ވިޔަފާރި

ގަލްފް އެއާގެ ދަތުރުތައް އަންނަ މަހު ފަށަނީ

މެދުއިރު މަތިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ އެއާލައިން އެއް ކަމަށްވާ ގަލްފް އެއާ އިން އަންނަ މަހު ރާއްޖެއަށް ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖެ އަށް މީގެ ކުރިން ވެސް މެދުއިރުމަތިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނައި ގަލްފް އެއާ އިން ބުނި ގޮތުގައި އެއާލައިނުން ދަތުރު ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. ގަލްފް އެއާ އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ރާއްޖެ އަށް އުދުހިފަ އެވެ. ނަމަވެސް ޓޫރިޒަމްގެ ސީޒަން ނިމުމުން އެ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.

ބަހްރެރިން އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އެއާލައިނުން އަލުން ދަތުރު ފަށާއިރު ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ321 ނިއޯއެލްއާރު މަރުކާގެ މަތިންދާ ބޯޓެކެވެ. މިއީ 150 ގޮނޑީގެ މަތިންދާ ބޯޓެކެވެ.

ގަލްފް އެއާ އިން މިހާރު އުދުހޭ މަންޒިލްތަކުގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތަކާއި ލަންޑަން އަދި ފްރެކްފަޓް އެތަންސް އަދި މެނީލާގެ އިތުރުން އިންޑިއާގެ އެކި ސިޓީ ތަކާއި ޕާކިސްތާނު ހިމެނެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިހާތަނަށް 14 އެއާލައިން އަކުން ދަނީ ދަތުރު ކުރަމުންނެވެ. އަދި މިހާތަނަށް 41،000 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ.