ވާހަކަ

ކާޝް

(ހަތްވަނަ ބައި)

ދޮރުފޮތިގަނޑުން ދެބައިވެފައިވާ ތަނުގައި އަތްޖައްސައިލަމުން މަޑުމަޑުން ބޭރު ބަލައިލިއެވެ. މުޅި އިމާރާތުގައި ވަނީ މަޑު ރަތްކުލައިގެ އަލިކަމަކުން ރެނދަން ލެވިފައެވެ. މަޑުމަޑު ތުރުތުރެއް ދޮރުފަތުގައި ހުރިކަމުގެ އިހުސާސް އައިޝަމަށް ކުރެވުނެވެ. ހުޅުލެއާ ވީކޮޅަށް ނަޒަރު ހިންގައިލިއެވެ. އާދަޔާ ހިލާފުކަމެއް ފާހަގައެއް ނުކުރެވުނެވެ. އެހެންވެ މަޑުމަޑުން ބަލައިލީ ކުރިން ސުނާމީ ބިނާ ހުރި ސަރަހައްދަށެވެ. މާލެއާ ވީކޮޅުން ބްރިޖު ފެށޭ ހިސާބަށެވެ. އައިޝަމް ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ހެންވޭރު ރާޅު ގަނޑާވީ ސަރަހައްދުގައި ކަމުން ވަރަށް ސާފުކޮށް އެ ސަރަހައްދު ފެނެއެވެ. ނަމަވެސް އެވަގުތު އެ ސަރަހައްދު ފެންނަނީ ހިސާބަކަށް ފުސްވެފައިވާ ތަނެވެ. ހީވަނީ އަލިފާން ރޯވެފައި ވާހެންނެވެ. މުޅި ސަރަހައްދު އޮތީ ރަތް ރީނދޫކުލައިން ދިއްލިފައެވެ. އެހެންވެ އައިޝަމް މަޑުމަޑުން އެ ދިމާއަށް ބަލައިލިއެވެ.

ދެން އޭނާ ބަލައިލީ މިހާރު ސުނާމީ ބިނާހުރި ދިމާއަށެވެ. އޭނާގެ ކޮޓަރި ހުރީ އެ ހުރިހާ މަންޒަރެއް ފެންނަ ހިސާބެއްގައެވެ. ލޮލުގައި އަޅައިގަތީ ސުނާމީ ބިނާގެ ބޯޅަތަކެވެ. ސުނާމީ ބިނާގެ ބޯޅަތަކުގައި ހުރީ އަލިފާން ރޯވެފައެވެ. ކޮންމެ ބޯޅައެއްގައި ވިރިކެކެމުންދާ އަލިފާނެވެ. ބައެއް ބޯޅަތަކުގެ އަލިފާންތައް ދިޔާވެގެން ތިރިއަށް ފައިބަމުން ދިޔައެވެ. ސުނާމީ ބިނާގެ މެދުގައި ހުރި ދަގަނޑުތަކުން މައްޗަށް އަލިދަނޑިއަކަށް ވާގޮތަށް ރަތް ރީނދޫ އަލިގަނޑެއް ވަށައިގެން އެނބުރެމުން ދިޔައެވެ. ރާޅުބާނީތަކެއް ދައުރުވަމުންދާ ގޮތަށެވެ. ތިރިން މައްޗަށެވެ.

އައިޝަމަށް ހުރެވުނީ މަންޒަރު ބަލާށެވެ. އޭނާއަށް ޔަގީންވާ ކަމަކީ އެއީ ދުޝްމަނުންގެ ނިޝާނެއް ކަމެވެ. އެހެންވެ މަޑުމަޑުން ކޮޓަރިން ބޭރަށް ނިކުތެވެ. ބެލްކަންޏަށް ނުކުމެ ހަށީފުރާ ނޭވާއެއް ބޭރުކޮށްލިއެވެ. މާހައުލުގައިވާ އާދަޔާ ހިލާފު ކަންކަން ވަޒަންކޮށްލާށެވެ. އައިޝަމް ނިކުތުމާއެކު އެ އިމާރާތުން ހުރި ރެނދަންތައް އެކުގައި ނެތިގެން ދިޔައެވެ. މުޅި އިމާރާތުގައިވާ ކުލަތައް ފޭދި މަޑު ނޫ އަލިކަމަކުން އިމާރާތް ވަށައިލިއެވެ.

