އިންތިހާބަށް ކުރިމަތި ނުލައްވައި ތިއްބެވި ފަރާތްތަކުން ބޭނުން ވަނީ ދަނޑަށް ނާރައި މެޗު ކުޅެން ކަމަށް އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެފްއޭއެމަށް ލިބިފައިވާ ފައިސާ އެ ތަނުގެ ވެރިންގެ އެކައުންޓަށް ޖަމާކޮށް ކުލަބުތަކަށް ރިޝްވަތު ދެމުންދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެފްއޭއެމުގެ ކުރީގެ އެގްޒެކެޓިވް ސެކްރެޓަރީ ހުސެން ރަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.
ބައްސާމް ވިދާޅުވީ އެފްއޭއެމަކީ ކުރިއާ ހިލާފަށް މިހާރު ވަރަށް ދެފުށް ފެންނަ ގޮތަށް ހިނގަމުން އަންނަ ތަނެއް ކަމަށެވެ.
"އިންތިހާބަށް ކުރިމަތިލައްވަން ކެރިވަޑައިނުގެން، ފަހަށް ޖެހިގެން ތިއްބެވި ބޭފުޅުން މިކަން މިކުރަނީ ފުޓްބޯޅަ އަށް ގެއްލުންދޭން. އެފްއޭއެމުން ކުލަބުތަކަށް ދެމުންދަނީ ޔޫތު މިނިސްޓްރީ އާއި ދިވެހި ސަރުކާރުން ދެމުން އަންނަ ފައިސާ. އަޅުގަނޑުމެން އައިސް ކުލަބުތައް އަމިއްލަ ފައިމައްޗަށް ތެދުކުރުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ ކުލަބަކަށް 1.5 މިލިއަން ރުފިޔާ ދޭން ނިންމީމާ އެކަމާ ކަންބޮޑުވަނީ. އިދިކޮޅު މީހުން މިކުރާ ކަންތައްތައް އަޅުގަނޑަށް ސިފަވަނީ ދަނޑަށް ނާރައި މެޗު ކުޅެން އުޅޭ ގޮތަށް،" ބައްސާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަ ހުށަހެޅި ފަރާތުގެ މައުލޫމާތުގެ ވަރަށް ކޮށި ކަމަށެވެ.
"ނޯމަލައިޒޭޝަން ކޮމިޓީއެއް އޮންނައިރު މިފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ އިލެކްޓޯރަލް ކޮމިޓީ އަށް. އެއީ ފީފާއިން މިކަން ހަމަޖައްސާފައި އޮންނަ ގޮތަކީ. އެކަމަކު އެފްއޭއެމުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައި ހުންނެވި ބޭފުޅަކު މައުލޫމާތު އެނގިވަޑައިނުގެން އޭސީސީ އަށް މައްސަލަ ހުށަހެޅުއްވީމަ އަޅުގަނޑު ހިތާމަކުރަން. ފަހަރެއްގައި ވެދާނެ މައުލޫމާތުގެ ކޮށިކަމެއް އުޅެނީ ކަމަށްވެސް،" އާއްމުކޮށް މީހުންނަށް ފާޑުވިދާޅުނުވެ މަޑުމައިތިރިކަން އިސްކުރައްވާ ބައްސާމް އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރެއްވަމުން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އޭސީސީން ބޭނުންވާ ކޮންމެ ކަމެއް ވެސް ބެލޭނެ ކަމަށާއި މި މައްސަލަ ބަލައިދޭން އެފްއޭއެމުން މިހާރު އެދިފައިވާނެ ކަމަށެވެ. އަދި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭސީސީން އެފްއޭއެމަށް ވަންނާނެ ކަމަށެވެ.