ލައިފްސްޓައިލް

ރެޑް ކާޕެޓްގެ ހެދުންތަކަށް ސެލެބްރިޓީން ކިޔާ އަގު އެނގޭތަ؟

Oct 18, 2015
1

އަނެއްކާވެސް ހޮލީވުޑްގެ އެވޯޑް ސީޒަން ބޯމަތިވަނީ އެވެ. މި އެވޯޑް ސީޒަނަކީ އޭގެ ޒާތަށް ބަލާއިރު އެވޯޑް ދޭ ހަފުލާއަކަށް ވުރެ ބޮޑަށް ފެޝަން ޝޯއަކާ ވައްތަރު ހަފުލާއެކެވެ. މީގެ ކޮންމެ އެވޯޑް ހަފުލާއެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އޮންނަ ރެޑް ކާޕެޓް ހަފުލާ އަކީ އެންމެ ފަހުގެ ފެޝަންތައް ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީންނާ އެކު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މިސާލަކަށް ފެޝަން ޑިޒައިނަރުންގެ ގިނަ މަސައްކަތްތަކެއް ފެނިގެންދާ ކުލަގަދަ އޮސްކާ އެވޯޑްސްގެ ހަފުލާއަކީ މިފޯރިއެއް އެންމެ ގަދަވެގެންދާ އެވޯޑް ހަފުލާ އެވެ. އެންމެފަހުން ބޭއްވި އޮސްކާ އެވޯޑްސް ހަފުލާ ވެސް 37 މިލިއަން މީހުން ޓީވީ މެދުވެރިކޮށް ލައިވްކޮށް ބެލި އެވެ.

އެވޯޑް ހަފުލާގެ ދެ ތިން ގަޑިއިރުކުރިން ރެޑް ކާޕެޓް ހަފުލާ ފެށިގެން ކުރިއަށްދާއިރު ޓީވީ ޗެނަލްތަކުން ސެލެބްރިޓީންނާއި އެމީހުންގެ ހެދުންތަކާއި ފެޝަން އެކްސެސަރީސްތައް ދުރަށް ފޮނުވަމުން ގެންދެ އެވެ. މީގެ އިތުރުން ޓްވިޓާ އާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއަމްތަކުގައި ވެސް އެންމެ ފޯރި ގަދަ ވާހަކައަކަށް ވެފައި އޮންނަނީ އޭރަކު ކުރިއަށްދާ މީގެ ހަފުލާއެއްގެ ވާހަކަ އެވެ.

މިހުރިހާ ސަބަބުތަކަކާ ގުޅިގެން މި ހަފުލާތަކުގައި ބައިވެރިވާ ސެލެބްރިޓީންގެ ހެދުން ސްޕޮންސާކުރުމަކީ މަޝްހޫރު ފެޝަން ޑިޒައިނަރުންގެ އާދައެކެވެ. ފާހަގަކޮށްލަން ޖެހެނީ އޮސްކާ ފަދަ ހަފުލާތަކާ ދިމާކޮށް ޓޮޕް ޑިޒައިނަރުންގެ އަތުން ސެލެބްރިޓީން އަށް ފައިސާ އޮހޭއިރު ސްޓައިލިސްޓުން ނުވަތަ މޭކަޕް އާޓިސްޓުންނަށް ވެސް މިފަދަ އިވެންޓްތަކުގައި ވަރަށް ބޮޑު ފައިދާއެއް ޖެހޭ ކަމެވެ.

އެގޮތުން މި ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު ރެޑް ކާޕެޓްގައި ވަކި ހާއްސަ ފެޝަން ޑިޒައިނަރެއްގެ ހެދުމެއް ލުމަށް ސެލެބްރިޓީން އާންމުންކޮށް އެއްބަސްވަނީ 250،000 އެމެރިކާ ޑޮލަރަށެވެ.

މަޝްހޫރު، ސެލެބްރިޓީ ސްޓައިލިސްޓެއް ކަމުގައިވާ ޖެސިކާ ޕާސްޓާ ބުނެފައި ވަނީ ރެޑް ކާޕެޓްގައި ވަކި ކަހަލަ ހެދުމެއް ލާން ޖެހިއްޖެ ނަމަ އޭގެ އަގެއްގެ ގޮތުގައި އެއްވެސް ސެލެބްރިޓީ އަކު އެއް ލައްކަ ޑޮލަރަށް ވުރެ މަދު އަގެއް ނުނަގާ ކަމަށެވެ.

ސެލެބްރިޓީން ހެދުން އަޅުވައި މޭކަޕްކޮށްދޭ ސްޓައިލިސްޓުންނަށް ވެސް އާންމުކޮށް ކޮންމެ ސެލެބްރިޓީއެއްގެ އަތުން 30،000 އާއި 50،000 އެމެރިކާ ޑޮލަރުގެ އަގެއް ލިބެ އެވެ.

އެއަށް ފަހު ރެޑް ކާޕެޓްތަކުގައި ސެލެބްރީން ބަދަލުވެގެން މަޝްހޫރު ފެޝަން ބްރޭޑްތަކުގެ އިޝްތިހާރު ބޯޑްތަކަކަށެވެ. ފާހަގަކޮށްލަން ޖެހެނީ އޮސްކާ ފަދަ ހަފުލާތަކުގައި ސެލެބްރިޓީން އަޅާ ހެދުންތަކާއި ބޭނުންކުރާ އެހެނިހެން ފެޝަން އެކްސެސަރީސްތަކުގެ ޑިމާންޑް އާންމުންގެ މެދުގައި ބޮޑުވެ އޭގެ އަގު މި އެވޯޑް ސީޒަންތަކުގައި އަދި މިފަދަ ހަފުލާތަކަށް ފަހު ނިކަން މައްޗަށް އުފުލިގެންދާ ކަމެވެ.

ނަމަވެސް ފެޝަން ޕްރޮމޯޓްކުރުމަށް މަޝްހޫރު ޑިޒައިނަރުންނާއި ސެލެބްރިޓީންނާ ދެމެދު ވެފައިވާ މިފަދަ އެއްބަސްވުންތަކަކީ އެއްގޮތަކަށް އާންމުކުރާ ވާހަކަތަކެއް ނޫނެވެ. ފެޝަން ޑިޒައިނަރުންގެ ހެދުންތައް ލެއްވުމަށް ސެލެބްރިޓީންނަށް ފައިސާ އޮއްސާ ވާހަކަ ދާއިރާގެ ތަޖުރިބާކާރުން ދެއްކިޔަސް މި ވާހަކަ އަކީ ސެލެބްރިޓީން ވެސް އެމީހުންގެ އިންޓަވިއުތަކުގައި އެހާ ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ.