ވާހަކަ

ކާޝް

(ހަވަނަ ބައި)

"އަހަރެން މިވާހަކަތައް ކިޔައިދޭން ނުހަނު ބޭނުން. އެކަމަކު މިކަން ބުނެދޭނެ ގޮތެއް އަހަންނަކަށް ނުވިސްނުނު. އަހަންނަށް މިހައި ހިސާބަށް މި ކަންތައް މިގެނެވުނީ އަހަރެންގެ ކުށުން. އެންމެ ފުރަތަމަ ވެސް އަހަންނަށް." މިކާޝް ގިސްލެވެން ފެށުނެވެ.

ވެލާނާގެ ބިލްޑިންގގެ ވަށްކޮށް ފަރުމާކުރެވިފައިވާ ބައިގެ މަގުމައްޗަށްވީ ފަރާތުން ހަރުކުރެވިފައިވާ ދަގަނޑުތަކުގައި ތިރިއަށް ދެފައި އެލުވާލައިގެން އިށީނދެ އިނީ އައިޝަމްގެ ގައިގައި ތަތްވެގަނެގެންނެވެ.

"ކޮންކަމެއް؟ މިރޭ އަނެއްކާ ކޮންވާހަކައެއް؟ ކޮން ޚަބަރެއްގެ ވާހަކަ ދިޔަ ދައްކަނީ؟ ސާފުކޮށް ބުނެދީބަލަ." އައިޝަމް މިކާޝްގެ ފަން އިސްތަށިގަނޑުން ނިވާވެފައިވާ އޭނާގެ ވައަތުގެ ކަނދުރާ ހާމަކޮށްލަމުން މަޑުމަޑުން އެ ރީތި ކަނދުރާއަށް ބޮސްދިނެވެ.
"މީ އަހަރެން އެންމެ ފުރަތަމަ ވެސް ޝަމްއަށް ކިޔައިދޭން ބޭނުންވި ވާހަކަ. އަހަރެން. އަހަރެން ޝަމްއަށް. އޮޅުވައެއް ނުލަން. ޝަމްއަށް ބޭވަފާތެރިއެއް ނުވަން. އަހަރެން... އަހަރެން!" މިކާޝަށް ކޮންޓްރޯލް ނުކުރެވިގެން އައިޝަމްގެ ގައިގާ ބާރުބާރަށް ބައްދައި ގަތެވެ.

އައިޝަމް ބޭނުންވީ މިކާޝް ހަމައަކަށް އެޅެންދެން މަޑުކޮށްލާށެވެ. އިތުރަށް ވާހަކަ ދައްކައިފި ނަމަ ވެދާނެ ގޮތް އޭނާއަށް ވަޒަންކުރެވޭތީއެވެ.

"ޝަމް ޕްލީޒް ފޮގިވްމީ. އަހަރެން އަހަރެން ޝަމް ދެކެ ވަރަށް ވަރަށް ލޯބިވޭ. ފުރާނައަށް ވުރެ ބޮޑަށް އަހަރެން ލޯބިވަނީ ޝަމް ދެކެ. ޝަމް އާ ނުލައި އަހަންނަށް... އަހަންނަށް އުފަލެއް ނެތް. ބުނޭ އަހަރެންގެ ފުރާނައަކީ ޝަމްގެ ވެސް ފުރާނައޭ. ދެފުރާނެ އެއް ކަމަކު މީ އެއް ފުރާނައެކޭ. ބުނޭ އަހަރެން ނިމިދިޔަކަމުގައިވިޔަސް އަހަރެންގެ ހަނދާންތައް ޝަމްގެ ވަށައިގެންވާނޭ." ކާޝް އައިޝަމްގެ މޭގައި ލައްވެގެން އިނދެ، ކުރަކި ވެފައިވާ އަޑަކުން، މަޑުމަޑުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އާން! ތީ އަހަރެންގެ ދިރުމަކީ!. ތީ އަހަރެންގެ ހުރިހާ ވެސް މީހަކީ. ތިޔައީ މި ހިތުގެ ވިންދަކީ. އަހަރެންގެ މޭގައި ޖަހާ ކޮންމެ ވިންދެއް މިލްކުވެގެންވަނީ ކާޝްއަށް. މީ އެކުވެފައިވާ ދެފުރާނަ. އެކުވެގެން ގުޅިގެން އަބަދަށް ދެމިގެންވާ ދެފުރާނަ،" އައިޝަމް، މިކާޝްގެ ކަނދުރާއަށް ބޮސްދިނެވެ. "ދީވާނާވޭ މޫސުން ތިޔަހެން ބަލައިލުމުން، ހިނިތުންވީމާ ވެސް މާފޮޅޭ، ދެން ސްމައިލް ޕްލީޒް!"

އައިޝަމްވެސް ޖަޒުބާތީ ވަމުން ރާގުއަޅުވައިލިއެވެ. މިކާޝް ހިނިތުންވެލީ އޭނާގެ އެންމެ މަގުބޫލު ލަވަ އިވުމުންނެވެ.

