ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ޔޫތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތައް އޮޅޭގޮތަށް އެފްއޭއެމުން ވާހަކަ ދައްކާ ކަމަށް ބުނެ، މިނިސްޓްރީން ބަޔާނެއް ނެރެފި އެވެ.
މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މިއަދު މީޑިޔާތަކަށް ފޮނުވާފައިވާ 15 ފޮޅުވަތުގެ ބަޔާނުގައި ބުނެފައިވަނީ "ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ކުރެވުނު ޚަރަދުތަކާއި ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވާހަކަ ދައްކަމުން ދާތީ މިނިސްޓްރީން އެކަން ނުހަނު ހިތާމަޔާއިއެކު ފާހަގަކުރަމެވެ،" ކަމަށެވެ.
އެ ބަޔާނުގައިވަނީ އިތުރަށް ބުނެފައިވަނީ އެފްއޭއެމާއި މިނިސްޓްރީން ކުރި މަޝްވަރާތަކަށް ފަހު އައްޑޫސިޓީ އާއި ހދ. ކުޅުދުއްފުށީގައި ބޭއްވި މުބާރާތަށް އެފްއޭއެމުން ހުށަހެޅި އަދަދު ކަމަށްވާ 2.7 މިލިއަން ރުފިޔާ މިނިސްޓްރީން ހަމަޖައްސާދީފައިވާ ކަމަށެވެ.
"މީގެ އިތުރުން އައްޑޫ ސްޓޭޑިއަމް އާއި، ކުޅުދުއްފުށީ ސްޓޭޑިއަމް އެންމެހާ އިންތިޒާމުތަކާއި މެޗްތައް ލައިވް ކުރުމަށް ކުރެވުނު ހަރަދުތައްވެސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. ނަމަވެސް "އަވަސް" ނޫހުގައި ޝާއިއު ކޮށްފައިވާ "ޔޫތު މިނިސްޓްރީން އެފްއޭއެމަށް ޖެއްސުން ކުރީތަ؟" މި އާޓިކަލްގައި ޕްރެޒިޑެންޓް ކަޕްގެ މިހަރަދަކީ އެފްއެއޭއެމްއިން ކޮށްފައިވާ ޚަރަދުތަކެއްކަމަށް ދޭހަވާފަދަ އިބާރާތަކުން ލިޔެފައިވާތީ އެމައުލޫމާތަކީ ދޮގުމައުލޫމާތެއް ކަމުގައިވެސް ދަންނަވަމެވެ،" އެފްއޭއެމުގެ ބަޔާނުގައިވެ އެވެ.
ނަމަވެސް ބަޔާން ނިންމާލަމުން ބުނެފައިވަނީ އެފްއޭއެމުން ހިންގާ މުބާރާތްތަކަށް އަބަދުވެސް އެހީތެރިވެދެއްވާ ކަމަށާއި ވަގުތުކުޑަތަންވެފައިވަނިކޮށް، އެފްއޭއެމުން އެދުނު އެކަންކަން ހަމަޖައްސާދީފައިވާނެ ކަމަށެވެ. އަދި އެފްއޭއެމާއި މިނިސްޓްރީން ހުރިހާ ކަމެއް ވެސް ކުރަނީ މަޝްވަރާކޮށްގެން ވަރަށް އެކުވެރި ރޫހެއްގައި ކަމަށެވެ. މިހެންވެ މީޑިޔާތަކުން ލިޔާއިރު ޒިންމާދާރުކަމާއިއެކު ތެދު މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށް ދިނުމަށް މިނިސްޓްރީން އިލްތިމާސް ކުރާ ކަމަށެވެ.
ނަމަވެސް ގަލޮޅު ދަނޑުގެ ވިނަގަނޑު އެފްއޭއެމުން ބުނި މުއްދަތަށް ނުނިމުނު މައްސަލާގައި ދެ ފަރާތުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.