީހުން ފެނިގެންދާނެ އެންމެ ބޮޑު ކުރިމަތިލުން ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ދެ ފިލްމު ބޮޑު ކުރިމަތިލުމަކަށް ދާނެ ކަމަށް ބުނަމުން އަންނައިރު މިފަހުން ވަނީ ދިޕިކާ ޝާހްރުކް ކުރެން "ދިލްވާލޭ" ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން އެދުނު ކަމުގެ އަޑުތަކެއް އަރާފަ އެވެ.

"ދިލްވާލޭ" އާއި އެއްދުވަހެއްގައި "ބާޖީރާއޯ މަސްތާނީ" ރިލީޒް ވެއްޖެނަމަ ހުރިހާ ގެއްލުމެއް ވަނީ އެފިލްމަށް ކަމަށް ބުނެ، ޝާހްރުކްގެ ފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ދިޕިކާ ޝާހްރުކް ކުރެން އެދުނު ކަމަށް ދެކެވޭ ވާހަކަތައް ދިޕިކާ ވަނީ ދޮގުކޮށްފަ އެވެ.

މިވާހަކަތަކާއި ގުޅޭގޮތުން މިފިލްމުގެ ފުރަތަމަ ލަވަ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ދިޕިކާ ވަނީ އޭނާ އެއްވެސް ފިލްމެއް ރިލީޒްކުރާ ދުވަސް ބަދަލުކުރަން ޝާހްރުކް އަށް ނުގުޅާ ކަަމަށެވެ. އަދި "ބާޖީރާއޯ މަސްތާނީ" ފަދަ ގިނަ ވަގުތު ޝޫޓިން އަށް ބޭނުންވާ ފިލްމެއްގެ ޝޫޓިންގައި އުޅެމުން އެފަދަ ކަމެއް ކުރަން ފުރުސަތެއް ވެސް ނުލިބޭ ކަމަށް ދިޕިކާ ވަނީ ބުނެފަ އެވެ.

އިތުރަށް ދިޕިކާ ވަނީ އޭނާއާއި ޝާހްރުކް އާއި ދެމެދު ކިތަންމެ ގާތްގުޅުމެއް އޮތް ކަމުގައި ވިޔަސް އެފަދަ ވާހަކައެއް ޝާހްރުކް އާއި ދުވަހަކުވެސް ނުދައްކާނެ ކަމަށް ބުނެފަ އެވެ.

"އަހަރެމެން އެކްޓަރެއްގެ ހައިސިއްޔަތުން އަހަންނާއި ހަވާލުކުރި މަސައްކަތްކޮށްފައިވަނީ ތެދުވެރިކަމާއެކު. ފިލްމުތަކުގެ ތިފަދަ ކަންތައްތައް ނިންމާނީ ފިލްމުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން" ދިޕިކާ ބުނެފައިވެ އެވެ.

ހުރިހާ ގޮތަކުން ވެސް ކާމިޔާބު ލިބޭނެ ކަމަށް ބުރަ ވެވެނީ ރޯހިތު ޝެޓީގެ "ދިލްވާލޭ" އަށެވެ.

މިފިލްމަކީ މިއަހަރު ނިކުންނާނެ ޝާހްރުކްގެ ހަމައެކަނި ފިލްމަށް ވުމުގެ އިތުރުން، މިއީ ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު ކަމަށްވާ ޝާހްރުކް-ކާޖޮލް ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އެކުގައި ފެނިގެންދާނެ ފިލްމަށް ވުމުން މިފިލްމަށް ބެލުންތެރިން ކުރާ އުންމީދު ބޮޑެވެ. މީގެއިތުރުންވެސް މިއީ ކާޖޮލް ވެސް ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި އަންނަ ފިލްމަށް ވުމުން މިހާރުއްސުރެން މިފިލްމު ރިލީޒްކުރާނެ ކަމުގެ އިންތިޒާރުގައި ތިބިމީހުން މަދެއް ނޫނެވެ.

ދިޕިކާ އާއެކު "ބާޖީރާއޯ މަސްތާނީ" ގައި މުހިންމު ރޯލުން ފެނިގެންދާނީ ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.

މިއީ ސަންޖޭ ލީލާ ބަންސާލީ އާއި ޝާހްރުކް ބޮކްސް އޮފީހުގައި ކުރިމަތިލާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ބަންސާލީގެ "ސާވަރިޔާ" އާއި ޝާހްރުކް އާއި ދިޕިކާގެ " އޯމް ޝާންތީ އޯމް" އެއް ދުވަހެއްގައި ރިލީޒްކޮށް ބޮޑުކުރިމަތިލުމަކަށް ގޮސްފައިވާއިރު، އެފަހަރު ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ޝާހްރުކް އެވެ.

ދެވަނަ ފަހަރަކަށް ޝާހްރުކް އާއި ވާދަކޮށް ބަންސާލީ އަށް ބޮކްސް އޮފީހުގައި ރޭހުގައި ކުރިއަަަށް ދެވޭތޯ ނުވަތަ ނޫންތޯ އެނގޭނީ 18 ޑިސެމްބަރުގައި މިދެފިލްމު ރިލީޒްކުރުމުންނެވެ.

ކޮންމެ ގޮތެއް ވިޔަސް ކާމިޔާބު ލިބޭނި މިދެފިލްމުން ކުރެ ކޮންމެވެސް އެއް ފިލްމަކަން ޔަގީނެވެ.