"ވަރަށް އުފާވެއްޖެ! އަހަރެންގެ ހުރިހާ ގިލަންވެރިކަމެއް ކެހިގެން ހިނގައްޖެ. އަހަރެން.... އަހަރެން މީ ކާކުކަން ޝަމްއަށް ބުނެދިނުން މާ ބޮޑަށް ލަސްވެއްޖެ ކަން އަހަންނަށް އެނގޭ." މިކާޝް އައިޝަމާ ޖެހިފިތިލަމުން ދަގަނޑުމަތީ އިށީނދެ މަގާވީ ކޮޅަށް ބަލައިލިއެވެ.

އެ ތަނުގައި އިށީނދެ އިންނަ އިރު ހުޅުމާލެއާ ފޮނަދޫއާއި ހުޅުޅޭގެ ވިނަރެސް މަތިން ވިދުވާލެވިފައިވާ މަސްނޫއީ ރަތް އަލިކަމުން މުޅި ފަޒާ ބަބުޅަމުންދާ މަންޒަރާއި ދުއްވާފައި ދާ އުޅަނދުފަހަރާއި މާލެއަށް މިސްރާބު ޖަހައިފައިވާ އުޅަނދު ފަހަރުން ވިދުވާލެވިފައިވާ މަސްނޫއީ އަލިކަމުގެ މަންޒަރުތައް ކިތަންމެ ރަނގަޅަކަށް ވެސް ހާމަ ވަމުން އެތަންތަނުގެ މަންޒަރުތައް ފެންނަމުން ދިޔައެވެ. މާލޭ ފަޅުތެރެއިން ޖުމުހޫރީ މައިދާނުގެ މަންޒަރުތަކާ މީހުން ހޭލަމޭލައަށް އުޅޭ ގޮތްތައް ހާމަވަމުން ދިޔައެވެ. ރޭގަނޑުގެ ފިނިކަން އިތުރަށް ގަދަވަމުންދާތީ މަސްވެރިން ފަޅުގައި އޮޑިދޯނިފަހަރު ރަނގަޅަށް ހައްޔަރުކޮށްލުމަށްފަހު ނިދުމަށް ތައްޔާރުވަމުންދިޔަ ގޮތްތައް ހާމަވަމުން ދިޔައެވެ. ދުވާލުގެ ބުރަހެލިކަން ފިލުވައިލުމަށް ޒުވާން ޖޯޑުޖޯޑު ފިނިބުރުތަކަށް ނުކުމެ ބޮޑުތަކުރުފާނު މަގު ކުޑަކުރަމުން ދިޔައީ ދިރިއުޅުމަށް އައި ހެޔޮބަދަލުތަކަށް މަރުހަބާ ކިޔައި ހާލުކަން އެވެރިންގެ މޫނު މަތިން ހާމަވެ ފެންނަން ހުއްޓެވެ.

"އަހަރެން ވެސް ބޭނުންވަނީ އެވެރިން ފަދައިން އަބަދަށް ޓަކައި ޝަމްގެ މީހަކަށްވާން. އެކަމަކު؟ ޝަމަށް އެނގޭތަ؟ އަހަރެން... އަހަރެން މިހުރީ އަހަރެންގެ ވެރިޔާއަށް ހަރާންކޯރުވެފަ. އަހަންނަށް ހަވާލުކުރި މަސައްކަތަށް ގާފިލުވެފަ. އަހަރެންގެ ޒިންމާތަކަށް ޚިޔާނާތްތެރިވެފަ. އެ ކީއްވެ ކަން އެނގޭތަ؟" މިކާޝް ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ. އެ މޫނުމަތިން އޭނާއަށް ފާޅުވަމުން ދިޔައީ ހައިރާންކަމެވެ. އައިޝަމް ސުވާލުގެ ނަޒަރުން މިކާޝްގެ މޫނަށް ބަލައިލިއެވެ.
"އާން ޝަމް. އަހަރެން، އަހަންނަށް މި ހުރިހާ ކަމެއް މިހެން މި ދިމާވީ ޝަމް ދެކެ އިންތިހާއަށް ލޯބި ވެވުމުން! އަހަރެން... ބޭނުން ނުވިޔަސް އަހަންނަށް މިވަނީ ޝަމް ދެކެ ލޯބިވެވިފަ... އަހަންނަށް މިކަން ނުވާނެކަން އެނގޭއިރު ވެސް އަހަންނަށް މިވަނީ މިކަން ކުރެވިފަ. މިކަމަށް ހުރަސްތަކެއް ހުރިކަން އެނގޭ އިރު ވެސް އަހަންނަށް މިވަނީ މި ގޯސް ހެދިފަ. އެކަމަކު ގަސްތަކު ނޫން އިޚްތިޔާރުން ބޭރުގަ." މިކާޝް ވާހަކަތަކުން އައިޝަމްގެ ސުވާލުތައް އިތުރުވަމުން އެކަން މޫނުމަތިން ފާޅުވަމުން ދިޔައެވެ.
"ކީކޭ ތި ކިޔަނީ؟" އައިޝަމަށް ކެތެއް ނުވިއެވެ.
"އާނ. އަހަރެންމީ... ޝަމްގެ ބައްޕަގެ ދުޝްމަނުންގެ ވާގިވެރި އެއް.. އަހަރެން މިތަނަށް އެމީހުން ފޮނުވީ ޝަމްގެ ދުވަސް ދުއްވާލަން. އެމީހުންނަށް އެނގޭ ޝަމް ބޮޑުވެގެން ހުރިހާ ބާރުތަކެއް ލިބިގެން އަންނައިރު އެމީހުންނަށް ނުރައްކާވާނެ ކަން. ޝަމްގެ ބާރުވެރިކަން ޝަމްއަށް އެނގި އެކަމުން ޝަމްއަށް ހިތްވަރު ލިބޭ ދުވަހުން ޝަމްގެ ބައްޕަގެ މިނިވަންކުރަން ނުކުންނާނެކަން. އެހެންވެ އެމީހުން ދުރައިލާ ވިސްނައިގެން އަހަރެން އެކަމަށް ތަމުރީނުކޮށް މިހައިހިސާބަށް ފޮނުވީ. އެކަމަކު... އެކަމަކު އަހަރެންގެ އިހުތިޔާރުން ބޭރުގައި އެހުރިހާ ކަމަކަށް މި ދެވުނީ ފުރަގަސް. ޝަމްގެ ފަރާތުން އަހަންނަށް ލިބުނު އެއްބާރުލުމާ ލޯބީގެ ސަބަބުން އަހަރެން މިއަދު މިހުރީ އަހަރެންގެ ވެރިންނަށް... ޝަމް ޕްލީޒް އަހަންނަށް މައާފުކުރޭ! އެނގޭ މި ވާހަކަތައް ކިޔައިދެވުން ލަސްވެއްޖެކަން. މާ ބޮޑަށް ވެސް ލަސްވެއްޖެކަން." ތުރުތުލާ އަޑަކުން މިކާޝް ވާހަކަތައް އަމުނާލިއެވެ.

އައިޝަމަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ހިމޭންވެވިފައެވެ. އިވެމުން ދިޔަ އަޑުތަކުގެ ސަބަބުންނެވެ. ބުނާނީ ކޮންވާހަކައެއް ކަމެއް ނޭގޭ ހާލުގައެވެ. ކުރަންވީ ކީއްކަން ވެސް ނޭނގިފައެވެ.

"މިރެއަކީ އަހަރެން! އަހަރެންގެ އެންމެ ފަހު ރޭކަމަށް ވުން އެކަށީގެންވޭ. ދުޝްމަނުންނަށް މިހާރު އަހަރެންގެ މަޤްޞަދު ސާފުވެއްޖެ. އަހަރެން ޝަމްއަށް ހިމާޔަތްދޭކަން ޔަގީންވެއްޖެ. އެމީހުންގެ މަގުސަދުތައް ހާސިލުކޮށް ދިނުމަށް އަހަރެން އެއްބާރުލުން ނުދޭނެކަން ވެސް އެނގިއްޖެ. އަހަރެން މިއައީ ނިމި ދިޔުމުގެ ކުރިން މި ހުރިހާ ކަމެއް ޝަމްއަށް އޮޅުން ފިލުވަދޭން. ޝަމް ޕްލީޒް އަހަންނަށް މައާފުކުރޭ. ބަލައިބަ އަހަރެން ކަނާއަތު ލޯ. މިހުރީ އެމީހުންގެ ފަރާތުން ލިބުނު... މީ ޝަމް ދެކެ ލޯބި ވެވުމުން... މީ އަހަރެންވީ ތެދުވެރި ލޯބީގެ ސަޒާ. އެކަމުގެ ހަދިޔާ." މިކާޝްގެ މޫނު މައްޗަށް ވައްޓާލެވިފައިވާ އިސްތަށިގަނޑު ނަގައި ހިއްލާލަމުން ކަނާއަތު ލޯ އައިޝަމް އަށް ދައްކާލިއެވެ.

