މެންޗެސްޓާ ޔުނައިޓެޑް

ވަޒީފާ ގެއްލިދާނެ ވާހަކަ ދައްކަން ބޭނުމެއް ނުވި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗްގެ މަގާމު އޮލޭ ގަނާ ސޮލްޝަޔާ ގެއްލުމުގެ ބިރުވެރިކަން ކުރިމަތި ވެފައިވީ ނަމަވެސް އެ ވާހަކަ ދައްކަން އޭނާ ދެކޮޅު ހަދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވުމުން، އެ ކުލަބުގެ ކުރީގެ ކެޕްޓަން ރޮއި ކީން ބުނެފައި ވަނީ "ސޮލްޝަޔާ މަގާމުން ވަކި ކުރުމުގެ ވަގުތު އޭނާ އާ ކުރިމަތިލާނެ" ކަމަށެވެ. ޗެމްޕިއަންސް ލީގްގައި ރޭ އިސްތަންބޫލް ބަޝްކްޝިއާ އާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވުމުން ނޫސްވެރިން ވަނީ، ކީން ދެއްކި ވާހަކައަށް އިޝާރާތް ކޮށް ސޮލްޝަޔާ އާ ސުވާލު ކޮށްފަ އެވެ.

"ތިކަހަލަ ވާހަކަތަކަށް ޖަވާބު ދިނުން އެއީ އަހަރެން ނުކުރާ ކަމެއް،" ސޮލްޝަޔާ ބުންޏެވެ. "އަދި މިއީ ސީޒަންގެ ކުރީ ކޮޅު، ހުރިހާ ވަގުތެއްގައިވެސް މީހުންގެ ހިޔާލުތައް ބޭރު ވާނެ، އެ ވަގުތުތަކުގައިވެސް ޖެހޭނެ ވަރުގަދަ ކޮށް ހުންނަން. އަހަރެން މަގާމަށް ހަމަޖައްސާފައި ވަނީ ކުލަބުން އަދި އަހަރެން އެކަން މި ކުރަނީ އަހަންނާއި އަހަރެމެންގެ މުވައްޒަފުންނަށް ވީ އެންމެ ރަނގަޅަކަށް."

އެންމެ ފަހު ދެ މެޗުން ލިބުނު ދެރަ ނަތީޖާ ސޮލްޝަޔާ ސިފަ ކުރީ "ބަނޑުމަތީގައި ޖެހުން" ކަމަށެވެ. ޔުނައިޓެޑަށް ކުރިއަށް އޮތީ އެވަޓަންގެ މެޗެވެ. ސޮލސްޔާ ބުނީ އެވަޓަން މެޗުގައި ރަނގަޅު ރައްދެއް ދިނުމަށް ކުޅުންތެރިން ތައްޔާރު ވާނެ ކަމަށް އުންމިދު ކުރެވޭ ކަމަށެވެ.