ބޮލީވުޑް

ސަލްމާން ޚާން އެންގޭޖްވީބާ؟

Oct 19, 2015
5

އެ ތަރިއެއްގެ ކައިވެންޏަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ ތަރިއަކަށް ސަލްމާން ޚާން ވާނެ އެވެ.

އުމުރުން މިހާރު 49 އަހަރުގެ ސަލްމާން ލޯބީގެ ގޮތުން މާގިނަ މީހުންނާއި ގުޅިފައިނުވި ނަމަވެސް މިއިން އެއްވެސް ގުޅުމެއް ކައިވެންޏާއި ހަމައަށް ގޮސްފައެއް ނުވެ އެވެ.

ސަލްމާންގެ ކާމިޔާބު ފިލްމީ ކެރިއަރުގެ ވާހަކައަށް ވުރެން އޭނާގެ ލޯބީގެ ވާހަކަތަކުގެ އަޑުގަދަވެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައިވާލެއްވެސް ގިނަ އެވެ.

ސަލްމާން އަބަދުވެސް ބެލުންތެރިންގެ ތެރޭގައި މަޝްހުރުވެގެން ގޮސްފައިވަނީ އޭނާގެ ކޯޓް ކޭސްތަކުގެ މައްސަލަތަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ތަރިއަކާއި ދެމެދު ޖެހިގެން އުޅޭ މައްސަލަތަކުގެ ސަބަބުންނެވެ.

ސަލްމާންގެ ކާމިޔާބީ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދަފައިވާ ގިނަ ފިލްމުތަކެއް ރިލީޒްވެފައިވާއިރު، އަމިއްލަ ދިރިއުޅުމުގައި ނުވަތަ ލޯބީގެ ގޮތުން ސަލްމާން އަކީ ވަރަށް ބަދު ނަސީބު މީހެކެވެ.

އުމުރުން މިހާ މައްޗަށް ގޮސްފައިވާއިރުވެސް ސަލްމާން އަދިވެސް ކައިވެނިކުރަން އުޅޭ ކަމުގެ އެއްވެސް ވިސްނުމެއް ހުރި ހެނެއް ހިޔެއް ނުވެ އެވެ.

އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ކެޓްރީނާ ކައިފް އާއި ރުޅިވިފަހުން ވެސް ސަލްމާން އާއި ބޮލީވުޑްގެ އެހެން ބަތަލާއިންނާއި ދެމެދު ގާތްގުޅުމެއް އޮންނަ ކަމަށް ދޭތެރެ ދޭތެރެއިން އަޑުއަރާފައިވީ ނަމަވެސް ބެލެވޭގޮތުގައި ސަލްމާންގެ ހަލާކުވެފައިވާ ހިތުގައި ބޭސް އަޅައިދީފައިވަނީ ރުމޭނިއާގެ ޓީވީ ސެލެބްރިޓީއެއް ކަމަށްވާ ލޫލިއާ ވަންތޫރް އެވެ.

މީގެ ދެއަހަރެއްހާ ދުވަސްކުރިން ސަލްމާންގެ "އޭކް ތަ ޓައިގާ" ކުޅުނު ދުވަސްވަރު ލޫލިއާ އާއި ދިމާވެ މިދެމީހުންގެ ދެމެދުގައި ގާތްގުޅުމެއް އުފެދި، ލޫލިއާ އަކީ ސަލްމާންގެ ލޯބިވެރިޔާ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މިއިން އެއްވެސް ވާހަކައަކީ މާބޮޑު ބުރަދަނެއް ހުރި ވާހަކަތަކަށްވެފައިނުވާއިރު، މަދުން ނަމަވެސް ސަލްމާނާ ލޫލިއާ އެކުގައި ނަގާފައިވާ ފޮޓޯތައް އާންމުވެ އެވެ.

