ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހުމުން މީހެއްގެ ފުއްޕާމޭ ހިލަގަނޑަށް: އޮޓޮޕްސީ ރިޕޯޓް

ކޮވިޑާ ހަނގުރާމަކުރާ ހަ މަސް ދުވަހަށްފަހު ބަލީގައި މީހުން މަރުވާ ގޮތް ދެނެގަތުމުގެ ސްޓަޑީއެއް ގުޖްރާތުގައި ހުންނަ އެއިމްސްގެ ސެންޓަރަކުން މިހާރު ފަށައިގެން ކުރިޔަށް އެބަ ގެންދެ އެވެ. ބޯޕާލްގައި ހުންނަ މި ސެންޓަރުން ހޯދާ މި ހޯދުންތަކުގައި ކޮވިޑް ޖެހުމުން އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިބޭ މިންވަރު ދެނެގަތުން ހިމެނެ އެވެ. އެއީ އިންސާނުންގެ ފުރާނައަށް މި ބަލީގެ ނުރައްކާ ހުރި މިންވަރާއި ފުރާނަ ސަލާމަތްކުރަން ކުރެވިދާނެ ކަންތައްތައް ބަލައި ދެނެގަތުމަށް ހޯދާ ހޯދުން ތަކެކެވެ.

ރާޖްކޯޓް ސިވިލް ހޮސްޕިޓަލާއި ޕީޑީޔޫ ގަވަންމަންޓް މެޑިކަލް ކޮލެޖު ގުޅިގެން ކުރިޔަށްގެންދާ މި ދިރާސާގައި މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި ފަސް މީހެއްގެ އޮޓޮޕްސީ ހަދާފައި ވެއެވެ. މި ހުރިހާ ޕޯސްޓްމޯޓަމްއެއްގައި ވެސް އެންމެ ހައިރާންކުރުވަނި ކަމަކަށް ރިސާޗަރުންނަށް ފާހަގަ ކުރެވުނީ އަސްލު އޮންނައިރު އިސްޕަންޖުގަނޑެއްހާ މަޑުމަޑުކޮށް އޮންނަ ފުއްޕާމެޔަށް ކޮރޯނާވައިރަސް ހަމަލަދީ އެ ގުނަވަން ހިސޯރު ކުރުމުން ވެފައި އޮންނަ ގޮތެވެ.

އޮޓޮސްޕީ ހެދި އެންމެންގެ ވެސް ފުއްޕާމޭ އޮތީ ހަރު ހިލަގަނޑަކަށް ވެފައި ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ޕީޑީޔޫ ޖީއެމްސީގެ ފޮރެންސިކް މެޑިސިން ޑިޕާޓްމަންޓުގެ ހެޑް ޕްރޮފެސަރު ޑރ. ހޭތަލް ކިޔާޑާ ވިދާޅުވީ ފޮރެންސިކް މެޑިސިން ކެރިއަރުގައި އޭނާ ހޭދަކުރެއްވި 13 އަހަރު ދުވަހުގެ ތެރޭގައި މިފަދަ ކަމެއް އޭނާ ދުވަހަކުވެސް ދެކިވަޑައިގެންފައެއް ނުވެ އެވެ. ވައިރަލް އިންފެކްޝަނެއް ނުވަތަ ވައިރަހުން ޖެހޭ ބައްޔެއްގެ ސަބަބުން ފުއްޕާމޭ ހަރު ހިލަގަނޑަކަށް ބަދަލުވެފައިވާތަން ދުވަހަކުވެސް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުއްޕާމެޔަކީ އިސްޕަންޖުކޮޅެއް ކަހަލަ މަޑު ގުނަވަނެއް. އެންމެ އާދައިގެ އެއްޗަކާ އަޅާ ކިޔާނަމަ ބުނެވިދާނެ ޕާނެއް ކަހަލަ މަޑު ގުނަވަނެކޭ. ވަރަށް ރީއްޗަށް އަތުން ފިއްތާލެވޭހާ މަޑުވާނެ،" ޑރ. ކިޔާޑާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ފުއްޕާމެޔަށް ކެންސަރު، ނިއުމޯނިއާ އަދި ޓީބީ ޖެހުނީމަ ވެސް ހަރުވެ އެވެ. ނަމަވެސް ކޮރޯނާވައިރަހުން ވާ ވަރުގެ ބޮޑު ގެއްލުމެއް މިފަދަ އެއްވެސް ބައްޔަކުން ވެސް ލިބިފައި ހުއްޓަކާ ފެނިފައެއް ނެތެވެ.

