ދުނިޔެ

ދެކޮރެއާގެ އާއިލާތައް ބައްދަލުކުރާއިރު ގިނައީ ދެއްކުން މަނާ ވާހަކަ!

އުމުރުން 86 އަހަރުގެ އަން ޔޫންޖޫން އޭނާގެ ދެ އަންހެން ކޮއްކޮ އާއި މި ހަފްތާގައި ބައްދަލު ކުރާއިރު އެ ދެބޭންނާއި ބައްދަލު ނުވާތާ މިހާރު 60 އަހަރަށްވުރެ ގިނަ ދުވަސް ވީއެވެ. މި ބައްދަލުވުމުގައި އެ ތިން ބެއިން ބައްދަލުވި ނަމަވެސް ދެއްކުން މަނާ ވާހަކަތައް ބައިވަރެވެ.

ނަވާރަ ސަތޭކަ ފަންސާހުގެ ކުރީކޮޅު ހިނގި ކޮރެއާ ހަނގުރާމައިގާ ދެކޮރެއާ ބައިވިއިރު، ވަރަށް ގިނަ އާއިލާތަކުގެ މެންބަރުން ވަނީ ދެފަޅިއަށް ގޮސް އެއްބަޔަކު އަނެއް ބަޔަކާ ވަކިވެފައެވެ. މަދު މަދުން އާއިލީ ބައްދަލުވުންތައް ދެކޮރެއާއިން ބާއްވާއިރު އާއިލާއާއި ބައްދަލު ވުމުގެ ފުރުސަތު ލިބެނީ ގުރުއަތުން ހޮވޭ މަދު ބަޔަކަށެވެ.

އާއިލީ ބައްދަލު ވުމުގައި ކުރެވޭނެ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން ބުނެދީފައިވާ އަތްމަތީ ފޮތެއް ދެކުނު ކޮރެއާއިން ނެރެފައި ވެއެވެ.

މިފޮތުގައި ގިނައީ ކޮށްގެން ނުވާނެ ކަންކަމެވެ. ދައްކައިގެން ނުވާނެ ވާހަކަތަކެވެ. މި ފޮތުގައި ވާގޮތުން އުތުރު ކޮރެއާގެ ސިޔާސީ ކަންކަމާއި ވެރިކަން ކުރާ ފަރާތްތަކާ ބެހޭ އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. އަދި އުތުރު ކޮރެއާގެ ދިރިއުޅުމުގެ ފެންވަރާ ބެހޭ ގޮތުންވެސް ސުވާލު ކޮށްގެން ނުވާނެއެވެ. އަދި އުތުރު ކޮރެއާ ފަޅިން އަންނަ އާއިލާގެ މެންބަރު ކޮރެއާގެ ވަތަނީ ލަވައެއް ކިޔައި ނުވަތަ ސިޔާސީ އެއްވެސް ވާހަކައެއް ދައްކަން ފަށައިފިނަމަ ހުއްޓުވުމަށާއި ވަގުތުން މައުލޫ ބަދަލު ކުރުމަށް ވެސް މި ފޮތުގައި ބުނެފައި ވެއެވެ.

އަން އޭނާގެ ކޮއްކޮމެން ކައިރީ ކުރަން ހުރި މުހިންމު ސުވާލުތަކެއް އެބަ ހުއްޓެވެ. ތިން ބެއިން ބައްޕަ މަރުވީ ކިހިނެއްތޯ އަހަންވެސް އޭނާ ބޭނުމެވެ. އެކަމަކު އެމީހުންގެ ބައްޕަ އަކީ ދެކޮރެއާ ވަކިވިއިރު ބިން ގިނަ މުއްސަނދި މީހަކަށް ވާތީ ބައްޕަގެ މަރާ ސިޔާސީ ކަމަކާ ގުޅުން އޮވެދާނެ ކަމަށް ބިރުން އެ ސުވާލު ކުރާކަށް ވެސް އޭނާއަކަށް ނުކެރޭނެއެވެ. އޭނާ ބުނީ ބައްޕަ މަރުވީ ކޮން އިރަކުތޯ އަހާނެ ކަމަށެވެ. އިތުރު ވާހަކައެއް އެހުން ނުރައްކަލެވެ.