ލައިފްސްޓައިލް

ލޯފަން ދައްތައަށް އިންސާފު ހޯދާދިނީ 8 އަހަރުގެ ކޮއްކޮ

އަށް އަހަރުގެ ފިރިހެން ކޮއްކޮ ދިން ހެކި ބަހަށް ލޯފަން ދައްތަ ރޭޕްކުރި މީހާ ހޯދައި އެ މީހާއަށް ހައްގު އަދަބު ލިބިއްޖެ އެވެ. މިކަން އަމިއްލަ ލޮލުން ފެނުނު ހަމަ އެކަނި ކުއްޖަކީ މި ކުޑަ ކުއްޖާ އެވެ. އެހެންވެ މި ކުއްޖާގެ ހެކި ބަސް އޮތީ ވަރަށް މުހިއްމު އެއްޗަކަށް ވެފަ އެވެ. ނަމަވެސް ކުށްވެރިޔާއަށް ހައްގު އަދަބު ލިބިފައިވަނީ ހަތް އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށް ފަހުގަ އެވެ. މި މައްސަލަ ކޯޓު މަރުހަލާގައި އޮންނަތާ ހަތް އަހަރު ދުވަސް ވެއްޖެ އެވެ.

އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖާ އާއި އޭނާގެ 18 އަހަރުގެ ލޯފަން ދައްތަ 2013 ވަނަ އަހަރުގެ ދުވަހެއްގައި ބޭރަށް ގޮސްފައި އަންނަނިކޮށް ޓެކްސީއެއް މަޑުކޮށްފައި އެޔަށް އެރުމަށް އޭގެ ޑްރައިވަރު ދައުވަތު ދިނެވެ. އެންމެ ކުރިން މި ދެބެން ޓެކްސީ އަށް ނާރަން ވަރަށް ގިނަ ބަހަނާތައް ދެއްކި އެވެ. ނަމަވެސް ޑްރައިވަރު އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން މި ކުދިން ހައްލާލައިގެން ކާރަށް އެރުވީ އެވެ.

ޓެކްސީ ޑްރައިވަރަކީ އެ ދެބެން ނުދަންނަ މީހަކަށް ވިޔަސް އެކުދިން ޓެކްސީއަށް އެރީ އޭގައި އިތުރު ދެ ކުއްޖަކު ވެސް ތިބުމާއެކު އެއީ ޑްރައިވަރުގެ ދަރިން ނުވަތަ ގާތް ކުދިންތަކެއް ކަމަށް ހިތާ އެވެ. ނަމަވެސް ޓެކްސީ ވަކި ވަރަކަށް ދުއްވާފައި ޑްރައިވަރު ވަނީ އޭގައި ތިބި ދެ ކުދިން ކާރުން ބާލުވާފަ އެވެ. އަދި އެއަށްފަހު ދެބެންގެ އަނގަޔަށް ފޮތިކޮއްޕައި ހަޅޭއް ނުލެވޭނެ ގޮތް ހެދުމަށްފަހު ޑްރައިވަރު އަންހެންކުއްޖާ ރޭޕްކުރީ އެވެ.

މި ހާދިސާ އަށް ހަތް އަހަރު ފާއިތުވީއިރުވެސް ކޯޓު މަރުހަލާގައި މި މައްސަލަ ނުނިމި އޮތުމަށްފަހު ދާދިފަހުން ވަނީ މައްސަލަ ނިންމައި ޓެކްސީ ޑްރައިވަރަށް ހުކުމް ކޮށްފަ އެވެ.

