ހަބަރު

އިމާރާތެއް ގަނބާ ކަމަށް ޝައްކުކުރޭތީ އެކަން ބަލަން ފަށައިފި

މާލޭގައި އިމާރާތެއް ގަނބާ ކަމަށް ޝައްކުކުރޭތީ އެކަން ބަލަން ފަށައިފި އެވެ.

ޗާންދަނީ މަގުގައި ހުރި އެ އިމާރާތް ގަނބާ ކަމަށް ބައެއް އާންމުން ވަނީ ބުނެފައެވެ. އަދި އެ އިމާރާތުގެ ތިރީގައި ހުންނަ ފިހާރައިގެ ބިއްލޫރިތައްވެސް މިއަދު ވަނީ ތަޅައިގެންގޮސްފައެވެ. އިމާރާތުގައި ދިރިއުޅޭ ބައެއް މީހުންނާ ހަވާލާދީ ބައެއް އާންމުން ވަނީ އެ އިމާރާތުގެ ފްލޯތަކުގައި ޖަހާފައިވާ ތަށިމުޅިތައް ނެޓެމުންދާ ކަމަށްވެސް ބުނެފައެވެ.

ތަޅައިގެން ގޮސްފައިވަނީ "ޝެލް ޒޯން" ނަމަކަށް ކިޔާ ފިހާރައެއްގެ ބިއްލޫރިތަކެވެ. ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ގޮތުން އެއީ ގެނބުމުގެ ސަބަބުން ބާރުވެގެން ތަޅައިގެން ގޮސްފައިވާ ދިއުމެއް ކަމަށް ބެލެވެއެވެ.

ފުލުހުން ބުނީ އެ ފިހާރައިގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 1:20 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. މި މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އިމާރާތް ގަނބަމުންދާ ކަމަށް ކުރެވޭ ޝައްކުތަކާ ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެއެވެ.