ކުޅިވަރު

ހަސަންގެ އިސްލާހުތަކާ ދެކޮޅަށް އެސޯސިއޭޝަންތަކުން ތެދުވެއްޖެ

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެތީ އެކަމާ ދެކޮޅަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ރާއްޖޭގެ ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ އެސޯސިއޭޝަންތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހަސަންގެ ބައެއް އިސްލާހުތަކަކީ އޮލިންޕިކް ކޮމެޓީގެ އޮލިންޕިކް ޗާޓަރުގެ 27.5 އަދި 27.6 ވަނަ މާއްދާއާ ހިލާފް އިސްލާހުތަކެއް ކަމަށެވެ. އަދި މިފަދަ އިސްލާހުތަކެއް ގެނައުން ވެގެންދާނީ އޮލިންޕިކް މޫވްމަންޓުން ރާއްޖެ ސަސްޕެންޑް ވުން ކަމަށެވެ.

ދުނިޔޭގެ ކުޅިވަރުގެ ތާރީހުގައި މިޒާތުގެ މައްސަލަތަކުގެ ސަބަބުން އެތަށް ގައުމެއް ސަސްޕެންޑް ވެފައިވާކަން ފެންނަން އޮތްއިރު މިކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާއާއި ކުޅިވަރަށް ލޯބިކުރާ އެއްވެސް ރައްޔިތަކު އެދޭނެ ކަަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެސޯސިއޭޝަންތަކުން ނެރުނު ބަޔާން މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ޓްވީޓް ކުރައްވާފައެވެ. މިނިސްޓަރު ވަނީ "ކުޅިވަރު ސިޔާސީ" ނުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރައްވާފައެވެ.

ހަސަން ލަތީފް ހުށައެޅުއްވި އިސްލާހުތަކަށް އިޝާރާތް ކުރައްވާ މަހުލޫފް ކުރިން ވިދާޅުވީ ރައީސް ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް ކަމަށެވެ. އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ހިނގަނީ ޑިމޮކްރެޓިކްކޮށް ރާއްޖޭގެ ގާނޫނުތަކާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާ ވެސް އެއްގޮތަށް ކަމަށެވެ.

ނަމަވެސް ހަސަން ލަތީފްގެ އިސްލާހުތަކުގައި އެ އުސޫލުތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމަށް އިޝާރާތް ކުރައްވާ އެފަދަ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަސަން ލަތީފްގެ އިސްލާހުތަކާއި ގުޅިގެން މިނިސްޓަރު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު އެ އިސްލާހުތަކަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދު ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓިކްކޮށް ދެ ފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއްވެސް ވަރަށް ބޭނުންތެރި ކަމަށެވެ. ހަސަން ލަތީފްގެ ބިލުން އެކަންކަން ހާސިލްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.