ލައިފްސްޓައިލް

އެއްމާބަނޑު ދެބެންގެ އުފަން ދުވަހު ދެ ދަރިން ލިބިއްޖެ

އޯޓަމް ޝޯ އާއި އެމްބާ ޓްރަމަންޓަނާ އަކީ އެއްމާބަނޑު ދެ އަންހެނުންނެވެ. މި ދެ މީހުންގެ އުފަން ދުވަހު ދެ މީހުން ވެސް ވަނީ ވިހާފަ އެވެ. އަދި އެވެސް ދެ އަންހެން ކުދިންނެވެ. މިއީ ވަރަށް މަދުން ނޫނީ ފެންނާނެ ކަހަލަ އިއްތިފާގެއް ނޫންކަން ޔަގީނެވެ. މިކަން އަދި މިއަށް ވުރެ ބޮޑު އިއްތިފާގަކަށް ވީ ދެބެން މިފަހަރު ވިހެއީ އެ ދެބެން ވެސް އުފަންވީ ހޮސްޕިޓަލުގައި ކަމަށް ވުމެވެ.

މިހާރު މިވީ ގޮތަކީ އެއްމާބަނޑު ދެބެން އުފަންވި ހޮސްޕިޓަލުގައި ހަމަ އެއް އުފަން ދުވަހެއްގައި އެ ދެބެންނަށް ދެ އަންހެން ދަރިން ލިބުނީ އެވެ. އެމެރިކާގެ ޓެނެސީގެ ނޮކްސްވީލްގައި ދިރިއުޅޭ މި ދެބެން ބުނި ގޮތުގައި އެމީހުން ވިހޭ ކުދިން އުފަން ވެފައިވަނީ އެންމެ 90 މިނިޓުގެ ތަފާތަކުންނެވެ.

މި ދެބެން ފުރަތަމަ ފަހަރަށް ބަލިވެ އިނދެ ވިހާފައި ވަނީ ވެސް ހަމަ ވަރަށް ގާތް ގާތުގަ އެވެ. އެ ފަހަރު ދެ މީހުންނަށް ވެސް ލިބުނީ ދެ ފިރިހެން ދަރިންނެވެ. މި ދެ ކުދިންގެ އުމުރުގައި ހުރީ 10 ހަފުތާގެ ތަފާތެކެވެ.

"އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ދަރިންނަށް ވެސް އަހަރެން ކުޑައިރު ކުރެވުނު ތަޖުރިބާތައް ކުރެވެން. އެހެންވެ ވީހާވެސް އެކު އެކުގައި ވިހަން ބޭނުންވީ. ނަމަވެސް އެއް ދުވަހު ވިހާފާނެ ކަމަކަށް ހިއެއް ނުކުރަން އަދި އެގޮތަށް ޕްލޭނެއް ވެސް ނުކުރަން،" އޯޓަމް އާއި އެމްބާ ބުންޏެވެ.

އެމްބާ އާއި އޯޓަމް އަކީ އެންމެ ތުއްތުއިރުއްސުރެ ފެށިގެން ސްކޫލް ދައުރުގައި އަދި ކޮލެޖާއި ނާސިން ސްކޫލްގައި ވެސް އެކުގައި ކުޅުނު ދެބެންނެވެ. އެހެންވީމާ އެމީހުންގެ ދަރިން ވެސް އެމީހުން ބޭނުންވަނީ އެގޮތަށް އެއްބަނޑު އެއްބަފާ ދެބެން ފަދަ ގާތް ބައެއްގެ ގޮތުގައި އުޅޭށެވެ.

މި ދެބެންނަށް ހޮސްޕިޓަލުގައި ފަރުވާ ދިން ޑޮކްޓަރު ވެސް ބުނެފައިވަނީ ޑޮކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރި 45 އަހަރު ވެސް މިފަދަ އިއްތިފާގެއް ދެކިފައި ނުވާ ކަމަށެވެ. އެއްމާބަނޑު ދެބެންގެ އުފަން ދުވަހު އެ ދެބެންނަށް ދެ ދަރިން ލިބުމެވެ.

"ހަގީގަތުގައި ވެސް މިއީ ވަރަށް އާދަޔާޚިލާފު ގޮތަކަށް ދިމާވިކަމެއް. ދެބެންގެ ޑިއު ޑޭޓް ވެސް އެއް ދުވަހަކަށް ވީމަ ވެސް އަހަރެން ހިތަށް އެރި މިއީ ކިހާ އަޖައިބު އިއްތިފާގެއްހޭ،" ޑޮކްޓަރު ބުންޏެވެ.