"ކޮވިޑް ޖެހިގެން މަރުވެފައިވާ މީހެއްގެ ފުއްޕާމޭ ކަފާ އިރު ހީވަނީ ހަރު ހިލަގަނޑެއް ކަފަނީހެން،" އޭނާ ވިދާޅުވި އެވެ.
ޑރ. ކިޔާޑާ އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އޮޓޮޕްސީ ހެދި ޑޮކްޓަރުންނަށް ދެން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ ކޮވިޑް ޖެހުމުން ފުއްޕާމޭގެ ބަރުދަން އިތުރުވެފައި ވުމެވެ.

"ބަލި ނުޖެހި އޮންނަ ފުއްޕާމެޔެއްގެ ބަރުދަނަށް ވުރެ ހަތަރު ގުނަ ކޮވިޑް ޖެހިފައިވާ މީހުންގެ ފުއްޕާމޭގެ ބަރުދަން އިތުރު. އަދި އެއްވެސް ސައިޒަށް އެއްވެސް ބަދަލެއް ނައިސް ބަރުދަން އިތުރުވެފައިވަނީ،" ޑރ.ކިޔާޑާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުގޮތެއްގައި ފުއްޕާމޭގެ އެވްރެޖް ބަރުދަނުގައި ހުންނަނީ 370 ގްރާމާއި 400 ގްރާމާ ދެމެދުގެ އަދަދެކެވެ. ނަމަވެސް ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ ފުއްޕާމޭގައި 1.2 ކިލޯ އާއި 1.3 ކިލޯ އާ ދެމެދުގެ ބަރުދަނެއް ހުރި ކަމަށެވެ.

މާޗް 19 ގައި ގުޖްރާތުން ކޮވިޑްގެ ފުރަތަމަ ބަލި މީހާ ފެނުނީއްސުރެ މިހާތަނާ ހަމައަށް އެ ސްޓޭޓުން އެކަނި 3،442 މީހުން މަރުވެފައި ވެއެވެ. ބައްޔާ ހަނގުރާމަކުރާ ހަ މަސް ފަހުން މަރުވާ މީހުންގެ އޮޓޮޕްސީ ހަދައި ދިރާސާއެއް ކުރަން ނިންމީ މަރުވާ ރޭޓް މަތިކަމުންނެވެ.

ޑރ. ކިޔާޑާ ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އޮޓޮޕްސީ ހަދަން އާއިލާއިން އެއްބަސް ކުރުވުމަކީ ވެސް އުނދަގޫ ކަމެކެވެ. ރާޖްކޯޓް މެޑިކަލް ކޮލެޖުގެ ޑޮކްޓަރުން ބުނި ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ތެރެއިން ކޮންމެ 15 މީހަކުން އެކަކުގެ އާއިލާއިން ނޫނީ އޮޓޮޕްސީ ހަދަން އެއްބަހެއް ނުވެ އެވެ. ނަމަވެސް ޕޯސްޓްމޯޓަމް ނުހަދައި އެ ބަލިން ހަށިގަނޑަށް ގެއްލުން ލިބިފައި ހުރި މިންވަރު ދެނެއެއް ނުގަނެވޭނެ ކަމަށާއި ބަލިން ލިބޭ ގެއްލުން ރަނގަޅަށް އެނގިގެން ނޫނީ އެކަންކަމަށް އެކަށީގެންވާ ފަރުވާ ހޯދަން ދަތިވާނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެންމެ ފަސް މީހުންގެ އޮޓޮޕްސީ އަށް ބިނާކޮށް ބޮޑު ދިރާސާއެއް ނިންމައެއް ނުލެވޭނެ އެވެ. މަދުވެގެން 10-20 މީހުންގެ ހަށިގަނޑު އަދި ބޭނުންވާނެ އެވެ. އެއީ އެމީހުންގެ އުމުރާއި ހަށިގަނޑުގައި ކުރިއްސުރެ ހުރި ބަލިތަކާއި ކޮވިޑް ޖެހުމުން ލިބުނު ގެއްލުންތަކާ އަޅާ ކިޔާ ބޭހުން ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަންނަން ބޭނުންވާތީ އެވެ.