އޭރު ވެސް ސުނާމީ ބިނާ މައިޒާން އޮތީ ކުރިއެކޭ އެއްގޮތަށެވެ. އެހެން ނަމަވެސް އިތުރު ހަރަކާތްތަކެއް އެ ބިނާގެ ވަށައިގެން އުޅޭހެން ހީވެއެވެ. ކަޅުކުލައިގެ ހިޔަނިތަކެއް ބިނާގެ ކޮށިގަނޑުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އިސާހިތަކު ބިނާވެ މެދުގައިވާ މައި އަލިގަނޑު އެކުގައި ފަނޑުވެގެން ދިޔައެވެ. އަދި ހުރިހާ ދަގަނޑު ބޯޅަތަކެއްގައި ދިއްލިފައިވާ އަލިފާންތައް ނިވިގެން ދިޔައެވެ. މުޅި މާހައުލުގައި ގުގުމަމުން ދިޔައީ ހިމޭންކަމުގެ މަޑުމޮޅިކަމެވެ. އަމާންކަމުގެ ރާގުތަކެވެ. ބާރުގަދަ ގޮވުންތަކަކަށްފަހު ތަން ހިމޭންވީމާ ކުރެވޭ އިހުސާސްތަކެކެވެ. އެހެންވެ އައިޝަމް ވެސް މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. ފުރަދަންވަރަކަށްފަހު މިނިވަން އަމާން ދުވަހަކަށް އުއްމީދުކޮށްގެންނެވެ.