ލޯކައިރި އެއްކޮށް ވަނީ ހަލާކުވެފައެވެ. ހުދުކަޅިއަށްވަނީ ލޭ އަރައި ރަތްވެފައެވެ. ލޯކައިރީ ހުރި ޒަހަމުތަކުން ފައިބަމުން ދިޔަ ލޭތައް ރޮނގުތަކެއްގެ ސިފައިގައި ގަނޑުވެފައި ހުއްޓެވެ. އައިޝަމަށް ފުން އަސަރުތަކެއް ކުރުވަން ފެށީ އެހައި ހިސާބުންނެވެ. އޭނާއަށް ޓަކައި އެހާވަރުވީ މީހަކު އޭނާއަށް މީގެކުރިން ފެނިފައި ނުވާތީ ކަމަށް ވެސް ވެދާނެއެވެ. އެމީހަކަށ ްޓަކައި އޭނާގެ ހިތުގައި ދެވިފައިވާ ގަދަރާއި ލޯބި އިތުރުވީ ސަބަބުތަކެއް ހުރުމުންނެވެ.
"ޝަމް ޕްލީޒް ޝަމް ހިތްވަރު ކުރާތި. އެމީހުންގެ ހުރިހާ ބާރުވެރިކަމަކަށްވުރެ ޝަމްގެ ބާރުވެރިކަން މާ ވަރުގަދަވެފަ މާ ކާމިޔާބު ވާނެ. ކަމެއް ދިމާވިޔަސް އެއްގޮތަކަށް ވެސް ފަހަތަށް ނުޖެހޭތި. ތިޔަ އަތްތިލައިގެ ބާރުވެރިކަމުން ހުރިހާ ހަމަލާތަކެއް ކޮންޓްރޯލް ކުރެވޭނެކަން ހަނދާންކުރާތި. ދިމާވާ ކޮންމެ ނުރައްކަލަކުން ތިޔަ ފައިތިލަ އިން ސަލާމަތްވުމުގެ ބާރުވެރިކަން ލިބެގެންވާނެ. ތިޔައީ އެއްވެސް އެއްޗެއްގެ އެހީއެއް ނެތި އުދުހެވޭނެ، އެކަމުގެ ގާބިލުކަން ލިބިފައިވާ މީހެއްކަން ހަނދާންކުރާތި. އެކަމަކު މިހުރިހާ ބާރުވެރިކަމެއް ގުޅިފައިވަނީ ޝަމްގެ ސިކުނޑިއާ. ކޮންމެވެސް.. ކޮންމެވެސް އެވެރިންނަށް ޝަމްގެ ބޮލަށް ހަމަލައެއް ދެވުނަ ނުދޭތި! އަހަރެންގެ ވަގުތު ކުޑަތަންވަނީ. އެމީހުން އެ އަންނަނީ އަހަރެން ބަލައި، ޝަމް މިކަމާ ކުރިމަތި ނުލައި އަވަހަށްދޭ!. އެހެންނޫނީ ހުރިހާ ކަމެއް ދިމާވާނީ ޝަމްއަށް." މިކާޝްގެ ވާހަކަދެއްކުން ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދައްކަމުން ދިޔަ ވާހަކަތަކުގެ އަވަސްވަމުން ދިޔައެވެ. ދިޔައެވެ. މީހާ ދާހިއްލާ ފޯވަމުން ހަށިގަނޑު ނޭނގޭ ތުރުތުރެއް ފާޅުވަމުން ދިޔައެވެ.
"ދެން ކިހިނެއް އަހަރެން؟ އަހަރެން... އަހަރެން ކާޝް ދޫކޮށްފައި ދޫކޮށްފައި ނުދާނަށް." އައިޝަމް ބޭނުންވީ މަޑުކުރާށެވެ.
"ނޫން. ނޫން.. ނޫން ޝަމް... ޝަމްގެ ވަގުތު އަދި އޮތީ. އެމީހުން ޝަމްއާ ދިމާކުރާނީ އަދި އަހަރެންގެ... ޝަމް ތިޔަ ހުރީ މިކަމަށް ތަސައްރަފު ނުފުދި.. އިހަށްދޭ.. އަވަހަށްދޭ.. އެތިބި އަންނަނީ..." މިކާޝް އައިޝަމްގެ ގައިގައި އޮޅުލައިގަތެވެ.

އަވަސް ހަރަކާތްތަކަކާއެކު އައިޝަމްގެ މޫނަށް ބޮސްދެމުން ދިޔައެވެ. މަޑުމަޑުން އައިޝަމްގެ ގައިގައި ބާރަށް ބައްދާލިއެވެ.

އޭރު ވެލާނާގެ ބިލްޑިންގެ މަތިން ނޫކުލައިގެ އަލިކަމަކުން މުޅި ސަރަހައްދު އަލިވަމުން ދިޔައެވެ. އާދަޔާ ހިލާފު ހުދު ނޫކުލައިގެ އައްޔެކެވެ. މުޅި ފަޒާ އެއްކުލަ ކުރުވަމުން އަލިކަން އިތުރަށް ގަދަވަމުން ދިޔައެވެ. މަގުމަތިން ދުއްވާފައިދިޔަ އުޅަނދުތަކާއި ސަރަހައްދުގެ ގޭތަކުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ވާނުވާ ނޭނގި މައްޗަށް ބަލަމުން ދިޔައެވެ. އެއަލިކަމެއް އައީ ހައްތަހާ ގަދަވަމުންނެވެ. އަލިގަދަކަމުން އެދިމާ ބަލަން އުނދަގޫވާ ވަރު ވަމުން ދިޔައެވެ. އަލިކަން އަންނަ ދިމާއިން ހަރަކާތްތަކެއް ވަމުންދާކަން ފާހަގަވަމުން ދިޔައެވެ. ޒާތެއްގެ ރާޅުބާނީތަކެއް ފަދައިން އަލިކަމުން ހަރަކާތްތަކެއް ފެންނަމުން ދިޔައެވެ. އެކަން އަލިކަމުގެ ކުރިން އިންތިހާއަށް ހާމަވަމުން ދިޔައެވެ. އެއަލިކަމުގެ މިސްރާބުހުރީ މިކާޝް އާއި އައިޝަމް ތިބި ދިމާއަށެވެ. ވެލާނާގޭ ބިލްޑިންގެ ވަށްބުރަށް ފަރުމާ ކުރެވިފައިވާ ބަޔަށެވެ.

މިކާޝްގެ ކުއްލި ހަރަކާތަކާއެކު އައިޝަމް ތިރިއަށް ފަހަތަށް ކޮށްޕާލިއެވެ. އައިޝަމަށް ލިބުނު ސިހުމާއެކު ތިރިއަށް ވެއްޓެން ދިޔައެވެ. ވައިގެ ތެރޭގައި އެނބުރެމުން އެނބުރެމުންނެވެ. މީހާގެ ގައިގައި ވައިއެޅުމާއެކު ދެތިން ފަހަރަކުން ވައިގެ ތެރޭގައި އެނބުރިލީއިރު އޮތީ އިމާރާތުގެ މަތިން ހައެއްކަ ފަންގިފިލާ ފަހަނައަޅާ ތިރިވެފައެވެ. އެއާއެކު އޭނާ ހަމަޖެހިލަމުން މަގާވީކޮޅަށް ތިރިއަށް މޫނު ދިމާކޮށްލާ ދެއަތް ދަމައިލިއެވެ. ހީވަނީ ބާޒެއް ހޯރަ ދަމާލި ހެންނެވެ. ހިނދުކޮޅެއް ނުވެ ގެނައި ކުއްލި އަވަސް ހަރަކާތްތަކެއްގެ ސަބަބުން ބިންމައްޗަށް ތިރިވަމުން ދިޔަ އައިޝަމަށް އަމިއްލަ ބާރުވެރިކަން ލިބި ތިރިއަށް ދިޔުން ކޮންޓްރޯލް ކުރެވުނެވެ. ސިކުންތުކޮޅަކަށް އެއްވެސް ހަރަކާތެއް ނެތި ވައިގެ ތެރޭގައި ދެއަތް ދަމާލައިގެން އައިޝަމަށް އޮވެވުނީ އެހެންވީމައެވެ.

އޭރު، ވެލާނާގެ ބިލްޑިންގާ ދިމާ މަގުގައި ތިބި އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. މަތިން ތިރިއަށް ވެއްޓެމުން އައީ ކާކުކަން ނޭނގި ހައިރާވެ އަންތަރީސް ވެފައެވެ. ގޮތް ނޭނގޭ އެ މީހާ ވައިގެ ތެރޭގައި ހުއްޓިފައި އޮތުމުން އެންމެ އަވަސްވެގަތީ މަންޒަރުގެ ފޮޓޯތައް ނަގާށެވެ. އެއާއެކު އެންމެންގެ ފޯނުތައް އެދިމާލަށް އަމާޒުވިއެވެ.

އައިޝަމަށް ބަލައިލެވުނީ މައްޗަށެވެ. އޭރު އަލިކަމުގެ ތެރެއިން އައި އޮއިވަރުތަކެއް މިކާޝް ވަށައިލަނީއެވެ. އެއަލިކަމުގެ ތެރެއަށް މުޅި މީހާ ގެނބެމުން ދިޔަ އިރު ބަލަހައްޓައިގެން ހުއްޓެވެ. ވޭނީ އާދޭހުން ފުރިގެންވާ ފަދަ ބެލުމަކުން އައިޝަމަށް ބަލާށެވެ. ހިނދުކޮޅެއް ނުވަނީސް އެއަލިކަން އައިސް މިކާޝް ވަށައިލަމުން އޭނާ އަލިކަމުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އަލިކަމުން ނުކުތް ޒާތެއްގެ ކުދިކުދި ބޯޅަތަކެއް ފާޑުގެ އަލި ގުޅަތަކަކުން މުޅި އިމާރާތް ރެނދަން ކޮށްލިއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އަލިކަން ކެނޑި ބޯޅަތައް ގެއްލުނެވެ. ލިބުނު ކުއްލި ސިހުމާއެކު އައިޝަމް ޢިމާރާތުގެ މައްޗަށް މިސްރާބުޖެހިއެވެ. ވައިގެ ތެރޭގައި އެއްވެސް ބާރުވެރިކަމެއް ނެތި އެއްވެސް އެއްޗަކަށް ބަރޯސާވުމެއް ނެތިއެވެ. އިމާރާތުން އެންމެ މައްޗަށް އަރައި ދެކޮޅުބަލައި ލިއެވެ. ކަމެއް ހަނދާންވުމުން ތިރިއަށް ބަލައި ލެވުނެވެ. އޭރު މަންޒަރު ބަލަން ތިރީ ތިބި އެންމެން އެކި ދިމަދިމާއަށް މިސްރާބު ޖަހައިފިއެވެ. ލިބުނު މޮޅިއާއެކު އައިޝަމް މިސްރާބު ޖެހީ ގެއާ ދިމާއަށެވެ.

