އިމްތިޔާޒު ފަހުމީ

ރައްޔިތުންގެ ކިބައިން ފުލުހުން މައާފަށް އެދެން ޖެހޭ: އިންތި

ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭނަމަ އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މައާފަށް އެދެން ޖެހޭ ކަމަށް އެމްޑީޕީގެ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވަނީ ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާ އެ ޔަގީންކަން ރައްޔިތުންނަށްވެސް ދެއްވާ ކަމަަށް ސީޕީ ވިދާޅުވިއެވެ.

އެކަމަށް އިޝާރާތް ކުރައްވާ އިމްތިޔާޒު ވިދާޅުވީ އެ ޔަގީންކަން އޮތް ކަމަށްވާނަމަ ކިތަންމެހާވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށެވެ.

"އެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ، 'ޓުރުތު އެންޑް ރީކޮންސިލިއޭޝަން' ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް ދެކެން،" ފެބްރުއަރީ 7، 2012 ގައި ހިނގީ ބަޣާވާތެއް ކަމަށް އެންމެ ހަރުއަޑުން ވިދާޅުވާ އެއް މެންބަރު އިމްތިޔާޒު ވިދާޅުވިއެވެ.

ސީޕީ އިއްޔެ ވިދާޅުވީ ހަތެއް ފެބްރުއަރީި އަކީ މާޒީއެވެ. އެ ހާދިސާއިން ގިނަ ފިލާވަޅުތަކެއް ފުލުހުން ވަނީ ހޯދާފައި ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ނިކުމެ ފުލުހުން ބަޣާވާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް،" ސީޕީ ވިދާޅުވިއެވެ.

ސީޕީގެ ވާހަކަތަކަށް 2012 ގައި އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައްދު ދެއްވާފައެވެ.

ސީޕީގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީގެ (ރިޔާސީ ކޮމިޝަން) ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެކަންކަން ތަންފީޒު ނުވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަންކަން ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ނުކުރޭނެ ކަަމަށެވެ.