ލައިފްސްޓައިލް

ދުއްވި ސްކޫޓަރަށް ވުރެ ޖޫރިމަނާ ބޮޑުވުމުން ސްކޫޓަރު ދީފި

އިންޑިޔާގެ ބެންގަލޫރޫގައި ތަރުކާރީ ވިއްކުމުގެ މަސައްކަތްކުރާ މީހަކު ހެލްމެޓް ނާޅާ ސްކޫޓަރު ދުއްވައިގެން ބޮޑު ޖޫރިމަނާއެއް ކުރި އެވެ. އެ ޖޫރިމަނާގެ އަދަދަކީ 42،500 އެވެ. މިއަށް ވުރެ ހެޔޮ އަގެއްގައި އާ ސްކޫޓަރެއް ވެސް ގަންނަން ލިބެ އެވެ. އެހެންވެ އެމީހާ ޖޫރިމަނާ ދެއްކުމުގެ ބަދަލުގައި ސްކޫޓަރު ދީފައި އެތަނުން ދިޔައީ އެވެ.

އެހިސާބުގަނޑުގެ ފުލުހުން ބުނި ގޮތުގައި މި މީހާ ޓްރެފިކް ގަވާއިދާ ޚިލާފުވެގެން 77 ފަހަރު ޖޫރިމަނާ ކޮށްފައި ވެއެވެ. އެހާ ގިނަ އަދަދެއް ޖޫރިމަނާ އަށް އަރާފައިވަނީ އެހެންވެ އެވެ.

އެންމެ ފަހުން އެމީހާ ހުއްޓުވި ފަހަރު ޖޫރިމަނާ ނުދައްކަނީސް ސްކޫޓަރު ދޫނުކުރާނެ ކަމަށް ފުލުހުން ބުނުމުން އެމީހާ ވަނީ ޖޫރިމަނާ ދެއްކުމުގެ ބަދަލުގައި ސްކޫޓަރު ދީފައި އެތަނުން ގޮއްސަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ސެކަންޑް ހޭންޑް ސްކޫޓަރު ގަތުމަށް ދިޔަ އަގަށް ވުރެ ޖޫރިމަނާ ފައިސާގެ އަދަދު މާ ގިނަ އެވެ. އެހެންވީމާ ސްކޫޓަރު ދިނީ އެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ ނުދައްކާ މި މީހާ އަކަށް ސަލާމަތެއް ނުވެވޭނެ އެވެ. މިހާރު އެމީހާ މަސައްކަތް ކުރަނީ ޖޫރިމަނާ ފައިސާ އެއްކުރުމަށެވެ.