މުޅިކާއިނާތަށް ވެރިވެފައިވަނީ އަމާންކަމެވެ. ކަޅު ފޮއިރެއެއްގެ ދަންވަރުގެ ވަގުތުކަމަށް ވުމުން މުޅި މާލެ ވަނީ ނިދި ނިދީނުން ތަންޑާވެފަ އޭ ބުނާ ކަހަލަ ގޮތަކަށްވެފައެވެ. މީހެއްގެ ހިލަމެއް ނުވާއިރު، ދިރޭ ފަނިފަކުސާއެއްގެ ހިލަމެއް ހުވަމެއް ނުވާ ކަހަލައެވެ. އައިޝަމް ވެސް އޮތީ ފުން ނިންޖެއްގެ ތެރޭ ގެނބި ސަލާމަތް ނުވާވަރު ވެފައެވެ.

އަމާން އޮމާން ޖައްވަށް އާދަޔާ ހިލާފު ގޮތްތަކެއް ވާންފެށީ ހިނދުކޮޅެއް ފަހުންނެވެ. ކަޅު ދުންގަނޑެއްފަދަ ރާޅު ބާނިތަކަކާއެކު ޒާތެއްގެ ވިދުންކަނި އަރާ ފަދަ އޮއިވަރެއް ފަޒާގެ ތެރެއިން ދައުރު ވަމުން ދިޔައީ ހިމުން ތޫލި އަޑުތަކަކާއެކު ގައެވެ. ހުޅުލެއާވީކޮޅު މޫދުގެ ސަތަހައިން ވިއްސަކަށް ފޫޓުމަތިން ދައުރު ކުރަމުން އައި އާދަޔާ ހިލާފު ދުންގަނޑުގެ އަމާޒު ހުރީ މާލެއިން ހެންވޭރާ ވީކޮޅަށް މިސްރާބު ޖަހައިފައެވެ. މާލެއާ ކައިރިއަށް އެ ދުންގަނޑުގެ ހަރަކާތް ސާފުވަމުން ދަނީ ބާރު ދުވެއްޔެއްގައި އެ ދުންގަނޑު މާލެ ކައިރިއަށް އަންނާތީއެވެ. ހިނދުކޮޅެއް ނުވަނީސް ދުންގަނޑު އައިސް މާލެ މަތިބައްދާލިއެވެ. މުޅި ފަޒާއިން ވިދުންކަނި ފާއްދާލަމުން ޖައްވު އެކީ ދުމުން ފޮރުވާލިއެވެ. އެއާއެކު ރާޅު ބާނިތަކެއް ފަދަ ހަރަކާތްތަކަކުން އައިޝަމްގެ އެޕާޓްމަންޓް ހިމެނޭ އިމާރާތް ވަށައިލަމުން ދިޔައެވެ. އެހެނަސް، އެ ދުންގަނޑުގެ ދުންތައް ވަނީ ވަކި ހިސާބަކުން ހިފެހެއްޓިފައެވެ. އެ އިމާރާތުން ފޮނުވަމުން ދިޔަ ރީނދޫކުލައިގެ އަލިކަމެއްގެ ސަބަބުން ދުންތައް ހުރީ ހުއްޓުން އަރާފައެވެ. އަލިކަމުގެ އަލި ފޯރާ ހިސާބަށް ކައިރިވަން ނުކެރިވާ ކުއްތާއެއް ފަދައިން ދުންގަނޑުވަނީ އަލިކަމާ ހަމައިން ފަނޑުވެފައެވެ.