"ހަމަ އަސްލު ވެސް. އެހެންވީމަ މި ބިނާއަކީ ސަހަލު ތަނެއް ނޫންތާދޯ. ޝަމް ތިޔަ ކިޔައިދިން ހުރިހާ ވާހަކައަކުން އަހަންނަށް ޝައްކުވަނީ ދުޝްމަނުންގެ ރޭވުމާ މި ބިނާއާ ކޮންމެ ވެސް ގުޅުމެއް ވާކަމަށް." އައިރީން މަޑުމަޑުން އައިޝަމްގެ ގައިގައި ލެނގިލިއެވެ.
އެމީހުން ތިބީ ސުނާމީ ބިނާގެ ކޮށިގަނޑުގައިވާ ބުރުމަތީގައި އިށީނދެގެންނެވެ. މޫދާވީ ކޮޅަށް ބަލަހައްޓައިގެންނެވެ.
"ހިތަށް މިއަރަނީ އެހެން. އެކަމަކު މި ބިނާ... އެއީ ސުވާލަކީ؟ މީ ވަރަށް ފަހުން ހެދި ބިނާއެއް. އަނެއްކާ ބްރިޖު އަޅަން ކުރިން ބިނާ ހުރި ތަން ނޫން ތަނަކަށް މިހާރު މިހުރީ ބަދަލު ވެސް ކޮށްފަ. ދެން ކޮންކަމެއް؟ ކޮބައިބާ މައްސަލައަކީ؟" ދެތިން ވާހަކަ އެއްކޮށްލަމުން ކަންބޮޑުވާ ރާގުގައި އައިޝަމް ވެސް ޖަވާބުދިނެވެ.
"ދެން އެވާހަކަ ބާއްވަމާ. އަހަރެން ހިތަށް މި އަރަނީ...! މިއަރަނީ...؟" އައިރީން ސުވާލެއް ކުރަން ޖެހިލުންވިއެވެ.
"ކީކޭ ހިތަށް އަރަނީ؟ ކުރަން އުޅޭ ސުވާލެއް ކޮށްބަލަ؟ ކަންކަން ހިތުގަ ފޮރުވާކަށް ނުވާނެ." މަޑުމައިތިރި ކަމާއެކު އައިޝަމް ބުނެލިއެވެ.
އޭނާ މަޑުމަޑުން އައިރީންގެ ބޮލުގައި ފިރުމައިލަމުން ކޮނޑުގައި ހިފައިލަމުން ގަޔާ ގާތްކޮށްލިއެވެ.
"ހިތަށް މިއަރަނީ މިކާޝް މަތިން ވަރަށް ހަނދާންވޭދޯއޭ؟ މިކާޝް ދެކެ އެހައި ލޯބިވޭހޭ؟"
"ނުވެޔޭ ބުނެފިއްޔާ ވާނީ ދޮގަކަށްދޯ. އެކަމަކު މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވީ އޭނާގެ ޚަބަރެއް ނުވާތާ. އެހެން ނޫނަސް އަހަރެންނަކަށް މިހާރު ޔަޤީންކަމެއް ނެތް." އައިޝަމްގެ ރާގު ބަދަލުވެ މީހާ މާޔޫސްވެ މަޑުމޮޅިވިއެވެ.
"ކޮން ކަމަކަށް؟" އައިރީން ސުވާލުކޮށްލަމުން އައިޝަމްގެ މޫނަށް ބަލައިލިއެވެ.
"މިކާޝްއަކީ ބައެއްގެ މިލްކެއް. އޭނާއަށް އެމީހުން ހަދަނީ ހަނދާނެ ގޮތެއް. އެފަދަ މީހަކާއެކު އަހަރެން ކިހިނެއް؟ ކިހިނެއް އުޅޭނީ؟"
"ތިބުނީ؟"
"އާނ! ރޭ ވެސް ދުށިން ހުވަފެނުން އޭނާއަށް އެމީހުން އަނިޔާ ކުރާ މަންޒަރުތައް. ދޭތެރެ ދޭތެރެއިން ހުވަފެނުގައި އެ މަންޒަރުތައް ތަކުރާރުވޭ. ހީވާގޮތުން އެމީހުން ބޭނުންވާ ކަންތައް އޭނާ ކޮށްނުދިނީމަ އެކަމުގެ ސަޒާ އޭނާއަށް އެ ލިބެނީ."
"ކޮބައިތަ އެމީހުންގެ ބޭނުމަކީ؟"
"އެމީހުން އުޅެނީ މިކާޝްގެ ބޭނުންކޮށްގެން އަހަރެންގެ ބާރުވެރިކަން ނައްތައިލަން. އެމީހުންނަށް ޔަގީންވާކަމަށްވަނީ އެމީހުންގެ ކިއްލާއަށް ހަމަލާދީ އެމީހުން ނެތިކޮށްލާނީ އަހަރެންކަން. އެހެންވެ އެމީހުން ބޭނުންވަނީ އޭގެ ކުރިން މިކާޝް ފޮނުވައިގެން އަހަރެން... އަހަރެންގެ ހުރި ބާރުތައް ނައްތައިލަން. އެކަމަކު މިކާޝް އެމީހުން ބޭނުންވާ އެއްވެސް ކަމެއް އަދި ނުކުރޭ." އައިޝަމް މަޑުމަޑުންކޮޅަށް ތެދުވެލިއެވެ.
ފަހަތުން އައިރީން ވެސް ކޮޅަށް ތެދުވިއެވެ.
"އެހެންވީމަ ހުރިހާ ކަމަކާ ކުރިމަތިލާން މިޖެހެނީ އަހަންނަށް. އަހަރެންނަކީ މި އާއިލާގެ އުއްމީދު. ބައްޕަގެ އެނބުރި އައުންވަނީ އަހަންނާ ގުޅިފަ. ދުޝްމަނުންގެ ވަކިތަކުން މުޅި އާއިލާ މިނިވަން ކޮށްދެވޭނީ އަހަންނަށް. މިއީ ބޮޑު ހަނގުރާމައެއް. ބޮޑު ޖިހާދެއް. ފާޑެއްގެ ގުރުބާނެއް. ކުރިންވެސް އަހަރެން އަންހެން ކުދިންނާ ދުރުގައި އުޅުނީ މިކަން އިޙްސާސް ކުރެވޭތީ. އަހަންނަށް އެނގޭ އަހަންނާ ގުޅޭ ކޮންމެ މީހަކަށް... ކޮންމެ މީހަކަށް މިކަމުގެ އަސަރު ފޯރާނެކަން. މިކާޝް ވެސް ހަނާވަމުން އެދަނީ އަހަރެންގެ ޙައްޤުގައި. އެއީ އަދި އެމީހުންގެ ބާރުގައި އުޅޭއިރު. އައި ތީ މިކާޝްއާ އަޅައި ބަލައިފަ އެއްވެސް ބާރެއް ލިބިނެތް އާދައިގެ އަންހެން ކުއްޖެއް. އެހެންވީމަ އައިއަށް ކުރާނެ ގޯނާ... ކުރިމަތިވާނެ ގޮންޖެހުންތައް އަހަންނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވޭ." އަސަރުން ފުރިގެންވާ ރާގެއްގައި އައިޝަމް ވާހަކަތައް ކިޔައިދެމުން ދިޔައެވެ.

