ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރަނީ ގިރަމުންދާުރަށްތަކަށްް ޕޮއިންޓު ދީގެން އެންމެ ނުރައްކާވެފައިވާ ރަށްތައް ތަރުތީބުުކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
ރާއްޖޭގައި ރަށްގިރަން މެދުވެރިވާ ސަބަބުތައްް ހޯދައި އެކަން ހައްލުކުރުމަށް ކުރަމުުންދާ މަސަތްކަތްތަކާއި އެ މަސައްކަތްތަކުގެ ނަތީޖާ ބެލުމަށް އޮޑިޓް އޮފީހުން ވަނީ ހާއްސަ ޕަފޯމަންސް އޮޑިޓެއް ހަދައިފަ އެވެ.
މިގޮތުން، މައިގަނޑު ގޮތެއްގައި 2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކަށް އެ ރިޕޯޓުގައި ބަލާފައިވީ ނަމަވެސް، 2019 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތަކާއި އޭގެން ނުކުތް ނަތީޖާތަކަށް އޮޑިޓު އޮފީހުން ވަނީ ބަލާފައިވާއިރު، އެކަމުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައި އެވެ.
އޮޑިޓު އޮފީހުން ބުނީ ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށްހެން ދިމާވެފައިވާ މައްސަލައަކަށްވީ ނަމަވެސް، 2019 އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ކަނޑައެޅި، ކަމާ ގުޅުންހުރި ގަވައިދެއް ހެދިފައިނެތް ކަމަށެވެ.
އަދި ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން 115 ރަށެއް ގިރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ލިސްޓުކޮށްފައިވީ ނަމަވެސް، ރަށްރަށުން ގިރައިގެންދާ މިންވަރުު އެރަށެއްގެ ކަމާގުޅޭ އިދާރާތަކުން ބަލަހައްޓައިފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ގޮނޑުދޮށް ހިމާޔަތްކުރުމަށް ރަށްތައް ހޮވުމުގައި އަމަލުކުރާނެ އުސޫލެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ތައްޔާރުކޮށް، މިއުސޫލުގެ ދަށުން ގިރަމުންދާ ރަށްތަކަށް ޕޮއިންޓް ދީ، އެންމެ ނުރައްކާވެފައިވާ ރަށްތައް ތަރުތީބުުކޮށްފައި ވީނަމަވެސް، މަޝްރޫއުތައް ހިންގައިފައިވަނީ ތަރުތީބުކުރި ލިސްޓާ އެއްގޮތަށް ކަމުގައިނުވުން،" އޮޑިޓު އޮފީހުން ބުންޏެވެ.
އަދި އެކަމުގެ ސަބަބުން، އެންމެ ބޮޑަށް ގިރަމުންދާ ރަށްތައް ބަޖެޓްގައި ނުހިމެނި، އެފަދަ ރަށްރަށުގެ ރަށްގިރުން އިތުރުވެފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނީ 2013 އިން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޖުމްލަ 23 މަޝްރޫއުއެއް ހިންގާފައިވާއިރު، އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ މަޝްރޫއު ކަނޑައެޅިފައިވާ އަގާއި މުއްދަތުގައި ނިންމިފައިނުވާ ކަމަށެވެ.
އެކަން އެގޮތަށް މެދުވެރިވެފައިވަނީ މަޝްރޫއު ފަށަން ހަދަންޖެހޭ ދިރާސާއަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނެތުމުގެ އިތުރުން މަޝްރޫއުތަކުގެ މަސައްކަތް ރަނގަޅަށް މޮނިޓާ ނުކުރެވުމުގެ ސަބަބުންކަމަށް ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން އެ މަޝްރޫއުތަކުގެ ސަބަބުން އެ ރަށްތަކުގެ ތިމާވެއްޓަށް އަތުވެދާނެ ބަދަލު ދެނެގަތުމަށް އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް އެކަން ރަނގަޅަށް މޮނިޓާ ކުރަމުން ނުގެންދާކަމަށްވެސް އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފައި އެވެ.
އެއާއެކު މައިގަނޑު ގޮތެއްގައި އަށް ކަމެއް އިސްލާހުކުރަން އޮޑިޓު އޮފީހުން ވަނީ ކަމާގުޅޭ އިދާރާތަކަށް ލަފާދީފައި އެވެ.
މިގޮތުން، ރަށްގިރުމުގެ ސަބަބުން ރަށުން ގެއްލިގެންދާ މިންވަރު ދެނެގަތުމަށްޓަކައި ރަށު ކައުންސިލްތަކާ ގުޅިގެން ރަށުން ގިރަމުންދާ ސަރަހައްދުތައް މޮނިޓާކޮށް، ގިރައިގެންދާ މިންވަރު ވަކި ތާވަލެއްގެ ދަށުން ބަލައި ރެކޯޑްކުރުމަށް ވަނީ ލަފާދީފައި އެވެ.
އަދި ރަށްގިރުން ހައްލުކުރަން ހިންގޭ މަޝްރޫއުތައް ނިންމުމަށްފަހު، ރަށާއި ރަށުގެ ވަށައިގެންވާ ފަޅުގެ ސަރަހައްދަށް އަންނަމުންދާ ބަދަލުތައް ބަލައި އެ މައުލޫމާތުު އެއްކޮށް، ކުރިއަށްހުރި މިފަދަ މަޝްރޫއުތައް ރާވާ ހިންގުމަށް ބޭނުންވާު މައުލޫމާތު ހިމެނޭގޮތަށް ރިޕޯޓްތައް ތައްޔާރު ކުރުމަށް އެ ރިޕޯޓުގައި ދިން ލަފާތަކުގެ ތެރޭގައި ހިމެނެ އެވެ.