ހަބަރު

އާގިލްގެ ފުއްޕާމެއާ ހިތުގައި ބޮޑެތި ޒަހަމްތަކެއް ހުރި: ހެކި

އިބްރާހިމް އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން ފުއްޕާ މެއާއިހިތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭޑިކޭއިން ތައްޔާރު ކޮށްފައިވާ މެޑިކަލް ލީގޯ ރިޕޯޓުން ހާމަވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ، ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ. އާގިލް މަރުވެފައިވަނީ މެޔާއި ކަރަށް ވާ ގޮތަށ ްދީފައިވާ ހަމަލާގެ ސަބަބުންނެވެ.

އާގިލް އަށް ހަމަލާދިނުމުން އޭނާ މަރުވެގެން ވެއްޓިފައި އޮތީ ޖުމްހޫރީ މައިދާނު ކައިރީ ޗާންދަނީ މަގަށް ވާ ގޮތަށެވެ. އޭނާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެމީހެއްގެ މައްޗަށް އުފުލާފަ އެވެ. އެގޮތުން ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާޅިކު އިބްރާހިމަށް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިއްރު ހެއްކާއި އޭޑިކޭގެ މެޑިކަލް ލީގޯ ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތަކާއި ފުލުހުންގެ ތަހްގީގީ ރިޕޯޓުތަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އޭޑީކޭ މެޑިކަލް ރިޕޯޓުން ހާމާވާ ގޮތުގައި އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ އެތެރެއިން ވަނީ ބޮޑު ބާގަނޑެއް އުފެދިފަ އެވެ. އަދި ފުއްޕާމޭގެ ވައަތް ފަޅި ހިނދި ފޫއަޅުވާލާފައި ވުމުން ހިތުގެ ބޭރު ފަށަލަ އަށް ގެއްލުން ލިބި ހިތަށް ވަނީ ލޭއެޅިފައި ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ފުއްޕާމޭގައި ފެން ހެދި ހަށިގަނޑުގެ އެކި ތަންތަނަށްވެސް ވަނީ ފެން ލީކުވެފަ އެވެ. އަދި މެއިން ފެށިގެން ކަރާ ހަމަޔަށް ބޮޑުތަނެއް ކަފައިގެން ގޮސްފައިވާއިރު އޭނާގެ ކޮނޑު ހުޅު ނެއްޓި މޭގެ ބައެއް ކަށިތައްވެސް ވަނީ ބިންދައިގެން ގޮސްފައި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުންވެސް އޭނާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭއެޅި ފުއްޕާމޭގެ ކަނައަތް ފަޅިއަށްވެސް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ބަޔާނަށް ބަލާއިރު އާގިލަށް މީހަކު ހަމަލާދިން ތަން ފެނުނު ކަމަށް އެއްބަޔަކު ވަނީ ބުނެފަ އެވެ. އަދި ހަމަލާދިން މީހާ ގޮވައިގެން އެހެން މީހަކު ސައިކަލުގައި ދިޔަ ކަމަށްވެސް ހެކިންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހަމަލާދިނުމަށްފަހު ތިލާގައި ހަތަރު އިންޗި ހުންނަވަރުގެ ވަޅިއެއް އާގިލްގެ ހަށިގަނޑާއި ދުރުކުރި މަންޒަރު ފެނުނު ކަމަށާއި އޭގެ ފަހަުން އާގިލް ވަރަށް ބާރަށް ހަޅޭލަވައިގަތުމަށްފަހު ދުއްވައިގަތް މަންޒަރު ފެނުންކަމަށްވެސް ހެކިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދައުވާ ލިބޭ ދެ މީހުން ވަނީ މި ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. އަދި އެ ދުވަހު އެފަދަ ހާދިސާއެއް ހިނގައިގެން އުޅެ ކަންވެސް ނޭނގޭ ކަމަށާއި އެ ދުވަހު އެމްއެމްއޭ ކައިރިއަށް ނުދާ ކަމަށްވެސް އެމީހުން ވަނީ ބުނެފަ އެވެ. އަދި އެކަމަށް ހެކިތަކެއްވެސް ހުށަހެޅި އެވެ.

ނަމަވެސް ދައުލަތުން ވަނީ މި ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ނިންމަވާފައިވަނީ ތަހްގީގަށް ދީފައިނުވާ ހެކިތަކެއް ހުށަނޭޅެނެ ކަމަށެވެ. އަދި މިގޮތަށް ގާޒީ ނިންމެވުމުންވެސް މި ނިންމުން ދައުވާ ލިބޭ ފަރާތުން އިސްތިއުނާފް ކޮށްފައިނުވާތީ އިބްތިދާއީ މަރުހަލާގައި ގާޒީ ނިންމެވި ނިންމެވުން ދައުވާ ލިބޭ ފަރާތުންވެސް ގަބޫލު ކޮށްފައިވާކަން ސާބިތުވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

މިއަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ މި މައްސަލާގައި މީގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ތަހްގީގަށް ދީފައިވާ ބަޔާންތަކަށް ރިއާޔަތް ކޯށް އަލުން ހެކި ހުށަހެޅޭނެ ކަމާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މިއަދު ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުވާ ލިބޭ އަލީ މިޖުވާދު މާލިކުގެ ބަންދާ މެދު ގޮތެއް ނިންމަވާފަ އެވެ. ދައުލަތުން މިކަމުގައި ދެކެނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން ދައުލަތުގެ ވަކީލް ވިދާޅުވީ އޭނާ އަށް ކުރެވެނީ ޖިނާއީ އެންމެ ބޮޑެތި ކުށްތަކުގައި ހިމެނޭ ކުށަކަށްވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހުރުން ދަމަހައްޓަން ބޭނުންވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހާގެ ބަންދު ކޮންމެ މަހަކު އެއްފަހަރު ރިވިއު ކުރަންޖެހެ އެވެ.

މިޖުވާދުގެ ވަކީލް ވަނީ އޭނާގެ ބަންދާމެދު މިދިޔަ މަހު ގޮތެއް ނިންމާފައި ނުވާކަން ފާހަގަ ކޮށް އޭނާ ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ހުށަހަޅާފަ އެވެ. އަދި ވަކީލް ވިދާޅުވީ ދައުލަތުން އަމިއްލަ އަމިއްލަ އަށް ކޯޓަށް ހުށަނާޅައި ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. އެހެންކަމުޖން މިޖުވާދު ހުރީ ގައިރު ގާނޫނީ ބަންދެއްގައި ކަމަށް ވަކީލް ވިދާޅުވި އެވެ.

އެކަމަކު ގާޒީ ނިންމެވީ ކުށުގެ ބާވަތުން އޭނާ މުޖުތަމައުއަށް ދޫކުރެވެން ނެތްކަމަށް ކަނޑައަޅައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށް މިއަދުގެ ޝަރީއަތް ނިންމަވާފަ އެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް އެވެ.

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު އެވެ. އޭނާ މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީ އާއި ގުޅިގެން ބަދަލު ހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.