އައިރީންއަށް އައިޝަމްގެ ކޮނޑުގައި ލެނގިލައިގެން ވާހަކަތައް އަޑުއަހަން ހުރެވުނީއެވެ.

"ޝަމް ހާސްނުވޭ. އަހަންނާ ކުރިމަތިވާ ކޮންމެ ކަމަކަށް ހެޔޮހިތުން އަހަރެން ކުރިމަތިލާނަން. މިއޮތީނު ޝަމް އެޅުވި އަނގޮޓި މިއޮއްވާ އެއްވެސް ކަމެއް ނުވާނެ." އިތުބާރާ ޔަގީންކަމާއެކު އައިރީން ބުނެލިއެވެ.
"އަނގޮޓިން ހުރިހާ ކަމެއް ނުވާނެދޯ."
"ފަހުން އެއްކަލަ އެއްޗެއް ދިމާ ނުކުރޭ. އެކަމަކު އަހަރެން އެކަނި ހުރިއްޔާ ކޮންމެ ރެއަކު ވެސް ބާރައިގެ ފަހުން ގޭގެ ވަށައިގެން ކަޅު ދުންގަނޑެއް އުޅޭކަން އެނގޭ. ދެން އެސޮރު އުނދަގޫ ނުކުރާތީ އަޅައެއް ނުލަން!." އައިރީން ސާބިތުކަމާއެކު ވާހަކަދެއްކިއެވެ.
"ހިނގާ ގެއަށްދަމާ. ހީވަނީ ގޯހެއް ވާން އެބައުޅޭ ހެން." އައިޝަމް ހާސްވާންފެށިއެވެ.
"ތިބުނީ؟"
"އެކަހަލަ އިހުސާސްތަކެއް އެބަކުރެވޭ. އާދަޔާ ހިލާފު ސިގްނަލެއްގެ އަޑު އެބައިވޭ." އައިޝަމް މަތި ބަލައިލިއެވެ.
"މަތިން... އެއްވެސް އެއްޗެއް ނުފެނޭ." އައިރީން ހާސްވިއެވެ.
"ބަލައިބަ މޫދު ތިހިރަ އަރަނީ. ބަލައިބަ ކުދި ބޯޅަތަކެއް ކަހަލަ ނޫކުލައިގެ އެއްޗެއް ތިހިރަ އަރަނީނު." އިނގިލި ދިމާކޮށްލަމުން އައިޝަމް އެ ބިނާގެ ވިލިނގިއްޔާވީ ފަޅިއަށް ކައިރިވެލިއެވެ.

އޭރު މޫދުގެ ސަތަހައިން މައްޗަށް އަރަމުން ދިޔަ ނޫކުލައިގެ ބޯޅަތަކެއްގެ ފަހަތުން ހިމަ ދިގު ރޮނގުތަކެއް ފާޅުވަމުން ދިޔައެވެ. ކޮންމެ ރޮނގެއް ހީވަނީ ދުވަމުންދާ ނަނުގައްޗެއް ހެންނެވެ. ކަތިކަތިލައްވަމުން ރާޅުބާނި ހަރަކާތްތަކަކާއެކު މައްޗަށް އަރަމުން ދަނީއެވެ. އެހެންވެ އެމީހުންނަށް ބަލައިލެވުނީ ވިއްސަކަށް ފޫޓު މައްޗަށެވެ. އޭރު ގޮތް ނޭނގޭ އަނދިރިގަނޑެއް ވަށައިގެން އެ ފަނިތައް ހަރަކާތްތެރިވަމުން ދިޔައެވެ. އެ އަނދިރިގަނޑު އެމީހުންނާ ކައިރިއަށް އަންނަމުންދާ ކަމުގެ އިހުސާސް ކުރެވެމުންދިޔައެވެ. އޭތި ކައިރިވަމުން ދިޔަވަރަކަށް މޫދުގެ ލޮނުގަނޑު ކެކިއަރަމުންދާ މިންވަރު އިތުރުވަމުން ދިޔައެވެ. އެއާއެކު ހިމުން މަޑުމަޑުން އަޑެއް ފަޒާގެ ތެރޭގައި ގުގުމަމުން ދިޔައެވެ.