އައިޝަމަށް ހޭލެވުނީ މީހެއްގެ ވޭނީ ރުއިމުގެ އަޑަށެވެ. އަނިޔާ ލިބެމުންދިޔަ އަންހެން އަޑެކެވެ. އޭނާ ދަންނަ އަޑެކެވެ. އެހެންވެ އެނދުމަތީގައި ހަމަޖެހިލަމުން ދެފައި ވައްކޮށްލިއެވެ. ތަކުރާރުވެ އިވިއިވި ހުރި އަޑެއް ކަން ކަށަވަރުވާތީއެވެ. އަޑު އަންނަނީ ވަކި ކޮން ދިމާއަކުންކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއާ ނުހަނު ގާތުން އަޑު އިވިއިވި ހުރިކަން އޭނާއަށް ޔަގީން ކުރެވުނެވެ. އެހެންވެ ހަމަޖެހިލަމުން އުނގުމަތީ އޮތް ބާލީސް އެއްކައިރި ކޮށްލިއެވެ. އޭނާއަށް ސިހުން ލިބުނީ އެހައިހިސާބުންނެވެ. މުޅިމީހާ ހައިރާންވެ އަނގަހުޅުވުނެވެ. ބަސްހުއްޓި މީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް ބަލައިލެވުނީ އޭނާ ލައިގެން ހުރި ސޯޓުން ތިރިއަށެވެ. ކަނާތު ފަޔަށެވެ. މޫދުގައި އުޅެނިކޮށް ފައިގައި ބިންވަޅުކެނޑުނު ނިޝާންތައް ހިމެނޭ ދިމާއަށެވެ. ދެ ނިޝާން އެކުވެފައިވާތީއެވެ. އެއަށްވުރެ ބޮޑަށް އޭނާ އަޖައިބުވީ އެ ނިޝާންތަކުން ފެންނަމުން ދިޔަ އާދަޔާ ހިލާފު މަންޒަރުތަކުގެ ސަބަބުންނެވެ. ނިޝާންތައް ހިމެނޭ ހިސާބުވަނީ ދިއްލިފައިއެވެ. މަޑުނޫކުލައިގެ އަލިކަމެކެވެ. އަލިކަމުން ނުކުމެފައިވާ ސްކްރީނެއްފަދަ އަލިކަން ފަޒާގެ ތެރެއިން ހަތަރެސްކަނަށް ފޭދިފައިވާއިރު ސާފުކޮށް މަންޒަރުތައް ދަނީ ފެންނަމުންނެވެ. މަންޒަރުތައް ސާފުވެފައި ފެންނަ މިންވަރު ފުރިހަމަ ކަމުން ހީވަނީ ފަހުގެ އެޗް ޑީ ފިލްމެއް ބެލޭހެންނެވެ.

މަންޒަރުގެ ތެރެއަށް އޭނާ ވިސްނާލިއެވެ. އަޑު އަންނަނީ އެ މަންޒަރުގެ ތެރެއިންނެވެ. އަންހެން ކުއްޖާގެ އަޑަކީ ހިލިހިލާޖަހާ ހައްޔަރު ކުރެވިފައިވާ މައުސޫމު އަންހެން ކުއްޖެއްގެ ވޭނީ އަޑެވެ. އެ އަންހެން ކުއްޖާ ވަށައިގެން ހަށިފާރަވެރިން ތިއްބެވެ. ޒާތަކަށް ތިބި ނުލަފާ ވައްތަރެއް ޖަހާ ބަޔެކެވެ. ކަންފަތް ދިގުވެފައި ހިމަދިގުކަމުން ހީވަނީ އަނބުފަތެއް ހެންނެވެ. ކަންފަތުގައި ވަނީ ކެހެރި ފަޅައިފައެވެ. އުނުގައި އޮތީ ގޯނިގަނޑެއް ފަދަ ފޭރާމެކެވެ. ފޫޅުން މަތި ވަނީ ހާމައަށް ދޫކޮށްލެވިފައެވެ. އެހެނަސް އެ ވެރިންގެ ގައިގެ ހަންގަނޑު ފަޅުފިލާފައިވަނީ ޖަނަވާރުގެ ކެހެރި ފަދަ ކެހެރިންނެވެ. ބައެއް މީހުންގެ ހަންގަނޑު ހުރީ އޮމާންކޮށްނެވެ. ހަންގަނޑުގައި އެކި ބައްޓަމަށް ހުރި ޓެޓޫތައް ހުއްޓެވެ. އެސޮރުމެންގެ ދެލޯ ހީވަނީ އަނގުރު އަލިފާންހެންނެވެ. ދެ ލޮލެކޭ ބޮޑު ދެކާށި ކިބައެކޭ އެއްވަރެވެ. ނޭފަތް ވަނީ މޫނުން އެތެރެއަށް ހިނދިފައެވެ. ނޭވާލާނެ ދެ ލޯވަޅު ފިޔަވައި ނޭފަތުގެ އިތުރު އަސަރެއް ފެންނާކަށް ނެތެވެ. އެސޮރުމެންގެ އަނގައިގެ މިޔަކަނުން ވިހަ ހިނިތުންވުމެއް ފާޅުވާން ހުއްޓެވެ. އެ މައުސޫމުން އަންހެން ކުއްޖާއަށް ލިބޭ ވޭންތަކާއެކު އަޑުގެ ނެތްތަނަށް ހަޅޭއްލަވާލާ ކޮންމެ ފަހަރަކު އެ ސޮރުމެންގެ އަނގަ ތަންމިނަށް ހުޅުވެއެވެ. އަނގަހުޅުވޭ ކޮންމެ ފަހަރަކު ދަތްތައް ހާމަ ވަމުން ދެއެވެ. މުޅި އަނގައިގައި ވަނީ ހުސް ފޭރާ ދަތެވެ. ދަތްތައް ހިސާބަށް ވުރެ ދިގުހެން ވެސް ހީވެއެވެ.