ލޫލިއާ އާއި ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް އަރަން ފެށުމުން ސަލްމާން ވަނީ އޭނާގެ ލޯބިވެރިޔާގެ ގޮތުގައި އާއިލާއަށް ލޫލިއާ ކޮއްކޮ އަރްޕިތާ ޚާންގެ ކައިވެނީގެ ހަފްލާގެ ތެރެއިން މިދިޔަ އަހަރު ތައާރަފުކޮށްދީފަ އެވެ. އަދި ލޫލިއާ އިންޑިއާށް އަންނައިރު ހުންނަ ކަމަށްވެސް ސަލްމާންގެ ގޭގަ އެވެ.

ސަލްމާންގެ އާއިލާއަށް ލޫލިއާ ތައާރަފުކޮށްދިން ހިސާބުން ލޫލިއާ އާއި މެދު އޭނާ ސީރިއަސްކަން އެނގިގެން ދިޔައިރު، އޭނާ ވަނީ ނޫސްވެރިން ކައިވެނިކުރަނީ ކޮންއިރަކުންތޯ ސަމާސާ ރާގެއްގައި މިއަހަރުގެ ތެރޭގައި ކައިވެނިކުރާނެ ކަމަށް ބުނެފަ އެވެ.

މަދުން ނަމަވެސް މިފަހަކަށް އައިސް ލޫލިއާ ސަލްމާންގެ އާއިލާ ބައިވެރިވާ ބައްދަލުވުންތަކުގައި ފެނިގެންގޮސްފައިވާއިރު، އޭނާ ވަނީ ސަލްމާންގެ "ބަޖްރަންގީ ބައިޖާން" ކުޅުނު ދުވަސްވަރު ސަލްމާން އާއި ބައްދަލުކުރަން އެފިލްމުގެ ސެޓަށް ވެސް ގޮސްފަ އެވެ.

ކޮންމެއަކަސް ސަލްމާން އާއި ލޫލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތައް ދެކެވޭތާ މިހާރު ލައްކަ ދުވަސްވެފައިވާއިރު، މިވާހަކަތަކަށް ބާރު ލިބޭ ވާހަކައެއް އަނެއްކާވެސް މިވަނީ ކުރިފަޅާފަ އެވެ. އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ސަލްމާނާއި ލޫލިއާ ވަނީ މިފަހުން އެންގޭޖްވެފަ އެވެ.

މީގެ ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަސްކުރިން އިންޑިއާއަށް ލޫލިއާ ކުރި ދަތުރަށްފަހު އެނބުރި ރުމޭނިޔާ އަށް އައިއިރު އަތުގައި އަނގޮޓިއެއް އޮތް ކަމަށް އޭނާގެ ޕީއާރްގެ ގޮތުގައި މަސައްކަތްކުރާ ފަރާތުން ވަނީ ލޫލިއާ އެންގޭގްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ލޫލިއާގެ ކައިވެނި އަންނަ އަހަރުގެ ކުރީކޮޅުގައި އޮންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިހާރު އިންޓަނެޓްގައި ދައުރުވަމުން އަންނަ ލޫލިއާގެ ފޮޓޯއެއްގައި އޭނާގެ ކަނާތުގެ ކަށި އިނގިލީގައި އަނގޮޓިއެއް އޮންނަ ފޮޓޯއެއް ވަނީ އާންމުވެފަ އެވެ. ބެލެވޭގޮތުގައި މިއީ ސަލްމާން ލޫލިއާގެ އަތުގައި އެޅުވި އެންޖޭގްމަންޓް އަނގޮޓި އެވެ. މިފޮޓޯއާއެކު ސަލްމާނާއި ލޫލިއާ އެންގޭޖްވެއްޖެ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރުލިބޭއިރު، މިފަހަކަށް އައިސް ބައެއް ހަފްލާތަކުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ސަލްމާން އަވަހަށް ކައިވެނިކުރުމުގެ ވިސްނުން ގެންގުޅޭ ފަދަ އިޝާރާތަކުން ވާހަކަދައްކާލެއް ވަނީ ގިނަވެފަ އެވެ.

މިހަބަރާއެކު އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައަކީ ސަލްމާން ހަމަ ހަގީގަތުގައިވެސް ކައިވެނިކޮށްފާނެތޯ އެވެ؟