"އެ އަހަރެންނާ ދިމާކުރާ އެތި އެއީ ފޮތިގަނޑެއް ނޫން. އެއީ ހަމަ އެ އެތި." އައިރީން ހާސްވާން ފެށިއެވެ.
މީހާގެ ހަރަކާތްތައް އަވަސްވަމުން ހިތް ނުތަނަވަސްވަމުން ދިޔައެވެ. އޭރު އެ އިފުރީތު އައިސް ސުނާމީ ބިނާގެ މަތި ވަށައިލަނީއެވެ.
"އައި ހާސްނުވޭ! ކަންބޮޑު ނުވޭ އަހަރެން އެ ސޮރާ ކުރިމަތި ލާނަން. މަޑުމަޑުން މިތަނުގައި އިންނާތި." އައިޝަމް އައިރީންގެ ނިތުގައި ބޮސްދެމުން ބުނެލިއެވެ.

އޭރު އައިރީން ތުރުތުރު އަޅަމުން ދިޔައެވެ. އައިޝަމް އަތްތިލަ ހުޅުވާލަމުން ބިމާވީ ފަރާތަށް ދިއްކޮށްލިއެވެ. އެއާއެކު މަޑުމަޑުން އޭނާ މައްޗަށް އަރަމުން ދިޔައެވެ. ގޮތްނޭނގޭ އެ އިފުރީތާ ކައިރިއަށެވެ. އެސޮރުގެ މޫނު ފާހަގަވާވަރަށް ކައިރިއަށް ދެވުނެވެ. އުދުހެމުން ތިރިއަށް ފައިބަމުން ދިޔަ އެ ފޮތިގަނޑުން އާދަޔާ ހިލާފު ކަންތައްތަކެއް ހާމަ ވަމުން ދިޔައެވެ. އައިޝަމް ބަލައިލީ އެ ބިޔަ ފޮތިގަނޑުގެ މައްޗަށެވެ. ކަނޑުގެ ސަތަހައިން އަރަމުން ދިޔަ ހިމަ ދިގު ރޮނގުތަކެއް ގޮސް ގުޅިފައިވާ ހިސާބަށެވެ. ފެނުނު މަންޒަރުން އޭނާ ސިހިފައި ފަޒާގެ ތެރޭގައި ފަހަތަށް ޖެހިލެވުނެވެ.
އެއީ އޭނާގެ މިކާޝްގެ ސޫރައެވެ. މިކާޝްގެ މޫނެވެ. އެ ދެލޮލެވެ. އެ ދިގު ނޭފަތެވެ. ތަފާތަކީ ކުލައިގެ ތަފާތެވެ. ލޮލުގެ ކަޅިވެސް ދިއްލިފައިވަނީ މަޑު ނޫކުލައިންނެވެ. މޫނުގެ ހަންގަނޑު ވެސް ކަޅު ބަބުރަކަށްވުރެ އަލި ގަދައެވެ. ދޮންކުލައަށްވުރެ ހުދުކަންގަދައެވެ. އެ މޫނުމަތިން ފެންނަނީ ނަފުރަތާއި ރުޅިވެރިކަމެވެ. ބޮލުގެ އިސްތަށިގަނޑުގައިވަނީ ފޮތިގަނޑުން ފޭދެމުން އަރަމުން އައި ހިމަ ދިގު އަލި ރޮނގުތަކެވެ. ދޭތެރެ ދޭތެރެއިން އިސްތަށިގަނޑު ހާމަވެއެވެ. މުޅި މޫނު ވަނީ މަޑު ނޫކުލައިގެ އަލިކަމަކުން ދިއްލިފައެވެ.