އަންހެން ކުއްޖާގެ ވަށައިގެން އޭގެ ފަސްވަރަކަށް މީހުން ތިއްބެވެ. އެމީހުން ތިބި ތަނުގެ ސަތަހައިން ޒާތެއްގެ ދުންތަކެއް އަރަމުން ދިޔައެވެ. އެ ދުންތަކުގެ ތިރިން ދެމެމުން ދިޔަ ވައިގެ އޮއިވަރަކުން މުޅިތަން ވިދުވާލެވިފައި ވުމުން އެހެން މަންޒަރުތައް ހާމަވާ ވަރެއް ނޫނެވެ. އަންހެން ކުއްޖާގެ ހެދުމުގެ ބޮޑުބައި އޮތީ ވީދި، އިރިފައެވެ. މީހާ އިނީ ދެފައިތިލި ބިންމަތީ ބޭއްވުނު ގޮތަކަށް ބާއްވައިގެން އިސްޖައިލެވިފައެވެ. ކޮންމެ ފަޔެއް ވެސް ލަނބާލެވިފައި ވަނީ ކަކުލުން ފަސޭހައިން ލެނބެން އޮތް ދިމާއަކަށެވެ. ދެފައި ދެ ދިމާއަށް އޮތުމުން އަމިއްލަ އިހުތިޔާރުން ބޭރުގައި އެ އަންހެން ކުއްޖާ އިންކަން ހާމަ ވަމުން ދިޔައެވެ. އެކަމަށް އިތުރަށް ބާރު ލިބެނީ އެ އޮމާން ކަށިމަތިންނާއި ފައިގެ ކުޑަކަޅުވާ އާ ދިމާލުގައިވާ ޒަހަމުތަކުން ފައިބަމުން ދިޔަ ލޭތަކުންނެވެ. ބައެއް ޒަހަމުތަކުން ފައިބާފައި ހުރި ލޭތައް ހުރީ ގަނޑުވެފައެވެ. ކަށިމަތީގެ އެތަން މިތަންވަނީ އުމަގުވެފައެވެ. އެ ކުއްޖާގެ ގޮތް އެނގޭ ގޮތެއް ނުވިއެވެ. މީހާއިނީ އިސްޖަހައިލެވިފައެވެ. އިސްތަށިގަނޑުވަނީ ތަރުތީބެއް ނެތި ހޭވި މޫނު ނިވާވެފައެވެ.

އެ އަންހެން ކުއްޖާ ކުއްލިއަކަށް ސިހުނީ އާދާޔާ ހިލާފު ބާރުވެރި އަޑެއް އިވުމުންނެވެ. އެއާއެކު ކުރިމަތީ ހުރި މީހާ ދަގަނޑުގަނޑެއް ދަމަމުންދަމަމުން އެ އަންހެން ކުއްޖާއާ ދިމާއަށް އަންނަތަން ފެނުނެނެވެ. އަންހެން ކުއްޖާ އިސްއުފުލައިލިއެވެ. ބިރުވެރި އަސަރުތަކެއް މޫނުމަތިން ފެންނަމުން ދިޔައެވެ. ނާމާންކަމާއި ހާސްވުމުގެ އިހުސާސްތައް އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ.

އައިޝަމަށް ކުއްލި ސިހުމަކަށްވީ އެ މައުސޫމު މޫނު ފެނުމުންނެވެ. ލޯކައިރިން ފައިބަމުން ދިޔަ ލޭތައް ހުރީ ހިކި މޫނުގައި ތަތްވެފައެވެ. ނިތްކުރިން ފަޅައިގެން ގޮސް ލޭތައް ގަނޑުވެފައިވާ ދެތިންތައް ހުއްޓެވެ. އެ އަނިޔާތައް ލިބެމުން އެ ދިޔައީ ދެވަނަ މީހަކަށް ނޫނެވެ. އެއީ އައިޝަމްގެ މިކާޝްއެވެ. މިކާޝްގެ މޫނު ފެނުމުން އައިޝަމްގެ ހިތުގައި ޖެހުނެވެ. އޭނާއަށް ޓަކައި އެފަކީރަށް ލިބެމުންދާ އަނިޔާތަކުންނެވެ. އޭނާގެ ހައްގުގައި ވަމުންދާ ގުރުބާނީގެ ސަބަބުންނެވެ. އައިޝަމަށް ކެތެއް ނުކުރެވުނެވެ. ބާރުބާރަށް ހަޅެއްލަވާގަތެވެ.

އައިޝަމަށް ހޭލެވުނެވެ. އޭނާއަށް މިކާޝްގެ ހާލަތު ހުވަފެނުން ފެނުމުން އިތުރަށް ހާސްވިއެވެ. އޭރު ބޭރު ކުޑަދޮރުފަތް މަޑުމަޑުން ތެޅޭހެން ހީވަމުން ދިޔައެވެ. އައިޝަމް މަޑުމަޑުން އެނދުން ތެދުވެލިއެވެ. (ނުނިމޭ)