ކޮވިޑް-19 އަށް ޕޮޒިޓިވް ވާ ޓޫރިސްޓުންނާއި މި ދާއިރާގައި އުޅޭ، މުވައްޒަފުން ކަރަންޓީނުވުމަށް ހާއްސަ ރިސޯޓެއް ކަނޑައަޅަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިން އަދި މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ރިސޯޓެއް ކަނޑައެޅުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ އަދި ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓުއަރިސްޓުންނާއި އަދި މުވައްޒިފުން މިރިސޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ރިޒޯޓެއް ކަނޑައެޅުމަށްޓަކައި ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. އެގޮތުން 50 އެނދު އެ ރިސޯތެއްގައި ހުންނަން ޖެހޭނެ ކަމަށެވެ. މަދުވެގެން ތިން މަސްދުވަހުގެ މުއްދަތަކަށް ރިސޯޓު ލިބެން އޮތުމާއެކު ކަރަންޓީނު އަދި އައިސޮލޭޓްވާ ފަރާތްތަކުން ކެއުންބުއިމާއި ތިބުމުގެ ހުރިހާ ކަމެއް ގާބިލްކަން އެ ރިސޯޓެއްގައި ހުންނަން ވާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ރިސޯތަކީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެ ގަވާއިދުތަކަށް ފެތޭ ރިސޯޓަކަށް ވާންޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކަރަންޓީން ކުރަން ކަނޑައަޅާނީ މާލެ އަތޮޅު ފިޔަވައި އއ، އދ. އަދި ވ. އަތޮޅުގެ ރިސޯޓުތައް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެން ކަމުން މި އަތޮޅުތަކުން ރިސޯޓު ދޫކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފްކުރާ ބައްދަލުވުމުގައި ބައިވެރިވާންޖެހެ އެވެ. އަދި މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރަންޖެހެ އެވެ.
ކޮވިޑުގެ ބަލި މީހުން އެންމެ ފުރަތަމަ ކަރަންޓީނު ކުރަން ފެށީވެސް ރިސޯޓުތަކުގަ އެވެ. ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ބޯޑަރު ހުޅުވުމާއެކު ރިސޯޓުތައް ވަނީ ހުޅުވާ އަލުން ހިދުމަތްދޭން ފަށާފަ އެވެ. އެހެން ކަމުން މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުން މިހާރު ކަރަންޓީނު ކުރަމުންދަނީ ހުޅުމާލެ އާއި މާލޭގައި ހުންނަ ބައެއް ގެސްޓްހައުސްތަކުގަ އެވެ.