ރަނގަޅު ފިރިއަކު ހޯދުމުގެ ނިޔަތުގައި އަންހެނަކު 10 ވަނަ މީހަކާ މިހާރު ވަނީ ކައިވެނިކޮށްފަ އެވެ. ނަމަވެސް އެމީހާ ވެސް ކަމުނުގޮސްގެން އޭނާ ކައިރިން ވެސް ވަރިވާން އެމީހާ މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. އޭނާ ބުނަނީ ހިތްހަމަޖެހޭ ކަހަލަ ފިރިއަކު ލިބިދެން ކައިވެނި ކުރުން ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކެސީ މިހާތަނަށް 10 ކައިވެނި ކުރިއިރު އެންމެ ގިނަ ދުވަހު ވެސް އެކަކާ އިނދެގެން އުޅެވުނީ އަށް އަހަރު އެވެ. އަދި އެންމެ ކުރު މުއްދަތެއްގައި ކުރި ކައިވެނި ރޫޅުނީ އެންމެ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. އަދި 10 ވަނަ ކައިވެނީގައި ވެސް ނިމުމުގެ ސިއްކަ ޖަހަން ކެސީ މިހާރު ވަނީ ތައްޔާރުވެފަ އެވެ.
އެމެރިކާގެ މަޝްހޫރު ޗެޓް ޝޯ އެއް ކަމަށްވާ "ޑޮކްޓަރު ފިލް" ޝޯގައި 56 އަހަރުގެ މި އަންހެންމީހާ ބައިވެރިވީ އޭނާ ބުނާ ގޮތުގައި މާ ގިނަ ދުވަހު އެކަކާ އިނދެގެން ނޫޅެވޭތީ އެކަމަށް ހައްލެއް ލިބޭތޯ ޑރ. ފިލްގެ އިރުޝާދު ހޯދުމަށް ކަމަށެވެ.
އަސްލުވެސް 10 ވަނަ ފަހަރަށްތޯ މިހާރު ކައިވެނި ކޮށްގެން އުޅެނީ ޑރ. ފިލް ސުވާލުކުރުމުން ކެސީ ބުނީ "އާނއެކޭ" އެވެ.
"ކެސީ ތިބުނާ ގޮތުން ހީވަނީ ތި ވާހަކަ ތިދައްކަނީ ވަރަށް ފަޚުރުވެރިވެފައި ހެން. މިހާރު ތިކަން މާ މަޖާ ކަމަކަށް ވެފައި ވަނީތަ؟" ޑޮކްޓަރު ފިލް ސުވާލު ކުރި އެވެ. މި ސުވާލުގެ ޖަވާބުގައި ކެސީ އޭނާއަށް ހެވޭ ފަހަރު ނުވަތަ ރޮވޭ ފަހަރު ވެސް އަންނަ ކަމަށާއި މިހާރު ދެން ބައެއް ފަހަރަށް ދެ ކަންތައް އެއްފަހަރާ ވެސް ކުރެވޭ ކަމަށެވެ.
"އަހަންނަކަށް މީ މަޖާ ކަމެއްގެ ގޮތުގައި ނުބެލެވޭ. ނަމަވެސް ހިތްހަމަނުޖެހޭ ކައިވެންޏެއްގައި ދެމި ހުރުމަކީ ވެސް އަހަރެން ބޭނުންވާ ގޮތެއް ނޫން. ކައިވެނިކޮށްގެން އުޅޭއިރު އަހަންނަށް އެމީހަކާ އެކު ކެތް ނުވާވަރު ވީމަ އާއްމުކޮށް އަހަރެން ބުނަނީ ވެސް ދެން މިކަން މިގޮތަކަށް ކުރިއަކަށް ނުގެންދެވޭނޭ. ވަކިވާންވީއްޔޭ. އަހަރެން ކައިވެނީގައި ނިމުމުގެ ސިއްކަ ޖަހަނީ ކޮންމެ ފަހަރަކުވެސް،" ކެސީ ބުންޏެވެ.
އެންމެ ދިގު މުއްދަތަކަށް ވެސް ކެސީ އަށް ކައިވެންޏެއް ކޮށްގެން ދެމި އެންމެ ފުރަތަމަ ކުރި ކައިވެނީގަ އެވެ. ފުރަތަމަ ފިރިމީހާ ކައިރިން އޭނާ ވަރިވީ ކައިވެންޏަށް އަށް އަހަރު ފަހުންނެވެ.