ރިސޯޓު މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ކަރަންޓީނުގެ މުއްދަތު ޗުއްޓީގެ ތެރޭގައި ނުގުނަން ޓޫރިޒަމް މިނިސްޓަރު ރިސޯޓު އޯނަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ކޮވިޑް-19 އިގެ ހާލަތުގައި ރިސޯޓުތަކުގެ މުވައްޒަފުން ކޮށްދީފައި ވަނީ އަދަދު ނުކުރެވޭހާ ބޮޑު މަސައްކަތް ކަމަށާ، މިދިޔަ ޑިސެމްބަރު މަހަކީ ކާމިޔާބު މަހަށް ވެގެން ދިޔައިރު، ކާމިޔާބީގެ އުފާ މުވައްޒަފުންނަށް ހިއްސާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ވަރަށް ގިނަ ރިސޯޓުތައް މަދު މުވައްޒަފުންތަކަކާއެކު މަސައްކަތް ކުރީ ވެސް. އެހެންވެ އެ މުވައްޒަފުން ވަރަށް ބޮޑު ގުރުބާނީއެއް ވެއްޖެ،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އޮންނަ ގޮތުން ރަށަށް ގޮސް 10 ދުވަހު ކަރަންޓީން ވާން ޖެހޭ ކަމަށެވެ. ނަމަވެސް، ރިސޯޓު މުވައްޒަފުން ޗުއްޓީއަށް ނޫނީ އޮފް ކޮށްލައިގެން ރަށަށް ގޮސް ކަރަންޓީގައި އެ ދުވަސްތައް ދުއްވާލަން ޖެހުމަކީ އެހާ ހަމަޖެހޭ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އެހެންވެ، އަޅުގަނޑު މި އުންމީދު ކުރަނީ އިންޑަސްޓްރީގެ ބޭފުޅުން ފަހުރުވެރި ކަމާއެކު ހިތްހަމަ ޖެހުމާއެކު އެ ބޭފުޅުން [ރިސޯޓް މުވައްޒަފުން] ވި ގުރުބާނީގެ އަގު ވަޒަންކޮށް ކަރަންޓީން ވާންޖެހޭ މުއްދަތަކީ ޗުއްޓީ ނޫނީ އޮފްގެ ތެރޭގައި ނުހިމެނޭ ގޮތަކަށް ހައްދަވާނެ ކަމަށް. އެހެން ހަދައިފިނަމަ މުވައްޒަފުން ވަރަށް އުފާވާނެ. އެންމެ ގިނައިން އަންނަ ޝަކުވާއެއް މިއީ ކޮން އިރަކުންހޭ އަހަރެމެންނަށް އާއިލާތައް ކައިރި އަށް ދެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަޅުގަނޑު މި އުންމީދު ކުރަނީ އިންޑަސްޓްރީގެ ބޭފުޅުން ފަހުރުވެރިކަމާއި ރިސޯޓް މުވައްޒަފުން ވީ ގުރުބާނީގެ އަގު ވަޒަންކޮށް ކަރަންޓީންގެ މުއްދަތަކީ ޗުއްޓީ ނޫނީ އޮފްގެ ތެރޭގައި ނުހިމެނޭ ގޮތަކަށް ހައްދަވާނެ ކަމަށްޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ލުއި ހޯދައި ދޭން ތަފާތު މަޝްވަރާތަކެއް ޓޫރިޒަމުން ކުރާ ކަމަށެވެ.
"މުވައްޒަފުން ވާހަކަ އެ ދައްކަނީ ހިތުގެ އަޑިން. އެހެންވެ އިންޑަސްޓްރީގެ އޯނާސް އެ ބޭފުޅުން [މުވައްޒަފުން] ގެ އަގު ވަޒަންކޮށް، އިނާމު ދޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އަޅުގަނޑާ ދިމާވި ގިނަ ރިސޯޓުތަކުގެ އޯނާސް މުވައްޒަފުންނަށް ހިނިތުން ވުން އެބަ ލިއްބައިދޭ،" މައުސޫމް ވިދާޅުވި އެވެ.
ކުރިން ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވި މައުސޫމް ވިދާޅުވީ ބައެއް ރިސޯޓު ތަކުން ވަރަށް ހިތާމަވެރި ގޮތަކަށް ކަންތައް ކުރާކަން ފާހަގަ ކުރަން ޖެހޭ ކަމަށެވެ.
"ކުރި އަށް އޮތްތަނުގައި އަޅުގަނޑުމެން ރިސޯޓު އޯނާސްއާ ޑައިލޮގް ބާވައިގެން ވިސްނައި ދީގެން މުވައްޒަފުންނަށް އުފާ ހޯދައިދީ މުވައްޒަފުންނަށް ހިނިތުންވުން ގެނެސް ދިނުމަކީ ވިޔަފާރީގެ ކާމިޔާބީކަން ވިސްނައިދޭނަން."