ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ފަރުވާކުޑަ ނުކުރޭ، ހާލަތު ގޯސްވެދާނެ"

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ މިއަދަށް 236 ދުވަސް ވީއެވެ. އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑްގެ ކޭހެއް ފެނިފައި ވަނީ މިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ފުރަތަމަ ކޭހެއްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ތުރުކީގެ އުމުރުން 49 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން މިދިޔަ 236 ދުވަހުގެ ތެރޭގައި 11,659 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ކޮވިޑް ޖެހުނު 11،000 ވުރެ ގިނަ މީހުންގެ ތެރެއިން 10,814 މީހުން މިހާރު ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ ނިސްބަތުން ބަލާނަމަ 93 އިންސައްތަ މީހުންނެވެ. ކޮވިޑުން ރަނގަޅުނުވެ ތިބީ 800 މީހުންނެވެ. އޭގެ ތެރެއިން 55 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

ކޮވިޑާއެކު ހޭދަކުރި 236 ދުވަހުގެ ތެރެއިން ރާއްޖޭގެ ހާލަތު އެންމެ ގޯސްވީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 3،900 މީހުން ބަލިވިއެވެ. 12 މީހަކު މަރުވިއެވެ. ކޮވިޑުން ރައްކާތެރިވުމަށް އެ ދުވަސްވަރެއްގެ ހާލަތާ ގުޅޭގޮތުން ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުވެސް ކުރިއެވެ. އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން މުޅީން މަނާކުރިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމް ވަގުތީ ގޮތުން ހުއްޓާލިއެވެ.

މާލެ ސިޓީގައި ކާފިއު ހިންގާން ފެށިއެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ހުއްޓުމަކަށް ގެނައެވެ. މިފަދަ އެތަށް ފިޔަވަޅުތަކެއް އެޅިއެވެ.

ނަމަވެސް ސެޕްޓެންބަރު މަސް ފެށުމާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށިއެވެ. ޕޮޒިޓިވް އަދަދު މިހާރު ވަނީ 50 އިން ދަށުގައި ހިފަހައްޓާ ލެވިފައެވެ. އެ އަދަދު އެއަށްވުރެ ތިރީގައި ހުންނަ ދުވަސްތައް ގިނައެވެ. އިއްޔެވެސް ޕޮޒިޓިވްވީ 16 މީހުންނެވެ. އޭގެ ކުރީ ދުވަހު 27 މީހުންނެވެ.

ނަމަވެސް އަދި މިތިބީ ބަލީގެ ނުރައްކަލެއްގެ ތެރޭގަ އެވެ. ސިއްހީ އޮފިޝަލުން ގެންދަވަނީ އެ ވާހަކަތައް ވިދާޅުވަމުންނެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހާއްސަކުރީ ވެސް އެ ކަންބޮޑުވުންތަކަށެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި އާންމުންގެ ބައެއް މީހުންގެ ފަރާތުން ފެންނަ މަންޒަރުތަކުން ކޮވިޑް ނެތް ކަމުގެ އިހުސާސް ބައެއް މީހުންނަށް ކުރެވެއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. މިއީ ހުރިހާ ފިޔަވަޅުތައް ދޫކޮށް އާންމު ހާލަތަށް ދެވެން އޮތް ވަގުތެއް ނޫނެވެ.

ނަޒްލާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މާސްކު އެޅުމަށް ފަރުވާ ކުޑަވަމުން ދިއުމެވެ. އަދި ގިނަ ބަޔަކު ބައިވެރިވެގެން ކުޅޭ ކުޅިވަރުތަކުގައި މީހުން އުޅޭ ތަން ފެނުމެވެ. ގިނަ ބަޔަކު އެކުގައި ކަސްރަތު ކުރަން އުޅުމެވެ. މިއީ ކޮވިޑް ބަލި އަލުން ފެތުރިދާނެ ފަދަ ކަންކަމެވެ.

"ބައެއް ކުޅިވަރު ކުޅޭ ތަންތަނުގައިވެސް މާސްކު އެޅުމެއްނެތި ފަސް މީހުންނަށްވުރެވެސް ގިނަ މީހުން ކޮންޓެކްޓް ސްޕޯޓް ކުޅޭ ތަން މިހާރަކަށް އައިސް ދަނީ ފެންނަމުން. ނަމަވެސް އަޅުގަނޑު ހަނދާންކޮށްލަ ދޭން ބޭނުންވޭ އަދިވެސް އަޅުގަނޑުމެންގެ ގައިޑްލައިން ބުނާ ގޮތުން ފަސް މީހުންނަށްވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވޭނެ،" ނަޒްލާ ވިދާޅުވިއެވެ.

