ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކޮށްފި

ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެން ރޭ ބޭއްވި ސިއްހީ ދާއިރާގެ އިސް ބޭފުޅުންގެ ބައްދަލުވުމެއްގަ އެވެ. ކޮންމެ ހޯމަ ދުވަހެއްގައި ރައީސް ބައިވެރިވަޑައި ގަންނަވާ މި ބައްދަލުވުމުގައި ސިއްހީ ދާއިރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމަވާ ލެއްވުމުގެ ގޮތުން ވަނީ ރާއްޖޭގެ ކަރަންޓީން މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ނިންމާފަ އެވެ.

މިކަން ފުރަތަމަ އާއްމު ކުރައްވާފައި ވަނީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ކުރެއްވި ޓުވީޓެއްގަ އެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ރައީސް ސޯލިހު ޓެގް ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓް، އެ ކޮމެޓީގައި އިންނަވާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ރި-ޓުވީޓް ވެސް ކުރައްވާފައިވެ އެވެ.

މި ބަދަލު ގެނައިކަން ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އެޗްޕީއޭގެ ތަރުޖަމާނު ޑރ. އާމިނަތު ނަޒްލާ ރަފީގަށް އަވަސް އިން ގުޅުމުން މި ވާހަކަ ދޮގު ކުރައްވާފައެއް ނުވެ އެވެ. ވިދާޅުވީ އެ ނިމުން ނިންމިކަން ނުވަތަ ނޫންކަން އެނގޭނީ ރަސްމީކޮށް އެކަން އެނައުންސް ކުރީމަ ކަމަށެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުން ރަނގަޅު ނުވެ ތިބީ 1019 މީހުންނެވެ. މިހާތަނަށް 11،939 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. ކޮވިޑްގައި 46 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 95 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މި ބައްޔަން ޕޮޒިޓިވެފައިވަނީ 17 މީހުންނެވެ.