ލައިފްސްޓައިލް

ކާށިން ފީ ދެއްކޭ ކޮލެޖެއް ބާލީގައި

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ގިނަ ގައުމުތަކެއްގެ މީހުންނަށް ވަރަށް ދަތި ހާލުގައި އުޅެން ވަނީ މަޖްބޫރުވެފަ އެވެ. ބައެއް ގައުމުތަކުގެ އިގްތިސާދު އިނދަޖެހި ރައްޔިތުން ވަނީ ބިކަ ހާލުގައި ޖެހިފަ އެވެ. މި ހާލުގައި ވެސް އިންސާނިއްޔަތަށް ލޯބިކުރާ ބައެއް މީހުން އެމީހުންގެ ދީލަތި އަތްތައް ފަގީރުންނަށް ވަނީ ހުޅުވާލާފަ އެވެ. އަދި އެހާ މުއްސަނދިން ނޫނަސް އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފަގީރުންނަށް އެހީތެރިވަމުން ގެންދެ އެވެ.

އެގޮތުން ބާލީގެ ކޮލެޖަކުން ވަނީ ވަރަށް ރަނގަޅު ނަމޫނާއެއް ދައްކާފަ އެވެ. އެ ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފައިސާ އިން ޓިއުޝަން ފީ ދެއްކޭނެ ފަދައެއް ނެތް ކުދިންނަށް ކާށިން ފީ ދެއްކޭނެ ގޮތް ހަދައިދީފަ އެވެ.
ބާލީގެ ހޮސްޕިޓަލިޓީ ކޮލެޖެއް ކަމަށްވާ "ދަ ވީނަސް ވަން ޓޫރިޒަމް އެކަޑަމީ" އިން މިހާރު ވަނީ ފައިސާ އިން ފީ ނުދެއްކޭ ކުދިންގެ ޓިއުޝަން ފީ ކާއްޓާއި އެނޫންވެސް ގުދުރަތީ ޕްރޮޑަކްޓުން ބަލައިގަންނަން ފަށާފަ އެވެ.

އެ ކޮލެޖުގެ އޮފިޝަލަކު ބުނި ގޮތުގައި ކުދިން ފީގެ ގޮތުގައި ދައްކާ ކާށިން އެ ކޮލެޖުގައި ވާޖިން ކޮކްނަޓް އޮއިލް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"އެންމެ ފުރަތަމަ އަހަރެމެން އިންތިޒާމްކުރީ އިންސްޓޯލްމަންޓަށް ފޫ ދެއްކޭނެ ގޮތްތަކެއް. ނަމަވެސް އެ ގޮތަށް ވެސް ފީ ނުދެއްކޭ ކުދިން ތިބީމަ އެއަށް ވުރެ ރަނގަޅު ގޮތަކަށް ފީގެ ކަންތައްތައް އިންތިޒާމްކުރަން ނިންމީ. އެހެންވީމަ ހެދިގޮތަކީ ކުދިން ކާށި ގެނެސްދިނީމަ އަހަރެމެން ކާށިތެޔޮ ތައްޔާރުކޮށްފަ ވިއްކައިގެން ފައިސާ ހޯދާނީ،" ކޮލެޖުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

މުރަނގަ ފަތާއި ގޮޓު ކޯލާ ފަތުން ވެސް އެ ކޮލެޖަށް ޓިއުޝަން ފީ ބަލައިގަންނަމުން ދެއެވެ. މި ތަކެތި ބޭނުންކުރާނީ ހާބަލް ސައިބޯނި ތައްޔާރުކުރަން ކަމަށް އޮފިޝަލް ބުންޏެވެ.

ދަރިވަރުންނަށް ވެސް އަމިއްލަ އަށް މި ތަކެތި ތައްޔާރުކޮށްގެން ވިއްކުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ވިޔަފާރިއަށް ދަރިވަރުންގެ ލޯ ހުޅުވޭނެ ކަމަކަށް ވާތީ އެވެ.

"އަހަރެމެން ކުދިންނަށް ކިޔައިދީފަ ހުންނާނީ ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތްތައް. އެހެންވީމަ މި ބަލިމަޑުކަމުން އަރައިގަނެވޭއިރު އެ ކުދިން ތިބޭނީ ވަރަށް ރަނގަޅަށް މިކަންކަން ކުރަން ދަސްކޮށްގެން،" އޮފިޝަލް ބުންޏެވެ.