ލައިފްސްޓައިލް

ކައިވެނި ކުރަން އުޅުނު މީހާ ނައުމުން އާ ގޮތަކަށް ކައިވެނިކޮށްފި

ކައިވެނި ކުރަން ހަމަޖެހިފައި އޮތް ލޯބިވެރިޔާ އާ ރުޅިވެ ކައިވެނި ކުރެވޭގޮތް ނުވުމުން ބްރެޒީލްގެ 33 އަހަރުގެ ފިރިހެނަކު ދެރަވެގެން އުޅުމުގެ ބަދަލުގައި މޮޅު ގޮތަކަށް ކައިވެނި ކޮށްފި އެވެ. އަމިއްލަ ނަފްސާ ކައިވެނި ކޮށްގެންނެވެ. އޭނާ މިހާރު ގަބޫލުކުރަނީ އަމިއްލަ ނަފްސު ދެކެ ލޯބިވުމަށް ވުރެ ރަނގަޅުގޮތެއް ނެތް ކަމަށެވެ.

ޑިއޭގޯ ރަބޭލޯ ލޯބިވެރިޔާ ވިޓޯ ބުއޭނޯ އެންގޭޖްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ވަރަށް ކުލަގަދަކޮށް ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ދެ މީހުން ދިޔައީ ތައްޔާރު ވަމުންނެވެ. ނަމަވެސް ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހި ވަރަށް ޒުވާބު ކުރުމަށްފަހު މި އަހަރުގެ ޖުލައި މަހު ދެ މީހުން ވަނީ އެންގޭޖްމަންޓް ރޫޅާލައި، ވަކިވެފަ އެވެ.

ނަމަވެސް ކުރިން ވެސް ކައިވެނިކުރަން ކަނޑައަޅި ތާރީހުގައި ކޮންމެހެން ވެސް ކައިވެނިކުރަން ޑިއޭގޯ ބޭނުންވި އެވެ. އެހެންވެ ބާހިއާގެ އިޓަކިއާގެ ރިސޯޓެއްގައި އެމީހާ ވަނީ އެ ތާރީހުގައި އަމިއްލަ ނަފްސާ ކައިވެނިކޮށްފަ އެވެ. މި ކައިވެނީގެ ރަސްމިއްޔާތުގައި އާއިލާގެ މީހުންނައި އެކުވެރިން ވެސް ބައިވެރިވި އެވެ.

މި ކައިވެނި އޮތީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ކައިވެނީގެ ކަންތައްތައް ޑިއޭގޯ ފުރިހަމަކުރީ ލޯގަނޑެއް ކައިރީގައި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ އެވެ. ޑިއެގޯ ކައިވެނިކުރާ މަންޒަރުތައް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ.

ކައިވެނީގެ ރަސްމިއްޔާތަށްފަހު ޑިއޭގޯ ބުނީ އެ ދުވަހަކީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. މި ދުވަހަކީ އެންމެ ހިތާމަވެރި އެއް ދުވަހަށް ވާން އޮތް ދުވަހެއް ނަމަވެސް އެއީ ކޮމެޑީ ދުވަހަކަށް އޭނާ އަމިއްލައަށް ބަދަލުކޮށްލީ ކަމަށް ޑިއޭގޯ ބުންޏެވެ.

"އަހަރެން މިކަމާ ދޭތެރޭ މަހެއްހާ ދުވަސް ވަންދެން ވިސްނާފައި އަމިއްލަ ނަފްސަށް އަހަރެން ވާ ލޯބި ފާޙަގަކުރަން ނިންމީ. މި ރަސްމިއްޔާތުގައި އަހަރެންގެ އެންމެ ގާތް 40-50 ވަރަކަށް މީހުން ބައިވެރިވި،" ޑިއޭގޯ ބުންޏެވެ.

ޑިއޭގޯ ބުނި ގޮތުގައި މި ކައިވެނި ކޮށްގެން އޭނާ ދޭން ބޭނުންވީ އެންމެ މެސެޖެކެވެ. އޭނާއަކީ އެއްވެސް މީހަކު ދިން ހިތްދަތިކަމެއްގައި ނުވަތަ އަނިޔާއެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް ނޫން ކަމެވެ.

އަދި އުފަލުން ދިރިއުޅުމެއް ކޮންމެހެން ކައިވެންޏަކަށް ބަރޯސާވާން ނުޖެހޭ ކަމެވެ.

"އެހެން މީހަކާ ކައިވެނިކުރާކަށް އަދި އެހެންމީހަކަށް ދަރިން ހޯދާކަށް އަހަރެން ބޭނުމެއް ނޫން. ނަމަވެސް އަހަރެންގެ އުފާވެރިކަން މިކަމުގައި ގުރުބާން ކުރާކަށް ވެސް ބޭނުމެއް ނޫން،" ޑިއޭގޯ ބުންޏެވެ.