އެފްއޭއެމާއި އޮލިމްޕިކް ކޮމިޓީއަށް ލިބިފައިވާ ފައިސާ އެފްއޭއެމުގެ އިސްވެރިންގެ އެކައުންޓަށް ޖަމާކޮށް، ކުލަބުތަކުގެ ވެރިންނަށް ރިޝްވަތުދޭ ކަމަށް ބުނެ އެފްއޭއެމުގެ ކުރީގެ ވެރިއަކު ހުށަހެޅި މައްސަލަ ބަލައިދޭން އެއިދާރާއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަލީ އުމަރު ބުނީ އެފްއޭއެމުގެ އެދުމުގެ މަތީން މިއަދު ހެނދުނު އޭސީސީން ގައުމީ ފުޓްބޯޅަ އިދާރާ އަށް ވަދެ މާދަމާ އެފްއޭއެމުގެ މުއާމަލާތްތައް ބަލާނެ ކަމަށެވެ.
"މިއީ ހަޖަމް ނުކުރެވޭތީވެ ކުރާކަންތައްތައް. އަޅުގަނޑުމެން ބޭނުންވަނީ މިހާރު މިކަން ބަލަން. ރައްޔިތުންނަށް ވެސް އެނގެން އެފްއޭއެމަކީ މިހާރު ދެފުށް ފެންނަ ގޮތަކަށް ހިނގާތަނެއްކަން. އޭސީސީން ބަލާފައި ސްޓޭޓްމަންޓެއް ނެރޭނެ މިކަމާ ބެހޭގޮތުން. އެ ސިޓީއާ ގުޅިގެން އަޅުގަނޑުމެން ވާނީ އެދިފައި މިކަން ބަލައިދޭން،" ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރު ބުންޏެވެ.
ވެލެންސިއާ އާއި ނިއު އަދި ވީބީގެ ކުރީގެ ފޯވަޑް ބުނީ އެފްއޭއެމާ ދެކޮޅަށް އޭސީސީ އަށް އެއިދާރާގެ ކުރީގެ އެގްޒެކްޓިވް ސެކްރެޓަރީ ހުސައިން ރަޝީދު މައްސަލަ ހުށަހެޅީ ކުރިން ނުކުރެވިހުރި ކަންތައްތައް އެފްއޭއެމުން ކުރަމުންދާތީ ކަމަށެވެ.
"ހަޖަމް ނުކުރެވެނީ. އެބޭފުޅުންނަށް ނުކުރެވިހުރި ކަންތައްތައް މާފަހުން އައި ބަޔަކު ކުރަމުންދާތީވެ އެކަމާ ހަސަދަވެރިވަނީ،" އަލީ އުމަރު ބުންޏެވެ.
އެފްއޭއެމާ ދެކޮޅަށް އޭސީސީ އަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ އެފްއޭއެމަށް ސަރުކާރުންނާއި ބައިނަލް އަގްވާމީ ފަރާތްތަކުން ދީފައިވާ ފައިސާ ބޭނުންކުރަމުންދަނީ އެ ފައިސާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ. އަދި މިއީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ އެފްއޭއެމުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ރައީސް ކަމަށް ވާދަކުރައްވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އޭނާގެ ޓީމު އެކަންޏެވެ.