ފަހުގެ ހޯދުންތަކަށްފަހު ސައިންސްވެރިން ބުނެފައިވަނީ ކޮވިޑް ޖެހޭ މީހުންގެ ސިކުނޑި އާއި ފުއްޕާމޭ އަދި ސާކިއުލޭޓަރީ ސިސްޓަމަކީ އެންމެ ބޮޑެތި ގެއްލުންތައް ލިބޭ ބައިތައް ކަމަށެވެ. އަދި ސައިޓޯކީން ސްޓޯމް އާއި ލޭ ގަނޑުގަތުމުގެ މައްސަލަތައް ވެސް ކޮވިޑް ޖެހޭ މީހުންނަށް ވަރަށް ބޮޑަށް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ކިޔާޑާ ވިދާޅުވި އެވެ.

"މަރުވެފައިވާ މީހުން ހަށިގަނޑުން އެބަ ބުނެދޭ ވައިރަސް އެމީހުންގެ ހަށިގަނޑަށް ދީފައިވާ ގެއްލުންތަކުގެ ބޮޑުމިން. ލޭ ހޮޅިތަކުގައި ލޭ ގަނޑުވުމުގެ މައްސަލަތައް ވަރަށް ބޮޑު. ޚާއްސަކޮށް ސިކުނޑިއަށް ލޭ ފޮނުވައިދޭ މައިކްރޯ-ވެސަލްސްތަކުގައި ލޭ ގަނޑުގަތުމުގެ މައްސަލަ ވަރަށް ބޮޑު،" ޑރ. ކިޔާޑާ ވިދާޅުވި އެވެ.

"މި ހޯދުންތަކުގެ އެންމެ މައިގަނޑު ބޭނުމަކީ 101 އަހަރުވީ މީހަކަށް ވެސް ކޮވިޑް ޖެހި މާ ބޮޑުވަރު ނުވެ ސަލާމަތް ވެފައި 30 އަހަރުގެ މީހަކު ވެސް އެ ބަލީގައި މަރުވާ ސަބަބަކީ ކޮބައިތޯ ދެނެގަތުން. ކޮން ކަހަލަ ކަންކަމެއް ހަށިގަނޑުގައި ހުރީމަތޯ ރަނގަޅަށް ބައްޔަށް ހަނގުރާމަ ކުރެވެނީ ހޯދުން. ކޮން ކަހަލަ މީހުންނަކަށް ތޯ ފުރާނައަށް އެންމެ ބޮޑަށް ގެއްލުންވުމުގެ ފުރުސަތު ބޮޑީ ދެނެގަތުން. އަހަރުމެންނަށް މި ސުވާލުތަކުގެ ޖަވާބު ހޯދިއްޖެނަމަ ވަރަށް ގިނަ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑުވާނެ،" ޑރ. ކިޔާޑާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ މަރުގެ ހަގީގަތް ހޯދައިގެން ދިރިތިބި މީހުންނަށް ބަލި ޖެހި އެމީހުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރަން ޑޮކްޓަރުންނަށް ފަސޭހަ ވާނެ ކަމަށެވެ.