"މިކާޝް..." އައިޝަމަށް ބުނެލެވުނެވެ.
"އާން! މީ މިކާޝް. މީ އަހަރެންގެ އަސްލަކީ މީ އަހަރެންގެ މަގުސަދަކީ. އަހަރެންގެ ޒިންމާއަކީ." އެ އިފުރީތު ވާހަކަދެއްކިއެވެ.

އިވުނީ ބަރު އަޑެކެވެ. ތިން ހަތަރު މީހުން އެކުގައި ވާހަކަދެއްކީމައި އަޑުއަންނަހެން ވެސް ހީވެއެވެ. އޭރު އެ އިފުރީތު މަޑުމަޑުން އައިޝަމާ ކައިރި ވަމުން ދިޔައެވެ. އައިޝަމަށް ވައިގެ ތެރޭގައި މަޑުކޮށްލައިގެން އޮވެވުނީއެވެ. މަންޒަރުބަލާށެވެ. އޭރު އެ ބިޔަ ފޮތިގަނޑުން އައިޝަމް ބައްދައިލެވޭ ވަރަށް ދުރުން ވަށައިލިއެވެ. ފޮތިގަނޑެއްފަދަ އެ އެ ސޮރުގެ ގައިގެ އެތައް މިތަނުން ކަޅުކުލައިގެ ދުންތައް އަރަ އަރާ ހުއްޓެވެ. އެ ސޮރުގެ ހަށިގަނޑުގެ މެދު ތެރެއިން މިކާޝް އެންމެ ރީތި ސޫރައިގައި ފާޅުވަމުން ދިޔައެވެ. މަޑުމަޑުން އެ އަލިގަނޑުގެ ތެރެއިން މިކާޝް ކުރިއަށް ޖެހިލިއެވެ. ހަރަކާތެއް ނެތި އައިސް އައިޝަމާ އަރާ ހަމަކޮށްލިއެވެ.

"ކީއްވެ އަހަރެން ދޫކޮށްލައިފަ ޝަމް ދިޔައީ؟ ކީއްވެ އަހަރެން ހޯދަން މަސައްކަތް ނުކުރީ؟" މިކާޝްގެ ސޫރާގައިވާ ޒުވާނާ އައިސް އައިޝަމްއާ ކައިރިވެލިއެވެ.
"އަހަންނަކަށް ނޭނގެ މިކާޝް އުޅުނު ތަނެއް؟ ހޯދަން ދާންވީ ތަނެއް. ކުރަންވީ ކަމެއް. އެހެންވެ..." އައިޝަމް ވެސް މަޑުމަޑުން ކުރިއަށް ޖެހިލިއެވެ.

މިކާޝް މަޑުމަޑުން އައިޝަމްގެ ގައިގައި ބައްދައިލިއެވެ. އަސަރުން ފުރިގެންވާ ގޮތަކަށެވެ. އައިޝަމް ވެސް މިކާޝްގެ ގައިގާ އޮޅުލައިގަތެވެ. ވައިގެ ތެރޭގައެވެ. މިކާޝްގެ ދެއަތަކުން އައިޝަމްގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އޭރު މިކާޝްގެ ދެ ލޯ ވަނީ ރަތް އަނގުރު ގަނޑަކަށްވުރެ ރަތްވެފައެވެ. ކަޅި ފެންނަނީ މަޑު ނޫކުލައިން ދިއްލިފައިވާތީއެވެ. މިކާޝްގެ ދޫ ބޭރަށް ނެރެލިއެވެ. ދޫވަނީ ދެ ކަފިވެފައެވެ. ބޮޑު ދުލެކެވެ. ހީވަނީ އަނގައިގެ ތެރެއިން ހަރުފައެއްގެ ދޫ ނުކުންނަ ހެންނެވެ. އެއިން އެއްވެސް މަންޒަރެއް އައިޝަމަކަށް ނުފެނެއެވެ. އޭނާއަށް ވާނުވާއެއް ނޭގެއެވެ. ހުރިހާ ކަމެއް ވަމުން ދިޔައީ އޭނާގެ ފަހަތުންނެވެ. ފުރަގަހުންނެވެ. އޭރުވެސް އައިޝަމް މިކާޝްގެ ގައިގާ އޮޅުލަމުން ދިޔައެވެ. (ނުނިމޭ)