ލައިފްސްޓައިލް

އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ޑަސްބިނަށް!

ކުވައިތުގައި މަސައްކަތްކުރާ މިސުރު މީހަކަށް އޮޅިގެން 8000 ދީނާރު (ގާތްގަނޑަކަށް 26،000 ޔޫއެސް ޑޮލަރު) ކުނި އަޅަން މަގުމަތީގައި ބަހައްޓާފައި ހުންނަ ބިން އަކަށް ލައިފި އެވެ.

ކުވެއިތުގެ ނޫސްތަކުން ބުނި ގޮތުގައި މި ހާދިސާ ހިނގީ އެ ގައުމުގެ އަލް ޖަބްރިޔާ އޭރިޔާގަ އެވެ.

ފައިސާތައް ކުނިއަޅާ އެއްޗަށް ލެވުނުކަން އެނގިގެން އެމީހާ ކުނި އަޅާ އެތި ކައިރިއަށް އަނބުރާ ދިޔައިރު މުނސިޕަލް ޓްރަކުން ވަނީ އެ ކުނިއަޅާ އެތި ނަގައިގެން ގެންގޮސްފަ އެވެ. އެހެންވެ އެމީހާއަށް އޭނާގެ ފައިސާތަކެއް ނުހޯދުނެވެ.
އެމީހާ އަވަހަށް ޕޮލިސް ސްޓޭޝަނަށް ގޮސް މި ވާހަކަ ކިޔައި ދިނެވެ. އަދި ހަމަ އެ ދުވަހު އޭނާ ބޭންކުން 8000 ދީނާރު ނަގާފައިވާ ކަމުގެ ލިޔުން ވެސް ދެއްކި އެވެ.

ފުލުހުން އެމީހާގެ ފައިސާތައް ފެނޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ފައިސާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

އެމީހާ އެ ފައިސާތައް އަޅައިގެން އުޅުނީ ކޮތަޅަކަށެވެ. ގޭގައި ހުރި ކުނި ކޮތަޅުތައް ހިފައިގެން އެ އުކާލަން ދިޔައިރު ފައިސާ ހުރި ކޮތަޅުވެސް އެމީހާއަށް ކުންޏާއެކު ޑަސްޓް ބިނަށް އެއްލާލެއްވުނީ އެވެ. އޭނާއަށް ފައިސާ ހުރި ކޮތަޅު ލެވުނުކަން އެނގުނީ ގެއަށް ވެސް އައި ފަހުންނެވެ. ހަމަ ވަގުތުން އޭނާ ޑަސްޓް ބިން ހުރި ތަނަށް ދިޔަ ނަމަވެސް އޭރު އެ ޑަސްޓްބިން ވަނީ ގެންގޮއްސަ އެވެ.