ލައިފްސްޓައިލް

ހަދިޔާއަކަށް ލިބުނު ހަނީމޫން ދަތުރު ގަތަރުގެ ޖަލެއްގައި

ޕަރްވީން ކޯސަރް އަށް އޭނާގެ އަންހެންދަރިފުޅު އޮނީބާ އެންމެ ފަހުން ފެނުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އޮނީބާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ. އޮނީބާ އާއި ފިރިމީހާ އޭރު ތައްޔާރު ވަމުންދިޔައީ އެމީހުންގެ ކައިވެނީގެ ހަދިޔާއަކަށް އޮނީބާގެ ބޮޑުދައިތައަކު ދިން ހަނީމޫން ދަތުރެއްގައި ގަތަރަށް ފުރާށެވެ. ކައިވެންޏަށް އެތައް މަހެއް ފާއިތުވެފައިވީ ނަމަވެސް އާއިލާގެ އެހާ ގާތް މީހަކު ދަތުރެއް ދިނުމުން މި ދެމަފިރިން ވެސް ވަރަށް އުފަލުން އެ ދަތުރު ގަބޫލުކޮށް ދަތުރަށް ތައްޔާރުވީ އެވެ.

ޖުލައި 6، 2019 ގައި އޮނީބާ އާއި ފިރިމީހާ ހަނީމޫނަށް ފުރި އެވެ. މުމްބައި އިން ފުރައިގެން އެމީހުން ގަތަރުގެ ހައްމާދު އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބިތާ މަދު މިނިޓް ކޮޅެއް ތެރޭގައި ފުލުހުން އައިސް އެ ދެމަފިރިން ހައްޔަރުކޮށް ޖަލަށް ގެންދިޔަ އެވެ.

އެމީހުންގެ ފޮށިތައް ފާސްކުރިއިރު ހަތަރު ކިލޯގެ ހަޝިޝް ފޮށީގައި ހުއްޓާ ފެނިގެންނެވެ. އެއީ އޮނީބާގެ ދެމަފިރިންނަށް މި ހަނީމޫން ދަތުރު ހަދިޔާކުރި ބޮޑުދައިތަ ތަބައްސުމް އެމީހުންނާ ހަވާލުކުރި ފޮއްޓެކެވެ.
ބޮޑުދައިތަ އެމީހުން ކައިރީގައި ބުނީ އެއީ ދޯހާގައި ހުންނަ އޭނާގެ ރައްޓެއްސަކަށް ގެންދާ ދުންފަތް ކަމަށެވެ. އަދި ފޮށި އެމީހުންނާ ހަވާލު ކޮށްދިނުމަށެވެ.

އޮނީބާ އާއި އޭނާގެ ފިރިމީހާ ޝަރީގްގެ މައްޗަށް ކުށް ސާބިތުވެ ގަތަރުގެ ކޯޓަކުން ވަނީ އެމީހުން 10 އަހަރަށް ޖަލަށް ލުމަށާއި އެއް ކްރޯޑު ރުޕީސް އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ. އަދި މި ހުކުމް ތަންފީޒުކުރުމަށް މިހާރު މި ދެމަފރިން ތިބީ ގަތަރުގެ ޖަލަކަށް ލާފަ އެވެ.

މި ދެމަފިރިން ޖަލަށް ލުމާ ގުޅިގެން މުމްބައި ފުލުހުންނާއި އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯއިން މި މައްސަލަ ބަލަމުން ދިޔަ ނަމަވެސް ދެމަފިރިން ޖަލުގައި ތިބޭތާ އަހަރެއްވީއިރު ވެސް އެއްވެސް ބަޔަކަށް މި ދެމަފިރިންގެ ކުށެއް ނެތް ކަމަށް ނޭނގެ އެވެ. ބޮޑުދައިތަ ތަބައްސުމްގެ ކެހިވެރި ރޭވުމެއްގައި ބެދިގެން ދެމަފިރިންނަށް ޖަލަށް ދާން ޖެހުނީ ކަމެއް އިންޑިޔާ ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތަކަށް މިހާ ދުވަސް ވީއިރުވެސް ނޭނގެ އެވެ.

މިގޮތަށް އަހަރު ދުވަސް ފާއިތުވެފައި ވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުމްބައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތަބައްސުމް އާއި އޭނާގެ ގާތް އެހީތެރިއެއް ކަމަށްވާ ނިޒާމް ކާރާ ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ އަތުން 13 ގްރާމް ކޮކެއިން ފެނިފައި ވެއެވެ.

އެންސީބީން އިން މި ދެ މީހުންނާ ސުވާލު ކުރުމުން އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއްކަން ޔަގީން ކުރެވުނެވެ. އަދި މެދުއިރުމައްޗަށް މަސްތުވާއެއްޗެތި ވިއްކަން ފޮނުވާ ހަދާ މީހުންގެ ތެރޭގައި މި މީހުން ވެސް ހިމެނޭކަން ޔަގީން ކުރެވުނެވެ.

އޮނީބާ އާއި އޭނާގެ ފިރިމީހާ އަކީ ތަބައްސުމް މެންގެ މަޅީގައި ޖެހިފައިވާ ކުށެއް ނެތް ދެމަފިރިން ކަން އެންސީބީއަށް ޔަގީން ކުރެވުނީ އެހިސާބުންނެވެ. އަދި ތަބައްސުމް މެންގެ ފަރާތުން ލިބުނު ހެކިތަކުގެ އަލީގައި އެންސީބީން މިހާރު ގެންދަނީ ގަތަރުގެ ޑިޕްލޮމެޓުންނާ ގުޅައިގެން ދެމަފިރިން ޖަލުން ސަލާމަތްކުރުމުގެ މަސައްކަތް ތަކެއް ކުރަމުންނެވެ.

މިއީ އޮނީބާ އާއި ޝަރީގްގެ އާއިލާއަށް ލިބުނު އާ އުންމީދެކެވެ. ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ދެ އާއިލާއިން ވަނީ ދެމަފިރިން ސަލާމަތްކުރަން ގިނަ ގުނަ މަސައްކަތް ކޮށްފަ އެވެ. އަދި އެމީހުންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް އެކަމަށްޓަކައި ހޭދަކޮށް ދެ އާއިލާ ވަނީ ފަގީރު ވެފަ އެވެ.

ކުށެއް ނެތް ދެ މީހުން ޖަލުގައި ތިބުމުން ދެ ފަރާތުގެ އާއިލާއަށް ލިބިފައިވާ ހިތާމަ އާއި ހިތްދަތިކަން ވެސް އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. ޚާއްސަކޮށް އޮނީބާ ޖަލަށް ލީއިރު ބަލިވެ އިނުމުން އޭނާގެ ހާލަތާ ދޭތެރޭ އާއިލާއިން ވަރަށް ކަންބޮޑުވެފައި ވެއެވެ.

ދޯހާގައި ހުންނަ އިންޑިއާ އެމްބަސީއަށް އޮނީބާގެ މަންމަ ސިޓީލީ އަދަދެއްގެ ވެސް ނޭނގެ އެވެ. އޭނާގެ ބަފާކަލޭގެ ވަނީ ގަތަރަށް ގޮސް ހަ މަސް ދުވަހު އެ ގައުމުގައި ހުރެގެން އެ ދެމަފިރިން ސަލާމަތްކުރަން ގިނަ ގުނަ މަސައްކަތް ކޮށްފަ އެވެ. އަދި އެ ގައުމުން ގާނޫނީ ވަކީލެއް ހޯދައިގެން އޭނާގެ އަތުގައި އޮތް އެންމެ ފަހު ފައިސާ ފޮއްޗަށް ދަންދެން ހޭދަކޮށްފަ އެވެ. އެ ގައުމުގެ އަގުހެޔޮހެން ހީވާހާ ހޮޓާ ތަކަކަށް ބަދަލުވަމުން އޭނާ ގަތަރުގައި ހަ މަސް ދުވަސް ހޭދަކުރި އެވެ.

އޮނީބާގެ މަންމަ ޕަރްވީން ބުނި ގޮތުގައި އޭނާގެ ދަރިފުޅު މިދިޔަ މާޗްމަހު ވިހެއީ ޖަލުގައި ބަހައްޓާފައި ހުއްޓަ އެވެ. މާމަ ދަރިފުޅު ދެކިލުމުގެ ނަސީބެއް ވެސް އަދިވެސް އޭނާއަކަށް ނުލިބެ އެވެ. ޖަލު އޮތޯރިޓީން އޮނީބާ އަށް އާއިލާއާ ފޯނުން ގުޅާލަން ވެސް ހުއްދަ ދެނީ ހަފުތާއަކު އެންމެ ދެ ފަހަރު އެވެ. އޮނީބާގެ ދަރިފުޅު ބަލަހައްޓަނީ ޖަލުގައި ވަކިން ހުންނަ ތަނެއްގައި ތިބޭ ނަރުހުންނެވެ.

ކޮންމެއަކަސް އޮނީބާގެ ދެމަފިރިންނަށް ލަނޑުދިން މީހުން ހޯދި އެއީ އެމީހުން ކުރި ކަމެއްކަމުގެ ހެކި މިހާރު ލިބިފައިވާތީ ވަރަށް އަވަހަށް އޮނީބާ އަލުން ފެނިދާނެކަމުގެ އުންމީދު އޭނާގެ މަންމައަށް މިހާރު އެބައޮތެވެ.

"އަހަރެމެންގެ ބޯމަތިން ކަޅު، ބޮޑު ވިލާގަނޑެއް ކެހިގެން ހިނގައްޖެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގަތަރުގެ ކަމާ ބެހޭ ފަރާތްތަކުން އޮނީބާމެން ދޫކޮށްލާ އަމިއްލަ ގައުމަށް އާދެވޭ ގޮތް ހަދާދޭނެ،" ޕަރްވީން ބުންޏެވެ.