ލައިފްސްޓައިލް

ސަލާންޖަހައިގެން ހޯދި ފައިސާއިން ވިޔަފާރިއެއް

ޕޯލިއޯ ޖެހި ދެފައިގެ ބޭނުން އެއްގޮތަކަށް ވެސް ނުކުރެވޭ ބަލި ހާލުގައި ހުރި އަންހެނަކު ދެ އަހަރު ދުވަސް ވަންދެން ސަލާން ޖަހައިގެން އެއްކުރި ފައިސާއެއް އަމިއްލަ ވިޔަފާރިއެއް ފަށައި ސަލާން ޖެހުން މުޅިން ހުއްޓާލައިފި އެވެ.

ރާމާ ދޭވީ ބުނި ގޮތުގައި ދެ ފައި އެއްގޮތަކަށް ވެސް މަސައްކަތް ނުކުރަނީ ވަރަށް ކުޑައިރު ޕޯލިއޯ ޖެހިގެން ކަމަށެވެ. އަދި ފައި ނެތުމުން ހާލުގައި ޖެހި ސަލާން ޖަހަން މަޖްބޫރުވީ އެވެ. ސަލާން ޖަހައިގެން ލިބުނު ފައިސާއިން ބައެއް ރައްކާކުރުމަށް ފަހު މިހާރު އޭނާ ވަނީ މޭވާ ވިއްކާ ގާޑިޔަލެއް ހޯދައި ގާޑިޔަލުގައި މޭވާ ބަހައްޓައިގެން ވިއްކަން ފަށާފަ އެވެ.

ދެ ފައި މަސައްކަތް ނުކުރިޔަސް އެ ހާލުގައި ވެސް ރާމާ ވަނީ ގްރޭޑް 10 ގެ ފެންވަރަށް ކިޔަވާފަ އެވެ.

ރާމާ އަކަށް އޭނާގެ ބައޮލޮޖިކަލް ޕޭރެންޓްސް ނުވަތަ އަސްލު މައިންބަފައިންނެއް ނޭނގެ އެވެ. އޭނާއަކީ ވަރަށް ކުޑައިރު އެޑޮޕްޓްކޮށްގެން ބަޔަކު ގެންގުޅުނު ކުއްޖެކެވެ. ހައި ސްކޫލް ތައުލީމު ފުރިހަމަކުރުމަށްފަހު ކައިވެނިކޮށްގެން ހައިދަރުއާބާދަށް އޭނާ ދިރިއުޅުން ބަދަލުކުރި އެވެ. ކައިވެންޏަށް ހަތް އަހަރުފަހުން 2018 ގައި ރާމާގެ ފިރިމީހާ މަރުވެ އޭނާ ހުވަފަތްވީ އެވެ.

"އަހަރެންގެ ފިރިމީހާ މީގެ ދެ އަހަރު ކުރިން ވަނީ މަރުވެފައި. ފިރިމީހާ ދުނިޔޭގައި ހުރިއިރު އަހަރެން އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެއް. ނަމަވެސް އޭނާ މަރުވުމުން އަހަރެންނަށް އެހީތެރިވާނެ މީހަކު ނެތި އެކަނިވީ. އަދި ސަލާންޖަހަން މަޖްބޫރުވީ އަހަރެންގެ ކުޑަ ތިން ކުދިންނަށް ކާން ބޯން ދޭނެ ގޮތެއް ނެތިގެން،" ރާމާ ބުންޏެވެ.

ހައިދަރުއާބާދުގެ މަގުތައް މަތީގައި ފާއިތުވީ ދެ އަހަރު ރާމާ އުޅުނީ ސަލާން ޖަހާށެވެ. ރާމާ އާއި ފިރިމީހާއަށް ދެ ފިރިހެން ދަރިން ލިބިފައިވާއިރު ތިން ވަނަ ކުއްޖަކީ އެ ދެމަފިރިން އެޑޮޕްޓްކުރި އަންހެންކުއްޖެކެވެ. ނަމަވެސް ކުއްލިއަކަށް ފިރިމީހާ މަރުވީމަ އާއިލާ މީހުން ބިކަވީ އެވެ.

ރާމާ ބުނި ގޮތުގައި އޭނާ ސަލާން ޖަހަން މަގުމަތީގައި އުޅުނަސް ދަރިން ބަރާބަރަށް ސްކޫލަށް ފޮނުވަ އެވެ. އަދި އެކުދިންގެ ކިޔެވުމުން އޭނާ އެއްގޮތަކަށް ވެސް މަހްރޫމެއް ނުކުރެ އެވެ.

"އަހަރެން ސަލާންޖަހަން މަގުމަތީގައި ދެފަޔާއި ދެއަތް ބިންމަތީގައި ދަމާ ދަމާ ގޮސް ދެފައިންނާއި ދެ އަތުން ލޭ އަންނަތަން ފެނިފައި ނުވެސް ދަންނަ މީހަކު އަހަންނަށް ފުރޮޅުލީގޮނޑިއެއް ހަދިޔާކުރި. މި ހާލުގައި ނޫޅެންވެގެން އަމިއްލައަށް މަރުވާން ވެސް ވަރަށް ގިނަ ފަހަރަށް މަސައްކަތް ކޮށްފިން. ނަމަވެސް މިހާރު ކުދިން ގޮވައިގެން ސަލާން ނުޖަހާ އުޅެވިދާނެކަމަށް އުންމީދުކުރެވޭ،' ރާމާ ބުންޏެވެ.

ސަލާންޖަހައިގެން ލިބުނު ފައިސާގެ އެއްބައި ރައްކާކޮށް އެޔަށް ރާމާ ވަނީ މޭވާ ވިއްކާ ޓްރޮލީއެއް ހޯދާފަ އެވެ.
"މަރުވާން އެތައް ފަހަރަކު މަސައްކަތް ކޮށްވެސް މަރުނުވީ މި ދުވަސް ދައްކަވަން ވެގެން ކަންނޭނގެ ކަލާންގެ އަހަރެންނަށް،" ރާމާ ބުންޏެވެ.

ރާމާގެ މޭވާ ޓްރޮލީ ކައިރީގައި ހުންނަ ފިހާރައެއްގެ ސޭޓަކު ބުނި ގޮތުގައި ފާއިތުވީ ދެ އަހަރު ރާމާ އުޅުނު ވޭނީ ހާލު އެމީހުންނަށް ވަރަށް ރަނގަޅަށް ފެނިފައި ވެއެވެ. އަދި މިހާރު އޭނާއަށް ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ލިބުނީތީ ވަރަށް އުފާވެ އެވެ.