ޕެރިސް އޮލިމްޕިކްސް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް ބޭއްވުނު އެންމެ ފެންވަރު ދަށް ރަސްމިއްޔާތު ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ފްރާންސްގެ ޕެރިހުގައި ރޭ ބޭއްވިއިރު، ވާރޭވެހުނު ނަމަވެސް އެ ރަސްމިއްޔާތުގައި ގެނެސްދިން މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކަށް އެކި ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
އޮލިމްޕިކްސްގެ ދިގު މާޒީގައިވެސް ފުރަތަމަ ފަހަރަށް މެއިން ސްޓޭޑިއަމުން ބޭރުގައި ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިގެންދިޔައިރު ކުރީގެ މިނިސްޓަރު މަހްލޫފު ސޯޝަލް މީޑިއާގައި ވިދާޅުވީ މިއީ މިހާތަނަށް ބޭއްވި އެންމެ ފެންވަރު ދަށް ހުޅުވުމުގެ ރަސްމިއްޔާތު ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް މަހްލޫފު ވިދާޅެއް ނުވެ އެވެ.
މަހްލޫފަކީ ކުޅިވަރުގެ ވަރަށް ގިނަ އިވެންޓްތަކުގައި މިނިސްޓަރު ކަމުގައިވެސް އަދި އޭގެ ކުރިންވެސް ބައިވެރިވެވަޑައިގެން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކްސްގެ ދަންމަރު ޓްރޮކަޑޭރޯއަށް ގެންދެވުނީ ސެއިން ކޯރުގައި ދުއްވަމުންދިޔަ އުޅަނދެއްގައި ތިބި ފާހަގަކޮށްލެވޭ އެތުލީޓުން ބައިވެރިވި ރިލޭއަކުންނެވެ. އެއަށްފަހު އެމީހުން ދަތުރުކުރީ ލޫވްރުގެ ބިއްލޫރި ޕިރަމިޑް ކައިރިންނެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ދިދަ އުފުލީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަދި އެތްލެޓިކްސްއިން ރާއްޖެ ތަމްސީލް ކުރާ އިބާދުﷲ އާދަމް އެވެ.
އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު އެތައް ހާސް ބަޔަކު ވަގުތުން ބަލާފައިވެ އެވެ.