އަންހެންކުއްޖާ ރޭޕްކުރި މީހާއަށް ހުކުމްކުރަމުން ފަނޑިޔާރު ވިދާޅުވީ މި ހާދިސާގެ އަސަރު މި ދެބެންނަށް އިންތިހާ ދަރަޖައަށް ކޮށްފައިވާ ކަމަށް ފާހަގަ ކުރެއްވޭ ކަމަށެވެ. އެހެންވެ ބޮޑު ޖޫރިމަނާއަކާއެކު ބުރަ މަސައްކަތާއެކު 20 އަހަރުގެ ޖަލު ހުކުމެއް ފަނޑިޔާރު ވަނީ މި ޓެކްސީ ޑްރައިވަރުގެ މައްޗަށް ކޮށްފަ އެވެ.

އަންހެންކުއްޖާ ރޭޕްކުރީ ޓެކްސީ ޑްރައިވަރުކަމަށް އަށް އަހަރުގެ ފިރިހެން ކޮއްކޮ ދިން ހެކިބަސް ކޯޓުން ގަބޫލުކުރީ އެ ކުއްޖާގެ ވާހަކައިގައި "ތެދުވެރިކަން" ހުރިކަން ކޯޓަށް ގަބޫލު ކުރެވިގެންނެވެ.

ކޯޓުން ކުއްޖާ ދެއްކި ވާހަކަ ގަބޫލުކުރީ އެ ހާދިސާ ހިނގި ގޮތް އަކުރުން އަކުރަށް ކުއްޖާ ކިޔައިދިނީމަ އެވެ. އަދި ކުއްޖާގެ ދައްތަ ދެއްކި ވާހަކަ އާއި ހެކިބަސް ދިން ކުއްޖާގެ ވާހަކައިގައި ކުޑަވެސް ތަފާތެއް ނެތީމަ އެވެ.

"ހެކިބަސް ދިނީ އަންހެންކުއްޖާގެ ކޮއްކޮއަކަށް ވީ ނަމަވެސް އަދި އެކުއްޖާ އަކީ އުމުރުން ވަރަށް ހަގު ކުއްޖަކަށް ވީނަމަވެސް އޭނާގެ ހެކި ބަހާ މެދު ޝައްކު ކުރެވޭނެ އެއްވެސް ތަންކޮޅެއް އަހަންނަކަށް ނުފެނުނު. އެހެންވެ މިހާ ކުޑަ ކުއްޖެއްގެ ހެކިބަހަށް މި ހުކުމް މި ކުރީ،" ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

ސަންޖޭ ނަމަކަށް ކިޔާ މި ޓެކްސީ ޑްރައިވަރަށް ހުކުމް ކުރަން ފަނޑިޔާރު ވިދާޅުވީ އެ މީހާ ރޭޕްކުރި އަންހެންކުއްޖާ އަކީ ލޯފަން ކުއްޖެއްގެ އިތުރުން 18 އަހަރު ކިރިޔާ ފުރިފައިވާ ކުއްޖެއް ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރު އެ އަންހެންކުއްޖާ ރޭޕްކުރީ އެ ކުއްޖާގެ އަށް އަހަރުގެ ފިރިހެން ކޮއްކޮ ބަލަން ހުއްޓާ ކަމަށް ވެސް ކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

މި ދެބެންގެ ފަރާތުން ކޯޓުގައި ވަކާލާތު ކޮށްދިން ގާނޫނީ ވަކީލު ކޯޓުގައި ބުނި ގޮތުގައި ދެބެންގެ އަނގަ ބަންދުކުރުމުގެ ގޮތުން ޓެކްސީ ޑްރައިވަރު މި ދެބެންނަށް ގިނަ އަދަދެއްގެ ފައިސާ ދޭން ވެސް އުޅުނެވެ.

ޓެކްސީ ޑްރައިވަރުގެ ގާނޫނީ ވަކީލު ކޯޓުގައި ބުނީ އެ މީހާގެ އެއްވެސް ކުށެއް ނެތް ކަމަށާއި މިއީ އެކުދިންގެ މަންމަ އާއި އެމީހާ އާ ދެމެދު އޮތް ރުޅިވެރިކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ހަދަ ހަދައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ކޯޓުން މިވާހަކަތަކެއް ގަބޫލެއް ނުކުރި އެވެ.