ބައެއް ކުޅިވަރު ކުޅޭ ތަންތަނުގައިވެސް މާސްކު އެޅުމެއްނެތި ފަސް މީހުންނަށްވުރެވެސް ގިނަ މީހުން ކޮންޓެކްޓް ސްޕޯޓް ކުޅޭ ތަން މިހާރަކަށް އައިސް ދަނީ ފެންނަމުން. ނަމަވެސް އަޅުގަނޑު ހަނދާންކޮށްލަ ދޭން ބޭނުންވޭ އަދިވެސް އަޅުގަނޑުމެންގެ ގައިޑްލައިން ބުނާ ގޮތުން ފަސް މީހުންނަށްވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވޭނެ
ޑރ. ފާތިމަތު ނަޒްލާ ރަފީގް | އެޗްއީއޯސީގެ ތަރުޖަމާން

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ނުދޭތީ ބައެއް މީހުން އެ ވާހަކަ ދައްކައެވެ. ނަމަވެސް މިއީ ހުރިހާ ފިޔަވަޅުތައް ދޫކޮށްލެވޭނެ ވަގުތެއް ނޫނެވެ. ފިޔަވަޅުތައް ބަދަލު ގެނެސް ބައެއް ފިޔަވަޅުތައް ދޫކޮށްލަނީ މަޑުމަޑުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެފައި ވާ ގޮތުން ފިޔަވަޅުތައް ކުއްލިއަކަށް ދޫކޮށްލުމަކީ މުޖްތަމައުއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

އޭނާ ފާހަގަ ކުރެއްވީ ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތައް އަލުން ލޮކްޑައުން ކުރަމުންދާ ދިއުމެވެ. ހާލަތު ގޯސްވެއްޖެނަމަ ލޮކްޑައުން ކުރުން ނޫން ގޮތެއް ނެތެވެ. އެހެންވީމަ އެ ހާލަތަށް ނުދިއުމަށް މިހާރު ހުރި ފިޔަވަޅުތަކުގައި ގަދައަށް ހިފަހައްޓަން ޖެހެއެެވެ.

"އަދިވެސް ފުދޭ ވަރަކަށް ދުވަސް އެބައޮތް ކަންނޭގެ މި ބައްޔާއެކު އުޅެންޖެހޭ. ވެކްސިނެއް އައިސް އާބާދީ ބޮޑު ބަޔަކަށް މި ވެކްސިން ދިނުމުން ނޫނީ މި ބަލިން މުޅިން ސަލާމަތްވީ ކަމަށް ނުބެލެވޭނެ،"

  • ކޮވިޑް ޖެހުނު މީހުންގެ އަދަދު 11,659
  • ކޮވިޑުން ރަނގަޅު ނުވެ ތިބީ 800 މީހުން
  • ބަލިން ރަނގަޅުވީ 10,814 މީހުން
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 55 މީހުން
  • އައިސީޔޫގައި ފަރުވާ ދެމުންދަނީ ދެ މީހަކަށް
  • ކޮވިޑް ޖެހުނު ދިވެހިންގެ އަަދަދަކީ 7،740

އެތައް ބައެއްގެ ބުރަ މަސައްކަތުން އަދި ރައްޔިތުންގެ އެތަށް ގުރުބާނީއެއްގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު ވަނީ އާ ވެފަ އެވެ. އެހެން ކަމުން އެޗްޕީއޭގެ އުސޫލުތަކަށް އެންމެން ތަބާވާންވީ ވަގުތަކީ މިއީ އެވެ. އެހެން ނޫންނަމަ އަލުން އޮގަސްޓްގެ ނުރައްކަލުގެ ހާލަތަށް ދާން ޖެހިދާނެ އެވެ. އެތައް ބަޔަކަށް ބަލި ޖެހި، ދަތި އުނދަގޫ ދުވަސްތަކާއި އަލުން ބައްދަލު ކުރަން ޖެހިދާނެ އެވެ.